އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ކުޅުނު މެޗުގައި ހަނި ގޮތަކަށް ނޮޓިންހަމް ފޮރެސްޓް ބަލިކުރި އިރު، މެންޗެސްޓާ ޔުނައިޓެޑް އަނެއްކާވެސް އެއްވަރުވެއްޖެއެވެ.
އާސެނަލުން މިރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ނޮޓިންހަމް ފޮރެސްޓް ކައިރިން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އާސެނަލުން ދެވަނައިގައި ހަތް މެޗުން 18 ޕޮއިންޓާއެކު އޮތް އިރު، އެއްވަނައިގައި އޮތް ސިޓީން ހަތް މެޗުވެސް ކާމިޔާބުކޮށް، މިވަގުތު އޮތީ 21 ޕޮއިންޓާއެކުގައެވެ.
މިރޭ ޔުނައިޓެޑާއި ލީޑްސް ވާދަކުރި މެޗު 1-1 އިން އެއްވަރުވެފައިވާ އިރު، ޔުނައިޓެޑް އޮތީ 13 ވަނައިގައެވެ. އެއީ ހަތް މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ލީޑްސްއިން ހަތް ވަނައިގައި އޮތް އިރު، އެޓީމަށް ވަނީ ހަތް މެޗުން 10 ޕޮއިންޓް ހޯދައިފައެވެ.
އާސެނަލާއި ފޮރެސްޓް ވާދަކުރި މެޗުގެ ފުރަތަމަ ހާފު ފެނުނީ މާ ބޮޑު ދިރުމެއް ނެތިއެވެ. ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލާ އަމާޒުކޮށް ހަމަލާއެއް އުފެއްދިފައެެއް ނުވެއެވެ. އެއީ މި ސީޒަނުގައި ފުރަތަމަ ހާފުގައި ގޯލަށް އަމާޒުކޮށް ހެދި ޝޮޓެއް ނުހެނި ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެހެން ދިމާވީ އާސެނަލާއި އެސްޓަން ވިލާއިން ވާދަކުރި މެޗުގައެވެ.
ދެވަނަ ހާފުގައިވެސް މާގިނަ ހަމަލާތަކެއް ފެނިގެން ނުދެއެވެ. އެހެން ނަމަވެސް އާސެނަލުން ދިޔައީ މަޑުމަޑުން ކުރިއަށް ޖެހި، އެޓީމުގެ ސްޓައިލްގައި ނުރައްކާ ކުރަމުންނެވެ. މިރޭގެ މެޗުގައިވެސް ތަފާތު ދެއްކީ ބަދަލަކަށް ނުކުތް ކުޅުންތެރިއެކެވެ. 80 ވަނަ މިނެޓުގައި އާސެނަލަށް ހަމައެކަނި ގޯލް ޖަހައިދިނީ ނޮނީ މަޑުއޭކޭއެވެ. އެއީ ޑެކްލަން ރައިސް ދިން ބޯޅައެއްގައި ޖަހައިދިން ގޯލެކެވެ.
ޔުނައިޓެޑުން މިރޭގެ މެޗަށް ނުކުތްއިރުވެސް އޮތީ ދަށް ހާލަތެއްގައެވެ. މިރޭގެ މެޗުގެ ކުރިން ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއާއެކު އެއީވެސް 1986-87 ވަނަ އަހަރު ސީޒަނަށްފަހު އެޓީމުގެ އެންމެ ދަށް ފެށުމެވެ. އެހެންކަމުން މިއީ މިދިޔަ 40 އަހަރުގައިވެސް ލީގުގެ އެންމެ ދަށް ފެށުމެވެ.
މިރޭގެ މެޗުގައި ބްރަޔަން އެމްބުއޭމޯ ޖެހި ގޯލާއެކު ޔުނައިޓެޑުން ލީޑު ނަގައިގެން ހާފު ނިންމާލި ނަމަވެސް، ޑޮމިނިކް ކަލްވާޓް-ލެވިން ވަނީ ދެވަނަ ހާފުގެ ކުރީކޮޅުގައި މެޗު އެއްވަރުކޮށްފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
ކޮމެންޓް