ދިވެހި ޕްރިމިއާ ލީގު

ރާއްޖޭގެ ލީގުގައި ވެސް ބިދޭސީ ކުޅުންތެރިން އިތުރުކުރަން މަޖުބޫރު؟ ދަރަނީގެ އަނދަވަޅެއް!

އޭއެފްސީގެ ކްލަބު މުބާރާތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އެ އިދާރާއިން އަންނަނީ ބަދަލުތަކެއް ގެންނަމުންނެވެ. މުބާރާތުގެ ފޯމެޓަށް ދާދި މިދާކަށް ދުވަހު ބަދަލު ގެނެސްފައިވެއެވެ. އެ ބަދަލާއެކު ސަރަހައްދީ ފެންވަރުގައި ގިނަ ޓީމުތަކަކަށް ފުރުސަތު ފުޅާވެގެން ދެއެވެ. އެއީ ގްރޫޕް ސްޓޭޖުގެ މެޗުތައް ސަރަހައްދީ ބަހައިލުމުން ލިބުނު ފައިދާއެކެވެ. ކޮވިޑް 19 އާ ގުޅިގެން މުބާރާތްތައް އިންތިޒާމުކުރުމަށް ގެންނަން ޖެހުނު ބަދަލާއެކު، ފޯމެޓުގެ ބަދަލުގެ ބޭނުންވެސް އަދި އެންމެ ހެޔޮކޮށް ހިފިފައެއް ނުވެއެވެ. ސެންޓްރަލައިޒް ކުރަން ޖެހޭތީއެވެ.

އެއީ ގެނެސް ތަންފީޒުކޮށް، ކާމިޔާބުކޮށްފައިވާ ބަދަލެކެވެ. ދެން އޮތީ ކުރިއަށް އޮތްތަނަށް ބަލައިލުމެވެ. އޭޝިއަން ފުޓްބޯލް ފެޑަރޭޝަން (އޭއެފްސީ) އިން މިހާރު ގެންނަން ގަސްދުކޮށް، އެކަން ނިންމާފައިވާ އެއް ކަމަކީ މުބާރާތް ބާއްވާ ދުވަސްވަރަށް ގެންނަން އޮތް ބަދަލެވެ. އަދި ދެން އޮތީ އިނާމު ފައިސާ އިތުރު ކުރުމާއި، ބިދޭސީ ކުޅުންތެރިންނަށް މުބާރާތްތަކުގައި ކުޅެވޭ އަދަދަށް ބަދަލު ގެނައުމެވެ.

އޭއެފްސީގެ މެމްބަރު ގައުމުތަކުން ތާއިދުކުރާ އެ ބަދަލުތައް ފެންނާނީ 2023-24 ވަނަ އަހަރު ސީޒަންގެ މުބާރާތުންނެވެ. އެ ބަދަލުތަކާއެކު އޭއެފްސީގެ މުބާރާތް އިތުރަށް ކުރިއަރައި، ބޮޑުވެގެން ދާނެ ކަމަށް ރައީސް ޝެއިހް ސަލްމާން ބިން އިބްރާހީމް އަލް ހަލީފާ ވިދާޅުވެފައިވެސްވެއެވެ. އެހެންކަމުން އެ ބަދަލުތައް ރަސްމީކޮށް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ.

