ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ހއ. ދިއްދޫ ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން އެއްވަނަ ޑިވިޝަނުގައި ދެމިއޮތުމުގެ އުންމީދު ދަމަހައްޓައިފިއެވެ.
ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޓީސީން ދިއްދޫ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ޓީސީން މިރޭގެ މެޗަށް ނުކުތީ ފުރަތަމަ ކުޅުނު މެޗުގައި ބިސްބުރު ކައިރިން އެއްވަރުވެފައި އޮތުމުންނެވެ. ދިއްދޫން މެޗަށް ނުކުތީ ގދ. ގައްދުއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްގެންނެވެ.
މިހާތަނަށް ދެ ބުރުގެ ކުޅުން ނިމިފައިވާ އިރު، އެއްވަނައިގައި އޮތީ ދެމެޗުން ހަތަރު ޕޮއިންޓާއެކު ބިސް ބުރު ސްޕޯޓްސް ކްލަބެވެ. މާލެ ރީޖަން ލީގުގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ދެވަނައިގައި އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ. ދެ ވަނައިގައި އޮތް ޓީސީއަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ނޯތު ލީގު ޗެމްޕިއަން ހޯދި ދިއްދުއާއި ސައުތު ލީގުގެ ޗެމްޕިއަން ގދ. ގައްދުއަށްވެސް ދެމެޗުން ތިން ޕޮއިންޓް ލިބިފައިވެއެވެ. ކްލަބް ގްރީން ސްޓްރީޓްސްއާއި ސެންޓްރަލް ރީޖަަނުގެ ޗެމްޕިއަން، ކ. ހުރަށް އަދި ހޯދުނީ ދެމެޗުން ޕޮއިންޓެކެވެ.
މެޗުގެ ކުރީކޮޅުގައި ޓީސީއަށް ލީޑު ނަގައިދިނީ އިބްރާހީމް އޮލަޑިމޭ ޖިމޯއެވެ. އެ ގޯލަށްފަހު ރަނގަޅަށް ކުޅެމުން ދިޔަ ޓީސީން ލީޑު ފުޅާކުރީ ހާފުގެ ފަހުކޮޅުގައެވެ. 41 ވަނަ މިނެޓުގައި ޕްރިންސް ބޯޑޫ އެ ގޯލް ޖެހީ ޓީސީ ފަހަތުން ހަސަން އީނާޒް މަތިން ދުއްވާލި ބޯޅައެއް ހޯދަން ދިއްދޫ ޑިފެންޑަރަށް ރަނގަޅަށް މަސައްކަތް ނުކުރެވުމުން ތަނަވަސްވި ފުރުސަތުގައެވެ.
ޓީސީގެ ތިންވަނަ ގޯލަކީ ދެވަނަ ހާފުގެ ކުރީކޮޅުގައި ދިއްދޫގެ ހުސައިން ރަޝީދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. 54 ވަނަ މިނެޓުގައި ޓީސީން ޖެހި އެ ގޯލަކީ އަރިމަތިން ޖިމޯ ނަގައިދިން ހުރަސް، ސާފުކޮށްލަން އުޅުމުގެ ތެރޭގައި ދިއްދޫގެ ހުސައިން ރަޝީދު ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ.
މުޙައްމަދު ޝަމްޢޫން
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު