ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި އިއްޔެއާއި ރޭ ކުޅުނު މެޗުތަކުން ޓީސީ ސްޕޯޓްސް ކްލަބާއި ހއ. ދިއްދޫ މޮޅުވެއްޖެއެވެ.

އިއްޔެ ހަވީރު ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ދިއްދޫން ކ. ހުރާ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި ރޭ ޓީސީން ކްލަބު ގްރީން ސްޓްރީޓްސް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ކޮލިފިކޭޝަނުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާ އިރު، ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން އެއްވަނައިގައި އޮތީ ޓީސީއެވެ. ދެވަނައިގައި އޮތީ ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދުއެވެ. އެއީ ތިން މެޗުން ހަޕޮއިންޓާއެކުގައެވެ. ތިން ވަނައިގައި އޮތް މާލެ ރީޖަން ލީގުގެ ޗެމްޕިއަން، ބިސް ބުރު ސްޕޯޓްސްއަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގދ. ގައްދޫން ހަތަރު ވަަނައިގައި އޮތީ ދެމެޗުން ތިން ޕޮއިންޓާ އެކުގައެވެ.

ގަދަ ހަތަރު ޓީމަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭ އިރު، މިވަގުތު ކޮލިފިކޭޝަނުގެ ފުލުގައި އޮތީ ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން ކ. ހުރާއާއި ގްރީން ސްޓްރީޓްސްއެވެ. ދެޓީމަށް ވެސް ތިން މެޗުން ލިބުނީ އެއް ޕޮއިންޓެވެ. އެއީ، އެ ދެޓީމު ކުޅުނު މެޗުން އެއްވަރުވެ، ލިބުނު ޕޮއިންޓެކެވެ.

އިއްޔެ ހަވީރު ދިއްދޫ މޮޅުވި މެޗުގައި އެޓީމުގެ ބެނާޑް އަނައެލެޗުޖްވޫ އެންވަބުއިސީ ހެޓްރިކް ފުރިހަމަ ކުރި އިރު، ހުރާގެ ގޯލް ޖަހައިދިނީ ސާދް އަބްދުލްއަޒީޒް އިބްރާހީމް އެލްމޮކަނެންއެވެ. މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ދިއްދޫގެ އަރެޕާޑޭ ޖެރީ އޮމްބެބޭއަށް ރަތް ކާޑު ދައްކާފައިވެއެވެ.

ރޭ ޓީސީން ކުޅުނު މެޗުގައި އިބްރާހީމް އޮލަޑިމޭޖީ ޖިމޯގެ ޕެނަލްޓީން ލީޑު ކުރި އިރު، އަނެއް ދެ ގޯލް ފަހުކޮޅުގައި ޖެހީ ޕްރިންސް ބޯޑޫއާއި އައިހަމް ހަމްދޫނެވެ.