އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި އާސެނަލް ކުޅުނު މެޗުތައް ކާމިޔާބުކުރި އިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް ވާދަކުރި މެޗު އެއްވަރުވެއްޖެއެވެ.
އިންޓަނޭޝަނަލް ބްރޭކަށްފަހު ފުރަތަމަ މެޗުތައް މިރޭ ކުޅެފައިވާ އިރު، އާސެނަލުން އަމިއްލަ ދަނޑުގައި ލީޑްސް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ޗެލްސީން އަމިއްލަ ދަނޑުގައި 5-1 އިން ބޯންމައުތު ބަލިކުރި އިރު، ޔުނައިޓެޑުން އަމިއްލަ ދަނޑުގައި އެއްވަރުވީ 1-1 އިންނެވެ. މެޗުގެ ފަހު 15 ވަރަކަށް މިނެޓުގައި ޓޮޓެންހަމްއިން ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ 78 ވަނަ މިނެޓުގައި ރޮޑްރިގޯ ބެންޓަންކޫރަށް ދެއްކި ރަތް ކާޑާއެކުގައެވެ.
އާސެނަލުން ކުޅުނު މެޗުގައި އެޓީމުން ފުރަތަމަ ޕްރެޝަރު ކުރިއެވެ. އެހެން ނަމަވެސް ހަމަލާތައް ފެނުނީ މަދުކޮށެވެ. ކުރީކޮޅުގައި ބުކަޔޯ ސަކާ އުފެއްދި ހަމަލާ ލީޑްސް ކީޕަރު ޖޭމްސް ޓްރެފޯޑު އަތަށް ދިޔަ އިރު، އޭގެފަހުން ލީޑްސްއިން ނުރައްކާކުރިއެވެ. ލީޑްސްގެ އެންޓޯން ސްޓޭޝްއަށް ރަނގަޅު ފުރުސަތެއް ލިބި، އެ ފުރުސަތުވީ ބޭކާރެވެ. އޭގެފަހުން އީތަން އަމްޕަޑޫއާއި ގެބްރިއަލް ގުޑްމުންޑްސޮންގެ ހަމަލާތައްވެސް ފެނިގެން ދިޔަ އިރު، ގުޑްމުންޑްސޮން ފޮނުވާލި ހަމަލާ މަތަކުރީ ޑޭވިޑް ރާޔާއެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް އައޯ ޓަނަކާ އުފެއްދި ހަމަލާވެސް ރާޔާ މަތަކުރި އިރު، މެޗުގެ 55 ވަނަ މިނެޓުގައި ލީޑްސްއިން ލީޑު ނެގިއެވެ. އެ ގޯލް ޖަހައިދިނީ ޖޭމްސް ޖަސްޓިންއެވެ.
އެހެން ނަމަވެސް ޗެމްޕިއަން އާސެނަލުން ވަނީ ފަހަތުން އަރައި މެޗު ކާމިޔާބު ކޮށްފައެވެ. އެ ގޯލަށް މާގިނައިރެއް ނުވެ ރިކާޑޯ ކަލަފިއޯރީގެ ގޯލުން އާސެނަލް އެއްވަރުކުރި އިރު، އޭގެ ފަހުން ކަލަފިއޯރީއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ރަނގަޅަކަށް ނުހިފުނެވެ. އާސެނަލުން މޮޅެއް ހޯދަން ކުރި މަސައްކަތް ކާމިޔާބުކޮށްދިނީ ބަދަލަކަށް ނުކުތް ބްރޫނޯ ގިމަރޭޝްއެވެ. އެ ގޯލް 70 ވަނަ މިނެޓުގައި ގިމަރޭޝް ޖަހައިދިނީ ޑެކްލަން ރައިސް ތަނަވަސްކުރި ފުރުސަތެއްގައެވެ.
ޗެލްސީން މިރޭ ފެނުނީ ތަފާތު އެޓޭކިން ފޯމެއްގައެވެ. އިންޓަނޭޝަނަލް ބްރޭކްގެ ކުރިން އެޓީމުގެ ނަތީޖާތައް ދަށްކޮށް ދިޔަ ނަމަވެސް، މިރޭ ފެށިގެން ތިން މިނެޓު ތެރޭގައި ދެ ގޯލް ޖެހިއެވެ. ޗެލްސީއަށް ދެވަނަ މިނެޓުގައި ލީޑު ނަގައިދިނީ ޖޯޑަން ހެންޑަސަންއެވެ. ކޯލް ޕާމާގެ މަަސައްކަތުން ތަނަވަސްކުރި ފުރުސަތުގައި އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލްގެ ކަނަށެވެ. އޭގެ މިނެޓެއް ފަހުން މޯގަން ރޮޖާސް ޗެލްސީއަށް ދެވަނަ ގޯލް ޖަހައިދިނެވެ.
އޭގެ އިތުރުންވެސް ފުރަތަމަ ހާފުގައި ޗެލްސީން ޑޮމިނޭޓް ކުރި އިރު، ޕާމާއާއި ޖޮއާއޯ ޕެޑްރޯއަށް ރަނގަޅު ފުރުސަތަކެއް ތަނަވަސްވިއެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގައި އެ ފުރުސަތުތަކުގެ ބޭނުން ނުހިފި، ހާފު ނިމުނީ އެ ނަތީޖާގައެވެ.
