ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި މާލޭ ރީޖަން ލީގުގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކްލަބުން ކުޅުނު ދެވަނަ މެޗުގައި އިއްޔެ ހަވީރު ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށް އެޓީމުން ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ އުންމީދު ހޯދި އިރު، ގދ. ގައްދޫން ކުޅުނު ދެވަނަ މެޗުގައި ރޭ ހުރާ ބަލިކޮށް، އުންމީދު ދަމަހައްޓައިފިއެވެ.
ގައުމީ ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ބިސް ބުރުން ގްރީން ސްޓްރީޓްސް ބަލިކުރީ، 5-2 ގެ ނަތީޖާއަކުންނެވެ. އަދި ރޭ ކުޅުނު މެޗުގައި ގައްދޫން ހުރާ ބަލިކުރީ 2-1 އިންނެވެ.
ބިސް ބުރުން ފުރަތަމަ ކުޅުނު މެޗުގައި ޓީސީއާ އެއްވަރު ކޮށްފައިވާ އިރު، ގައްދޫ ކުޅުނު ފުރަތަމަ މެޗުގައި ހއ. ދިއްދޫ ކައިރިން އޮތީ ބަލިވެފައެވެ. ދިއްދުއާއި ގައްދޫ އަދި ބިސް ބުރުންވެސް މިހާތަނަށް މޮޅު ހޯދާފައިވާ އިރު، ޓީސީއާއި ހުރާ އަދި ގްރީން ސްޓްރީޓްސްއަށްވެސް އަދި މޮޅެއް ހޯދިފައެއް ނުވެއެވެ.
ބިސް ބުރާއި ގްރީން ސްޓްރީޓްސް ކުޅުނު މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑު ނެގީ ގްރީން ސްޓްރީޓްސްއިންނެވެ. އެއީ 20 ވަނަ މިނެޓުގައި އޮބައިދާ ހާދިމް އަހުމަދު ޖެހި ގޯލެކެވެ. އެހެން ނަމަވެސް ބިސް ބުރުން ވަނީ ފުރަތަމަ ހާފުގައި ހަތަރު ގޯލެއް ޖަހައިފައެވެ. އޭގެ ތެރެއިން ދެ ގޯލް މަހްމޫދު އަޝްރަފް މަހްމޫދު މުސްތަފާ ޖެހި އިރު، އަނެއް ގޯލްތައް ޖެހީ އާމިރް ޝޮއައިބް އެލްސަޑެކް މުހައްމަދެވ. އަދި އަނެއް ގޯލް ޖެހީ މުހައްމަދު ނަޝީދެވެ.
ދެވަނަ ހާފުގައި ގްރީން ސްޓްރީޓްސްގެ އަންސަރު އިބްރާހީމް (އަންކޮ) އިތުރު ގޯލެއް ޖެހި ނަމަވެސް، ބިސް ބުރުން ނިންމާލީ އާމިރުގެ އިތުރު ގޯލަކާއެކުގައެވެ. އެއީ ޕެނަލްޓީއެއްގައި ޖެހި ގޯލެކެވެ.
ރޭ ގައްދޫން މޮޅުވި މެޗުގައި އެޓީމުން ނަތީޖާ ނެރުނީވެސް ފަހަތުން އަރައެވެ. އެއީ 19 ވަނަ މިނެޓުގައި ހުރާގެ އާސިއޭ ގޮމޭޒް އަލްވަރޭޒް ގޯލެއް ޖަހާފައި ވަނިކޮށެވެ. ގައްދޫން ހާފު ނިމުމުގެ ކުރިން 25 ވަނަ މިނެޓުގައި އަލީ އަހުމަދުގެ ގޯލުން އެއްވަރުކުރި އިރު، މޮޅުވީ ދެވަނަ ހާފުގައި އެމަނުއެލް އޮލުބެންގާ މަކިިންޑޭ ޖެހި ގޯލުންނެވެ.
މިއީ ރާއްޖޭގެ އާ ފޯމެޓްގެ ދަށުން ކޮލިފިކޭޝަން ކުޅޭ ފުރަތަމަ ފަހަރެވެ. ފުޓުބޯޅަ ލީގު މުޅި ރާއްޖެއަށް ފުޅާކުރުމަށް އެފްއޭއެމްއިން އިއުލާނު ކޮށްފައިވާ އާ ފޯމެޓްގެ ދަށުން އަތޮޅު މުބާރާތްތަކުގެ އިތުރުން ޒޯން އަދި ރީޖަނަލް މުބާރާތްތައް ވަނީ ކުޅެފައެވެ. ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ވާދަކުރާނީ ނޯތު ރީޖަން، ސެންޓްރަލް ރީޖަން، ސައުތު ރީޖަން އަދި މާލެ ރީޖަން ލީގުތަކުގެ ޗެމްޕިއަނުންނާއި ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނައާއި އަށްވަނަ އަށް ދިޔަ ޓީމުތަކެވެ. އޭގެ ތެރެއިން ޕްރިމިއާ ލީގަށް ދާނީ ހަތަރު ޓީމުންނެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު