އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބު މެންޗެސްޓާ ޔުނައިޓެޑުން ރެއާލް މެޑްރިޑްގެ ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނޫސްތަކުން ބުނެފިއެވެ.

ރެއާލްއިން 60 މިލިއަން ޕައުންޑަށް އަގުކޮށްފައިވާ ވަރުގަދަ މިޑްފީލްޑަރު ކަސެމީރޯ ހޯދަން ޔުނައިޓެޑުން މަޝްވަރާތައް ފަށާފައިވާ ކަމަށް އިތުބާރު ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އިނގިރޭސި ނޫސްތަކުން ބުނެފައި ވަނީ ޔުނައިޓެޑުން ކަސެމީރޯއަށް ހުށަހަޅާފައި ވަނީ މުސާރަ ބޮޑު އެއްބަސްވުމެއް ކަމަށެވެ. އެ އެއްބަސްވުމާއެކު ކަސެމީރޯ ޔުނައިޓެޑަށް ޝައުގުވެރިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 30 އަހަރުގެ މިޑްފީލްޑަރު ކަސެމީރޯ ޔުނައިޓެޑްގެ ހުށަހެޅުން ގަބޫލުކޮށްފި ނަމަ، އޭނާ ވާނީ ޔުނައިޓެޑްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށް ކަމަށް ބީބީސީންވެސް ބުނެފައިވެއެވެ. އެހެން ނަމަވެސް އެއްބަސްވުމުގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައި ވަނީ ޔުނައިޓެޑަށް ދިޔުމުގެ ޝައުގުވެރިކަން ކަސެމީރޯގެ އެބަހުރި ކަމަށާއި އެކަމާ ގުޅިގެން ކްލަބާ މަޝްވަރާ ކުރުމުގެ ގޮތުން، ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންސޮލޯޓީއާ މިއަދު ބައްދަލުކުރާނެ ކަމަށެވެ.

ކަސެމީރޯއަކީ މިވަގުތުވެސް ދުނިޔޭގައި ހުރި އެންމެ ބޮޑު އެއް ޑިފެންޑިން މިޑްފީލްޑަރު ކަމަށްވީ އިރު، އޭނާ ވަނީ 2013 ވަނަ އަހަރުން ފެށިގެން ރެއާލް ގައި ކާމިޔާބު ސީޒަންތަކެއް ހޭދަކޮށްފައެވެ. ބްރެޒިލް ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިޔާ ކަސެމީރޯ ވަނީ ރެއާލްއާ އެކު ތިން ލީގު ތަށި ހޯދައި، ފަސް ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.

ރެއާލްއިން އާ ޖީލަކަށް ތައްޔާރުވަމުންދާ ދިޔުމުގައި ކަސެމީރޯ ނެތް ދުވަހަކަށްވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ. 2025 ވަނަ އަހަރާ ހަމައަށް ކަސެމީރޯ ރެއާލްއާ އެކު ހަދާފައިވާ އެއްބަސްވުން އޮތް ނަމަވެސް، އެ ކްލަބުން ވަނީ ޒުވާން މިޑްފީލްޑަރު އޮރެލިއަން ޗުއެމިނީ ފުރަތަމަ 11 އަށް ފައްކާ ކުރަން ފަށައިފައެވެ.

ޔުނައިޓެޑަށް މި ސީޒަންގެ ފެށުން ވަރަށް ބޮޑަށް ދަށްކޮށް ގޮސްފައިވާ އިރު، ލީގުގައި ކުޅުނު ފުރަތަމަ ދެމެޗުން ބޮޑުކޮށް ބަލިވެ، އެޓީމު އޮތީ ތާވަލުގެ ފުލުގައެވެ. އެރިކް ޓެން ހާގު ޔުނައިޓެޑްގެ މެދުތެރެ ރަނގަޅު ކުރުމަށް ކުޅުންތެރިޔަކު ހޯދަން ބުރަކޮށް މަސައްކަތް ކޮށްފައިވާ އިރު، މީގެ ކުރިން ގެންދަން މަސައްކަތް ކުރި އެޑްރިއަން ރެބިއޯ އަދި ފްރޭންކް ޑިޔޯންގާ އެކުވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.