ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ހަފުތާގެ މެޗުތައް ރޭ ނިމިގެން ގޮސްފައިވާ އިރު، ލިވަޕޫލަށް ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ލިވަޕޫލް ހިމެނުނު އިރު، ފުރަތަމަ މެޗުގައި ރޭ ރަށުން ބޭރުގައި ނުކުތީ ނަޕޯލީއާ ދެކޮޅަށެވެ. އެ މެޗުގައި ނަޕޯލީން ލިވަޕޫލް ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ރޭގެ ބައްޔަކީ އެ ކްލަބުގެ ޗެމްޕިއަންސް ލީގު ތާރީހުގައިވެސް ފާހަގަކޮށްލެވޭ ބައްޔެކެވެ.

ލިވަޕޫލުން މިހާތަނަށް ހަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ އިރު، ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް ޗެމްޕިއަންސް ލީގުގެ ނަމަށް ބަދަލުވެގެން އައިފަހުން ލިވަޕޫލަށް ކުރިމަތިވި އެންމެ ބޮޑު ބައްޔަކީ 2018-19 ވަނަ އަހަރުގެ ސެމީ ފައިނަލްގައި ބާސެލޯނާ ކައިރީ 3-0 ގެ ނަތީޖާއަކުން ބަލިވި ބަލިވުމެވެ. އެހެންކަމުން ރޭގެ ނަތީޖާއަކީވެސް އެޓީމުގެ ޗެމްޕިއަންސް ލީގު ހަޔާތުގައި ރެކޯޑާ އެއްވަރު ބޮޑު ބައްޔެކެވެ.

ރޭގެ މެޗުގެ އޮއިވަރުގެ ގޮތުން ލިވަޕޫލް ކޮޅަށް އިތުރު ގޯލުތަކެއް ނުވަދެ ސަލާމަތްވީވެސް ކިރިޔާއެވެ. މެޗުގެ ފުރަތަމަ ހާފުފައި ނަޕޯލީން ވަނީ ތިން ގޯލު ޖަހައިފައެވެ. ފުރަތަމަ ގޯލު ޕިއޮޓާ ޒިއެލިންސްކީ ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިން އިރު، ދެވަނަ ގޯލަކީ ޒަމްބޯ އަންގުއޭސާ ޖެހި ގޯލެކެވެ. ނަޕޯލީގެ ތިންވަނަ ގޯލު ޖެހީ ޖިއޮވާނީ ސިމިއޯނީއެވެ. ފުރަތަމަ ހާފުގައި އިތުރު ގޯލެއް ޖަހަން ނަޕޯލީގެ ވިކްޓާ އޮސިމްހެން ޖެހި ޕެނަލްޓީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ މަތަކުރިއެވެ.

ޒިއެލިންސްކީގެ އިތުރު ގޯލަކާއެކު ދެވަނަ ހާފުގެ ކުރީކޮޅުގައި ނަޕޯލީން ލީޑު ފުޅާކުރި އިރު، ލިވަޕޫލްގެ ހަމައެކަނި ގޯލު ޖަހައިދިނީ ލުއިސް ޑިއާޒެވެ.

ލިވަޕޫލް ހިމެނޭ ގްރޫޕް އޭގައި ރޭ ކުޅުނު އަނެއް މެޗުގައި އަޔެކްސްއިން ވަނީ 4-0 އިން ރޭންޖާސް ބަލިކޮށްފައެވެ.

މިފަހަރު ޗެމްޕިއަންސް ލީގުގެ މަރުގެ ގްރޫޕުގެ ގޮތުގައި ގްރޫޕު ސީ ސިފަކޮށްފައިވާ އިރު، އެ ގްރޫޕުގައި ރޭ ބަޔާން މިއުނިކުން ވަނީ ސަންސީރޯގައ އިންޓަ މިލާން ކައިރިން 2-0 އިން މޮޅުވެފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ބަޔާންގެ މެދުތެރެއިން ޖޯޝުއާ ކިމިކް އެއްލި ބޯޅަ ހިތްގައިމު ކޮންޓްރޯލަކުން މަޑުކޮށްލައި ލީޑު ނަގައިދިނީ ލެރޮއި ސާނޭއެވެ. ބަޔާންއިން ތިން ޕޮއިންޓް ޔަގީންކުރީ ދެވަނަ ހާފުގައި ޑެނީލޯ ޑި އެމްބްރޯސިއޯ ޖެހި ގޯލުންނެވެ.

ބާސާއިން ކުޅުނު ގްރޫޕް ސީގެ މެޗުގައި ވިކްޓޯރިއާ ޕްލެޒެން ބަލިކުރީ 5-1 އިންނެވެ. އަމިއްލަ ދަނޑުގައި ބާސާއިން ކުޅުނު މެޗުގައި ރޮބާޓް ލެވަންޑޯސްކީ ބާސާ ޖާޒީގައި ފުރަތަމަ ހެޓްރިކް ހެދި އިރު، ބާސާއަށް ބަދަލުވިފަހުން މިހާތަނަށް ސީޒަނުގައި ފަސް މެޗު ކުޅެ، އަށް ގޯލު ޖަހައިފައިވެއެވެ.

ލެވަންޑޯސްކީގެ އިތުރުން ބާސާގެ ގޯލުތައް ޖަހައިދިނީ ފްރޭންކް ކެސޭއާއި ފެރާން ޓޮރޭސްއެވެ. ވިކްޓޯރިއާގެ ހަމައެކަނި ގޯލު ޖެހީ ޔާން ސީކޯރާއެވެ.

ރޭ ޓޮޓެންހަމްއިން ކުޅުނު ގްރޫޕް ޑީގެ މެޗުގައި މާސޭ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެ ގޯލުވެސް ޖެހީ ރިޗާލްސަންއެވެ. އެ ގްރޫޕުގައި ރޭ އިރާކޮޅުގައި ކުޅުނު މެޗުން ސްޕޯޓިންއިން ފްރޭންކްފާޓާ ވާދަކޮށް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. ގްރޫޕް ބީގައި އެތުލެޓިކޯ މެޑްރިޑުން 2-1 އިން ޕޯޓޯ ބަލިކުރި އިރު، އެ ގްރޫޕްގައި ކްލަބު ބްރޫޖުން ވަނީ 1-0 އިން ބަޔާން ލެވަކޫސަން ބަލިކޮށްފައެވެ.