ދެވަނަ ހާފުގެވެސް ފުރަތަމަ މިނެޓުގައި ޗެލްސީން ގޯލް ޖެހިއެވެ. ޖޮއާއޯ ޕެޑްރޯ ގޯލް ޖެހީ ޕެޑްރޯ ނެޓޯ ޖައްސާލި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. އޭގެފަހުން ބޯންމައުތުން ކޮންމެވެސް ވަރަކަށް ގޭމް ތެރެއަށް ވަދެ ނުރައްކާކުރިއެވެ. އެވަނިލްސަންއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބާރު ހަމަލާއެއް ޗެލްސީ ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރި އިރު، 51 ވަނަ މިނެޓުގައި އޭނާ ވަނީ ކޯނަރެއްގައި ފަރަގު ކުޑަކޮށްފައެވެ.
އެހެން ނަމަވެސް ދެންވެސް ފެނުނީ ޗެލްސީގެ ތަފާތެވެ. ޖޮއާއޯ ޕެޑްރޯގެ އިތުރު ގޯލެއް ފެނިގެން ދިޔަ އިރު، ހެންޑަސަން ވަނީ 70 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމެއްވެސް ގޯލަށް ވައްދާލައިފައެވެ.
ޔުނައިޓެޑުން މިހާތަނަށް ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއާއެކު މިއީ 1986-87 ވަނަ އަހަރު ސީޒަނަށްފަހު އެޓީމުގެ އެންމެ ދަށް ފެށުމެވެ. އެހެންކަމުން މިއީ މިދިޔަ 40 އަހަރުގައިވެސް ލީގުގެ އެންމެ ދަށް ފެށުމެވެ. އަނެއްކޮޅުން އެމެޗަށް ނުކުތް ޓޮޓެންހަމްއަށްވެސް އަދި މިސީޒަނުގެ ލީގުގައި މޮޅެއް ނުހޯދެއެވެ. ހަމެޗުން އެޓީމަށް ތިން ޕޮއިންޓް ލިބިފައި ވަނީ ތިން މެޗުން އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފަރާތުން ފެނުނީ އެންމެ ހަމަލާއެކެވެ. އަމަޑް ޑިއާލޯ ފޮނުވާލި ބޯޅަ ސީދާ އެންޓޯނިން ކިންސްކީ އަތަށް ދިޔަ އިރު، ޓޮޓެންހަމްއަށްވެސް އެ ހާފުގައި ނުރައްކަލެއް ނުކުރެވުނެވެ. ހާފު ނިމުނުތަނާ ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ ޓީމުގެ ކުޅުމަށް ނުރުހުން ފާޅުކޮށްފައެވެ.
ދެވަނަ ހާފު ފެށިގެން ޓޮޓެންހަމްއިން ތަންކޮޅެއް ރަނގަޅަށް ކުޅުނު ނަމަވެސް، ގޯލް ޖެހީ ޔުނައިޓެޑުންނެވެ. 73 ވަނަ މިނެޓުގައި އެ ގޯލް ޖަހައިދިނީ ބްރަޔަން އެމްބުއޭމޯއެވެ. އޭގެ އިރުކޮޅެއްފަހުން ބެންޓަންކޫރަށް ރަތެއް ދެއްކީ ބޯޅަ ނެތި ލޫކް ޝޯއަށް ހަމަލާ ދިނުމުންނެވެ. ކުޅުންތެރިންޔަކު މަދުކޮށް ކުޅެމުންދިޔަ ޓޮޓެންހަމްއިން މެޗު އެއްވަރުކުރީ އިތުރު ވަގުތުގައެވެ.
ސާންޑްރޯ ޓޮނާލީ ނަގައިދިން ބޯޅަ އުނދަގޫ ގޮތަކަށް ބޮލުން ގޯލަށް ވައްދާލީ ޑޮމިނިކް ސޮލާންކޭއެވެ. އޭނާ ބޯޅައިގައި ޖައްސާލީ ލިސާންޑްރޯ މާޓިނޭޒާ ދެކުޅުންތެރިންވެސް ހިފަހައްޓައިގަނެގެން ބޯޅައަށް މަސައްކަތް ކުރަން އުޅުމުގެ ތެރޭގައެވެ.
މިރޭ މޮޅުވި އާސެނަލުން ލީގު ތާވަލުގެ ދެވަނައިގައި އޮތީ ހަ މެޗުން 15 ޕޮއިންޓާއެކު ފައިދާ ފަސް ގޯލާއެކުގައެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ފަސް މެޗުން އެ އަދަދަށް ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އަތުގައި ފައިދާ އަށް ގޯލް އެބައޮތެވެ. ޗެލްސީން ވަނީ މޮޅަކާއެކު ފަސްވަނައަށް ޖެހިލައިފައެވެ. އެއީ ހަ މެޗުން 10 ޕޮއިންޓާއެކުގައެވެ.
ޔުނައިޓެޑް އޮތީ 12 ވަނައިގައެވެ. އެއީ ހަ މެޗުން ހަ ޕޮއިންޓާއެކުގައެވެ. ޓޮޓެންހަމް 18 ވަނައިގައި އޮތް އިރު، ބޯންމައުތުވެސް އޮތީ 17 ވަނައިގައެވެ. އަދި ލީޑްސް އޮތީ ހަވަނައިގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
ކޮމެންޓް