މެންޗެސްޓާ ޔުނައިޓެޑްގެ ވެރިންނަށް ފާޑުކީ މައްސަލައިގައި ލިސާންޑްރޯ މާޓިނޭޒް މައާފަށް އެދިފައިވާ ކަމަށާއި، އެކަމުގައި އުފެދުނު މައްސަލައަށް ހައްލު ލިބިފައިވާ ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފިއެވެ.
ޔުނައިޓެޑުން އެންމެފަހުން ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން ބަލިވެފައިވާ އިރު، އެމެޗަށްފަހު މާޓިނޭޒް ވަނީ އެ ކްލަބުގެ މެނޭޖުމަންޓަށް ފާޑުކިޔައިފައެވެ. އޭނާ ބުނީ ހަމައެކަނި ދަނޑުމަތީގައި ކުރާކަމަކުން ނަތީޖާ ނެރުން އެއީ އުނދަގޫ ކަމަކަށްވާނެ ކަމަށާއި، ދަނޑު ބޭރުންވެސް އެކަމަށް ވިސްނަން ޖެހޭ ކަމަށެވެ. އަދި ރަނގަޅު އިންވެސްޓްމަންޓްތަކެއް މެނޭޖުމަންޓުން ކުރަން ޖެހޭ ކަމަށް ބުނެ، މާޓިނޭޒް ވަނީ ފާޑު ކިޔައިފައެވެ.
އެގޮތުން ޑިރެކްޓަރު ޖޭސަން ވިލްކޮކްސްގެ މަސައްކަތް ރަނގަޅުކޮށް، ޓްރާންސްފާތައް ކުރަން ޖެހޭ ކަމަށްވެސް މާޓިނޭޒް ފާހަގަކުރިއެވެ.
އެކަމުގައި މާޓިނޭޒް ވަނީ ކްލަބުގެ ކިބައިން މައާފަށް އެދިފައެވެ. އޭނާ ބުނީ އެ ވާހަކަ ދެއްކުނީ ޖަޒުބާތުގައި ޖެހި، ހިތްހަމަ ނުޖެހިފައި ހުރެގެން ކަމަށާއި، އެކަމުގައި ވެރިންގެ ކިބައިންނާއި ސަޕޯޓަރުންގެ ކިބައިންވެސް މައާފަށް އެދޭ ކަމަށެވެ.
ހަބަރުތައް ބުނީ މައްސަލަ ރީތި ގޮތުގައި ހައްލުކުރުމަށް މާޓިނޭޒް ފަހުން ކޯޗު ކެރިކާއި ޔުނައިޓެޑްގެ އިސްވެރިންނާއެކު ބައްދަލުވުމެއްވެސް ބާއްވާފައިވާ ކަމަށެވެ.
ޔުނައިޓެޑުން މިހަފުތާގެ ލީގުގައި ލީޑްސްއާ ދެކޮޅަށް ކުޅެން އޮތް އިރު، އެމެޗުގެ ސްކޮޑުގައި މާޓިނޭޒް ހިމެނޭނެތޯ ނޫސްވެރިން ސުވާލުކުރުމުން ކެރިކް ބުނީ އެމައްސަލަ ހައްލުވެފައިވާ ކަމަށެވެ. އަދި މުޅި ސްކޮޑުވެސް އެކަމާ މެދު ނުވިސްނާ ކަމަށާއި، އެކަހަލަ ޑްރާމާތަކުގައި މާ ބޮޑަށް ޖެހިގެން އުޅެން ބޭނުން ނުވާ ކަމަށްވެސް ކެރިކް ބުނެފައިވެއެވެ.
ކެރިކް ބުނީ ލީޑްސްގެ މެޗުގެ ސްކޮޑުގައި މާޓިނޭޒް ހިމެނޭނެ ކަމަށާއި، މިހާރު ކްލަބާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
ކޮމެންޓް