މެންޗެސްޓާ ޔުނައިޓެޑްގައި ހޭދަކުރި ދުވަސްތަކުގައި ފެއިލްވީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ސަބަބުން ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގު ބުނެފިއެވެ.
ފުޓުބޯޅަ ލެޖެންޑް ރޮނާލްޑޯ، 41 ދެވަނަ ފަހަރަށް ޔުނައިޓެޑަށް ކުޅުމަށްފަހު 2023 ވަނަ އަހަރު ކްލަބު ދޫކޮށް ދިޔައީ އޭރުގެ ކޯޗު ޓެން ހާގާ މައްސަލަ ޖެހިގެންނެވެ. އެފަހަރު ކްލަބު ދޫކޮށްލުމަށްފަހު ރޮނާލްޑޯ ސައުދީ އަރަބިއާގެ އަލް ނަސްރަށް ބަދަލުވުމުގެ ކުރިން ރޮނާލްޑޯ ވަނީ ޔުނައިޓެޑްގެ އެކި ކަންކަމަށް ފާޑު ކިޔާފައެވެ. އެެ ފާޑުކިޔުންތަކުގެ ތެރެއިން ކޯޗު ޓެން ހާގަށްވެސް އޭނާ ބަހުގެ ހަމަލާތައް ރައްދު ކޮށްފައިވެއެވެ.
ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލިތާ ގާތްގަނޑަކަށް އަހަރެއްގެފަހުން ޓެން ހާގު ކޯޗުކަމުން ވަކިކޮށްފަިއވާ އިރު، ޔުނައިޓެޑުން އޭނާ ވަކިކުރީ ނަތީޖާ ނުނެރެވިގެންނެވެ.
ޓެން ހާގު ދާދިފަހުން "ދަ އެތުލެޓިކް"އަށް ދިން އިންޓަވިއުއެއްގައި ބުނީ "ރޮނާލްޑޯއާ ހެދި މުޅި ޓީމު ފެއިލްވި،" ކަމަށެވެ.
"ޝައްކެއްވެސް ނެތް ރޮނާލްޑޯއަކީ ފުޓުބޯޅަ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ. އަހަރެން ރޮނާލްޑޯއަށް ވަރަށް އިހުތިރާމުވެސް ކުރިން. އެކަމަކު އެފަހަރު ކޯޗެއްގެ ގޮތުގައި އަހަންނަށް ޖެހުނު ނިންމުންތަކެއް ނިންމަން. އަހަރެން ބަލައިގަންނަ ކުޅުންތެރިންނަށް ހައްގު ފުރުސަތު ހޯދައިދޭން،" ޓެން ހާގު ބުންޏެވެ.
ރޮނާލްޑޯ އުމުރުން 36 އަހަރުގައި އެނބުރި ޔުނައިޓެޑަށް ދިޔައީ ޔުވެންޓަސްއިންނެވެ. އެއީ 2021 ވަނަ އަހަރުއެވެ. އޭރު ޔުނައިޓެޑްގެ ކޯޗަކަށް ހުރީ އޮލެ ގުނަ ސޮލްޝާއެވެ. ޓެން ހާގު ޔުނައިޓެޑާ ހަވާލުވީ ފަހުންނެވެ.
"ޔުނައިޓެޑާ ހަވާލުވުމުގެ ކުރިން އަހަރެން ޕޯޗުގަލްއަށް ގޮސް ރޮނާލްޑޯއާ ބައްދަލުކުރިން. އަދި ރޮނާލްޑޯގެ މައްޗަށް އަހަރެންގެ ޕްލޭން ބިނާކުރީ. އެކަން އެހެން ނުވީމަ އަހަންނާއި ޓީމުވެސް ފެއިލްވީ،" ޓެން ހާގު ބުންޏެވެ.
ޓެން ހާގުގެ ކޯޗުކަމުގައި ޔުނައިޓެޑްގައި މައްސަލަތައް ޖެހެން ފެށީ 2022 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ވޯލްޑް ކަޕްގެ ކުރިން އޮކްޓޯބަރު މަހު ޗެލްސީއާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗުގައި ޓެން ހާގު ރޮނާލްޑޯ ބޭނުން ނުކުރުމުން، ދެން ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލަކަށް އަރަން ރޮނާލްޑޯ ވަނީ އިންކާރު ކޮށްފައެވެ.
ރޮނާލްޑޯ ކްލަބު ދޫކޮށްލަން އިންޓަވިއު ދިނީ ނޮވެމްބަރު މަހުގައެވެ. އެފަހަރު ރޮނާލްޑޯ ބުނީ އެއްބަވުން ބާތިލުކުރީ ދެފަރާތުން އެއްބަސްވެގެން ކަމަށާއި، ކޯޗަށް އިހުތިރާމުނުކުރާ ކަމަށެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކޮމެންޓް