ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުން ބިސް ބުރު ސްޕޯޓްސް ކްލަބާއި ހއ. ދިއްދޫ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވި އިރު، ޓީސީ ސްޕޯޓްސް ކްލަބުން ރެލިގޭޓް ވިޔަ ނުދީ ހިފަހައްޓާލައިފިއެވެ.

ކޮލިފިކޭޝަންގައި ހަ ޓީމު ކުޅޭ އިރު، ގަދަ ހަތަރު ޓީމަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބެއެވެ. ކޮލިފިކޭޝަންގައި ވާދަކުރަނީ ހަތަރު ރީޖަން ލީގުގެ ޗެމްޕިއަނުންނާއި ނިމިދިޔަ ޕްރިމިއާ ލީގު ސީޒަންގެ ހަތްވަނައާއި އަށްވަނަ ޓީމުތަކެވެ.

ގިނަ މެޗުތަކެއް ނިމިފައިވާ އިރު، އެއްވަނައިގައި އޮތީ ރޭ ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން، ކ. ހުރާ އަތުން 6-3 އިން މޮޅުވި ބިސް ބުރެވެ. ބިސް ބުރުން ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިފައެވެ. ދެވަނައިގައި އޮތީ ހޯދި ޓީސީއެވެ. ޓީސީ އަށް ތިންމެޗުން ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. އަދި، ތިންވަނައިގައި އޮތީ މިއަދު ކްލަބް ގްރީން ސްޓްރީޓްސްއާ 2-2 އިން އެއްވަރުވި ދިއްދުއެވެ. ދިއްދުއަށް ހަތަރު މެޗުން ހަތް ޕޮއިންޓް ވަނީ ލިބިފައެވެ.

އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ފަހު ޖާގައަށް ވާދަކުރަނީ ތިން ޓީމަކުންނެވެ. އެއީ މިވަގުތު ހަތަރު ވަނައިގައި، ތިން މެޗުން ތިން ޕޮއިންޓާއެކު، އޮތް ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގދ. ގައްދޫގެ އިތުރުން، ފަސް ވަނައިގައި ހަތަރު މެޗުން ދެ ޕޮއިންޓާއެކު އޮތް ގްރީން ސްޓްރީޓްސް އަދި ހަވަނައިގައި އޮތް ހުރައެވެ.

ގައްދޫން މިރޭ ކުޅޭ މެޗުން ޓީސީ ކައިރިން މޮޅުވެއްޖެނަމަ، ގްރީން ސްޓްރީޓްސް އާއި ހުރާ، މާލެ ރީޖަން ލީގަށް ރެލިގޭޓްވާނެއެވެ.

ދިއްދުއާއި ގްރީން އިއްޔެ ކުޅުނު މެޗުގައި ދިއްދޫން ފުރަތަމަ ގޯލް ޖެހީ ސެއިންޓް ޑޭން ޖޫމާ ގުމްބަރީއެވެ. އޭގެ މިނެޓް ކޮޅެއް ފަހުން އެލް ސައީދު އަބްދޭލޭ ފައްތާހު އެލް ސައީދު މަހްމޫދު މެޗު އެއްވަރުކުރި އިރު، ދިއްދޫގެ އަނެއް ގޯލް ޖެހީ ހަސަން ރަޝީދެވެ.

ދެވަނަ ހާފު ނިމެން ދަނިކޮށް، އެލް ސައީދަށް ރަތް ކާޑު ދެއްކި އިރު، ގްރީން އެއްވަރުކުރީ އެންމެ ފަހުވަގުތު ކޮޅުގައެވެ. އެ ގޯލް ޖެހީ އޮބައިދާ ކާދިމް އަހުމަދެވެ.

ރޭ ހުރައާއި ބިސް ބުރު ވާދަކުރި މެޗުގައި ހުރާގެ ގޯލްތައް ޖެހީ މުހައްމަދު މާއިޝް މައުސޫމް، އަބްގެޓީ އޮލުމީޑޭ ފާންސިސް އަދި ސާދް އަބްދުލްއަޒީޒު އިބްރާހީމް އެކްމޮކަނެންއެވެ. ބިސް ބުރުގެ ގޯލްތައް ޖެހީ މުހައްމަދު ނަޝީދު، މަހްމޫދު އަޝްރަފް، އާމިރު ޝޮއައިބް އެލް ސަޑެކެވެ. އަޝްރަފް ދެ ގޯލް ޖެހި އިރު، އޮލުމީޑޭ އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.