އެންމެ ބޮޑު އެއް ބަދަލު، ބިދޭސީ ކޯޓާގެ ބަދަލު

އޭއެފްސީން ބަދަލުތައް ގެންނަން ވިސްނަނީ އެ އިދާރާގެ ފުރާޅުގެ ދަށުން ހިންގާ ހުރިހާ މުބާރާތެއްގެ ކަންކަމަށް ބަލައިފައެވެ. ގައުމީ ޓީމުތައް ތަމްސީލު ކުރާ އޭއެފްސީ އޭޝިއަން ކަޕާއި، އޭއެފްސީ 23 އަހަރުގެ މުބާރާތާއި، އޭއެފްސީ އަންހެން ޗެމްޕިއަންޝިޕްގެ އިތުރުން ކްލަބު ފުޓުބޯޅައިގެ އޭޝިއަން ޗެމްޕިއަންސް ލީގާއި އޭއެފްސީ ކަޕެވެ. ސްޕްރިންގް އޯޓަމް މޫސުމުގެ މުބާރާތެއްގައި ގޮތުގައި އޭޝިއަން ޗެމްޕިއަންސް ލީގާއި އޭއެފްސީ ކަޕް އޮތް އޮތުން ނިންމައި، ދުނިޔޭގެ ފުޓުބޯޅައިގެ ކަލަންޑުރުން ކުޅުންތެރިންނަށް ފަސޭހަވާނެ ގޮތަށް މުބާރާތް، އޯޓަމް ސްޕްރިންގް މޫސުމުގައި ބާއްވާ މުބާރާތަކަށް ހަދަން އޭއެފްސީން ވަނީ ނިންމައިފައެވެ.

އޭގެ ސަބަބުން ޔޫރަޕްގައި ކުޅޭ ކުޅުންނަށްވެސް ފަސޭހަވެ، އޭޝިއާގެ ކްލަބު މުބާރާތްތައްވެސް ޔޫރަޕްގެ ސީޒަނާ އެލައިންވާނެއެވެ.

ދެން އޮތީ ރާއްޖޭގެ ލީގަށްވެސް އެންމެ ބޮޑު އަސަރެއް ކުރާނެ ބަދަލެވެ. ބިދޭސީ ކުޅުންތެރިންގެ ކޯޓާގެ އުސޫލަށް އޭއެފްސީން ގެންނަ ބަދެލެވެ. މިހާރު އޮންނަ ގޮތުން، ރާއްޖޭގެ ލީގުގެ ކްލަބުތަކަށްވެސް އޮންނަނީ ބިދޭސީ ހަތަރު ކުޅުންތެރިއެއްގެ ކޯޓާއެވެ. އެއީ އޭޝިއާއިން ބޭރުގެ ތިން ކުޅުންތެރިއެއްގެ އިތުރުން އޭޝިއާގެ އިތުރު ކުޅުންތެރިއަކަށް ފުރުސަތު ދެވޭ ގޮތަށެވެ. އިތުރަށް ސާފުކޮށްލަ ދޭނަމަ، ގެނެވޭނީ ޖުމުލަ ހަތަރު ބިދޭސީ ކުޅުންތެރިންނެވެ: މަދުވެގެން އޭގެން އެއް ކުޅުންތެރިޔަކު އެއީ އޭޝިއާ ކުޅުންތެރިޔަކަށް ވާން ޖެހޭނެއެވެ.

އެ އުސޫލަކީ މިވަގުތު އޭއެފްސީގެ ކްލަބު މުބާރާތްތަކުގައިވެސް އޮތް އުސޫލު ނަމަވެސް، 2023-24 ވަނަ އަހަރުގެ ސީޒަނަށް އުސޫލު ބަދަލުވާނެއެވެ. އެއީ ޖުމުލަ ހަ ބިދޭސީ ކުޅުންތެރިޔަކަށް ފުރުސަތު ދޭނެ އުސޫލަކަށެވެ. އޭގެ ތެރެއިން މަދުވެގެން އެއް ކުޅުންތެރިޔަކީ އޭޝިއާ ކުޅުންތެރިޔަކަށް ވާން ޖެހޭނެއެވެ. ބޮޑު ބަދަލެކެވެ. ރާއްޖޭން އޭއެފްސީ ކަޕަށް ވާދަކުރާ ކްލަބުތަކަށް ކުރިމަތިވާނެ ޗެލެންޖިން ބަދަލެއް ކަމަށް ބެލެވިދާނެއެވެ.

އޭއެފްސީ ކަޕްގެ ކާމިޔާބީއަށް ދިވެހި ޓީމުތައްވެސް ބަދަލަށް ހޭނެން ޖެހޭ

އޭއެފްސީ ކަޕްގެ ފޯމެޓް ބަދަލުކުރުމުގެ ކުރިން، އުނދަގޫ ޗެލެންޖުތަކެއް ކަޑައްތުކޮށް 2005 ވަނަ އަހަރު ރާއްޖޭގެ ނިއު ރޭޑިއަންޓުން އޭއެފްސީ ކަޕްގެ ސެމީ ފައިނަލަށް ދިޔައެވެ. އޭގެ ފަހުން އެންމެ ގިނައިން އޭއެފްސީ ކަޕްގައި ވާދަކުރި މާޒިޔާއަށްވެސް އަދި އިންޓަ ޒޯނަލް ސެމީ ފައިނަލަށް ދެވިފައެއް ނުވެއެވެ. އެހެންނަމަވެސް އަހަރުތަކުގައި މާޒިޔާއިން ވަނީ ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ޓީމުތަކަށް ރަނގަޅު "ފައިޓް"ތަކެއް ދީ، ސަރަހައްދީ ފުޓުބޯޅައިގައި އެ ކްލަބުގެ ފެންވަރު ދައްކާލައިފައެވެ.

ކޮވިޑަށްފަހު ކުޅުނު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތަކުގެ ހާލަތު ތަފާތެވެ. ރާއްޖޭގެ ކްލަބުތަކަށް މާލީ ދަތި ހާލަތްތައް ދިމާވެ، އޭއެފްސީ ކަޕް ޗެލެންޖަކަށް ވެފައި އޮންނަ އިރު، އަވަށްޓެރި ބަންގުލަދޭޝާއި އިންޑިއާގެ ކްލަބުތަކަށް އޮތީ ވިޔަފާރީގެ ކުރިބޯށީގައި ތިބެ ހަރަދު ކުރުމެވެ. އިންޑިއާއާއި ބަންގުލަދޭޝް ކްލަބުތައް ވަރުގަދަވެއްޖެއެވެ. ނަމަވެސް މާޒިޔާއަކީ ފައިސާގެ ގޮތުންނާއި ހިންގުމުގެ ގޮތުން ރާއްޖޭގެ އެންމެ ކުޅަދާނަ، އަދި އެންމެ ސްޓޭބަލް ކްލަބުވެސް މެއެވެ. އެހެންކަމުން އުސޫލަށް ބަދަލު އަޔަސް އަދި ހިތްވަރު އެބައޮތޭ ބުނެވިދާނެއެވެ.

ބިދޭސީ ކުޅުންތެރިންގެ ހަ ޖާގައިގެ އުސޫލާއެކު އޭއެފްސީން 35 ކުޅުންތެރިން، ކްލަބުތަކުގެ ޕްރިލިމިނަރީ ސްކޮޑުގައި ޖަހަން ޖާގަ ދޭނެއެވެ.

ސަރަހައްދީ ކްލަބުތަކަށް ވަރުގަދަކަން ގެނެސްދޭ ވަރުގަދަ ބިދޭސީ ކުޅުންތެރިން، މުސާރަ ބޮޑެތި ބިދޭސީ ކުޅުންތެރިންނާ ވާދަކުރަން ރާއްޖެއިން ދާ ޓީމަށްވެސް ބިދޭސީ ކުޅުންތެރިން އިތުރުކުރަން ޔަގީނުންވެސް އެ ކްލަބުތަކުން އެދޭނެއެވެ. އެއީ ވާދަކުރުމަށެވެ. އެހެންކަމުން ސުވާލަކީ އޭއެފްސީގެ އެ ބަދަލާއެކު ރާއްޖޭގެ ދިވެހި ލީގުގައި މިހާރު އޮތް އުސޫލަށް ބަދަލު އަންނާނެތޯ އޮތް ސުވާލެވެ.

"އަދި އެކަމުގައި ރަސްމީކޮށް ވާހަކަ ނުދެއްކޭ. އެކަމަކު.. އެކަމަކުވެސް އެ ވާހަކަތައް އެބަ ދެކެވޭ. ބިދޭސީ ކުޅުންތެރިން ލީގުގައި އިތުރުކުރާނެތޯ، ނޫނީ ނުކުރާނެތޯ ނިންމާނީވެސް ކްލަބުތަކުގައި ވާހަކަ ދައްކާފައި. މިއީ މާލީ ގޮތުން ބޮޑު ބަދަލެއްވެސް އަންނާނެ ކަމެއްގެ ވާހަކަ މިދައްކަނީ. އެކަމަކު އޭއެފްސީގެ ބަދަލާއެކު ރާއްޖޭގެ ލީގުގައި ބިދޭސީ ކުޅުންތެރިން އިތުރު ކުރަން ޖެހޭނެ ހާލަތަކަށް ދާނެ ކަމަށް ބެލެވޭ،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް "ވަން"އަށް ވިދާޅުވިއެވެ.

މިހާރުވެސް ރާއްޖޭގެ ކްލަބުތަކަށް މުސާރައިގެ މައްސަލަތައް ބޮޑު އިރު، މުސާރަ ބޮޑު ބިދޭސީ ކުޅުންތެރިން ގިނަކުރުން އެއީ ފަސޭހެ ކަމެއް ނޫނެވެ. އެހެން ނަމަވެސް މަދުކޮށް އޮންނަ އުސޫލު އޮވެއްޖެނަމަ، އޭއެފްސީ ކަޕަށް ދާ ޓީމަށް އޮތީ ކޮން މަގެއްތޯވެސް ބަލައިލަން ޖެހެއެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް، ލީގުގައި ކުޅުވާފައި ނޫނީ ކުޅުންތެރިޔަކު އޭއެފްސީ ކަޕްގެ ސްކޮޑުގައި ހިމެނުންވެސް އެއީ ފުޓުބޯޅައިގެ ބުއްދީން ބަލައި އެންމެ ފައިދާ ބޮޑު ގޮތެއް ނޫނެވެ.

"މިހާރު އޭގައި އަމަލުކުރެވިދާނެ ގޮތެއް. އުސޫލަކުން އޭއެފްސީގެ އަދަދަށް ބިދޭސީ ކުޅުންތެރިން ޓީމުގައި ޖެހޭނެ ގޮތެއް ހަދާފައި، ހަމަ ކުރިން އޮންނަ ގޮތަށް ހަތަރު ކުޅުންތެރިޔަކަށް އެއްފަހަރާ ލީގު މެޗުގެ ސްކޮޑުގައި ޖެހޭ ގޮތަށް ހެދިދާނެ. އެއީ އޭއެފްސީއަށް ދާ ޓީމަކަށް އުނދަގޫތަކެއް ދިމާނުވެ، އަދި މިހާރު އޮތް ކްލަބުތަކަށްވެސް ވާދަވެރިވާން އިތުރު ހަރަދެއް ކުރަން ނުޖެހޭނެ ހާލަތެއް ކަމަށް ބެލެވޭ. އެކަމަކު އެއީ ހަމަ ވިސްނުމެއް. އެއީ ހުށަހެޅިދާނެ ގޮތެއް،" ފުޓުބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ، ކްލަބުތަކުގެ ގާތުން މަސައްކަތް ކުރާ ތަޖުރިބާކާރު އޮފިޝަލަކު "ވަން" އަށް ބުންޏެވެ.

ލީގުގައި ޒުވާން ކުޅުންތެރިން ވަރަށް ގިނަ، ފުރުސަތު ގެއްލޭނެތަ؟

ރާއްޖޭގެ ފުޓުބޯޅަ ލީގުގެ ކްލަބުތަކުގައި 20 އަހަރުން ދަށުގެ ގައުމީ ޓީމު އެއްކޮށް ކަހަލަ ގޮތަކަށް އެބައޮތެވެ. އެއީ އުފާވެރިކަމެއް ނަމަވެސް، އެ ޒުވާން ކުޅުންތެރިންނަށް ފައިސާގެ މިނިވަންކަން ފުޓުބޯޅައިން ހޯދެން ނެތުން އެއީ އޮތް ހާސްކަމެވެ. އެއީ ކުޅުންތެރިން ގެއްލުމުގެ އަސްލެވެ. އަނިޔާގެ ހަރަދުތަކުގައި ހިފޭނެ ކްލަބުތައް މަދުވުމާއި މުސާރަ ނުދެވޭ ކްލަބުތައްވެސް ގިނަވުމެވެ.

އެ ހާލަތުގައި، އެފްއޭއެމްވެސް އޮތީ ފައިސާގެ ދަތި ހާލަތެއްގައެވެ. އެ ވާހަކައިގެ ތެރެއިން ދެން ނަޒަރު ހިންގާލަންވީ، ބިދޭސީ ކުޅުންތެރިން ލީގަށް ގިނަކޮށްލުމުން، މިހާރު ދެވެން އޮތް މުސާރަ ދޭންވެސް ގިނަ ކްލަބުތަކަށް އުނދަގޫވެއެވެ. ހާއްސަކޮށް އެ ޒުވާން ކުޅުންތެރިން ސީނިއާ، އެންމެ މަތީ ފަންތީގެ ފުޓުބޯޅައިން ގެއްލޭނެ އިތުރު ސަބަބެއްވެސް މެދުވެރިވެއެވެ. އެއީ ފުރުސަތު ނުލިބުމުގެ ސަބަބުންނެވެ.

އެ ފުރުސަތަށް އެހެން މަގެއް ކޮށަން ޖެހެއެވެ. ޔޫރަޕަށް ނަޒަރު ހިންގާލާ އިރު، ފުޓުބޯޅަ މޮޑެލްތައް ފައްކާވަނީ އެލީޓް ލީގު ވީހާވެސް ބޮޑަށް ވަރުގަދަކޮށް، ޒުވާން ލީގުތަކަށް ޖާގަ ދީގެންކަން އެނގެއެވެ. ހާލަތަށް ބަލައި، ދިވެހި ފުޓުބޯޅަވެސް ކުރިއަށް ދާން އޮތީ ހަމަ އެބީދައިންނެވެ. ފުރަތަމަ ލީގު ވަރުގަދަކޮށް، ދަށުން އަރަން ތިބި ހުނަރުވެރި ކުދިންނަށް ފުޓުބޯޅައިގެ ފުރުސަތު ފަހިކޮށްދީގެންނެވެ. ޔޫތު ލީގެއް ދެމިގެންދާން ޖެހެއެވެ. އެއީ ހުނަރު ގެއްލުނަ ނުދީ ހިފެހެއްޓޭނެ ނިޒާމެވެ.

އެހެންކަމުން އޭއެފްސީގެ ނިންމުމާއި ބަދަލަށް ރާއްޖެއަށް ހޭނެން އޮތީ އުނދަގޫ މަގެކެވެ. އެހެން ނަމަވެސް ސަރަހައްދީ ފުޓުބޯޅައިގެ ވިސްނުމުން ވިސްނާލާ އިރު، އޭއެފްސީގެ ބަދަލަށް ލީގުގެ ފުޓުބޯޅަ ބަދަލުވާން ޖެހެއެވެ. އެއީ ސަރަހައްދީ ފަންތީގައި ދިވެހި ކްލަބުތަކަށް ފުރުސަތު ބޮޑު ކުރުމަށެވެ. ބިދޭސީ ކުޅުންތެރިންގެ އުސޫލަށް، ދިވެހި ލީގަށްވެސް ކޮންމެވެސް ބަދަލެއް ގެންނަން މިހާރު ދަނީ މަޖުބޫރުވަމުންނެވެ.