ކަންނެލި ދޯންޏެއްގައި 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި 16 އަހަރުގެ ކުއްޖާއަށް ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ކުރިހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ފުލުހުން އެ މައްސަލައާ ގުޅިގެން އެ ކުއްޖާ ހައްޔަރުކުރީ މަސްތުވާތަކެތި އެތެރެކުރި ދޯންޏަށް އިތުރު ބަޔަކާއެކު އަރަން ދަނިކޮށެވެ. އެއިރު އެ ދޯނީގައި މަސްތުވާތަކެތި ހުއްޓެވެ. ފުލުހުން އެ ކުއްޖާއަށް ތުހުމަތު ކޮށްފައިވަނީ ހުޅުމާލެ ފަޅުގައި އޮތް އެ ދޯނިން މަސްތުވާތަކެތި ބާލަން އުޅުނު ކަމަށެވެ.

ދެހާސް ވިހިވަނަ އަހަރު އެ ކުއްޖާގެ މައްޗަށް ދައުލަތުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށާއި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާކުރިއެވެ. އެ ދެ ދައުވާއަށް ކުއްޖާ ވަނީ އިންކާރުކޮށްފައެވެ.

ކުއްޖާ ދައުވާއަށް އިންކާރުކުރުމުން ދައުލަތުން ވަނީ ކުށް ސާބިތުކުރުމަށް ހެކި ހުށަހަޅައިފައެވެ. ނަމަވެސް އެ ހެކިތަކަށް ރިއާޔަތްކޮށް ދައުވާތައް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ މިދިޔަ އޭޕްރީލް މަހު ހުކުމްކޮށްފައެވެ.

ޖުވެނައިލް ކޯޓުގެ އެ ހުކުމް ދައުލަތުގެ ފަރާތުން މިއަދު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ އަދި ހައި ކޯޓުން ބަލައިގެންފައެއް ނުވެއެވެ.

މަސްތުވާތެކީގެ އެ މައްސަލައިގައި އިތުރު ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ ފަސް ދިވެހިންނާއީ ބަންގުލަދޭޝް ރައްޔިތެކެވެ.

ހަ މީހުންގެ ތެރެއިން މޫސަ އާއި ޝަހީބް އަދި އިގްބާލްގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފީން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެއްޗެއް ޓްރެފިކް ކުރުމުގެ ކުށާއި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ. މިއިން ކޮންމެ ކުށެއް ސާބިތުވެއްޖެނަމަ 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ.

މުހައްމަދު ރިޔާދުގެ މައްޗަށް އެ ތިން ދައުވާގެ އިތުރަށް ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރިކަމުގެ ދައުވާކޮށްފައިވެއެވެ. އަދި އަސީލު މާހިރު އަދި އަނަސް ހުސެއިންގެ މައްޗަށް އެ ތިން ދައުވާގެ އިތުރަށް ކެނެބިސް ބޭނުން ކުރުމުގެ ދައުވާ ކޮށްފައިވެއެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގައި އިސްކޮށް ހުރީ ޝަހީބް އާއި އަހްމަދު މޫސާ ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް، ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ރާއްޖެއަށް ކަނޑުމަގުން އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތި ހޯދީ، ހުޅުމާލެ ފަޅުތެރޭގައި އޮތް ދޯންޏެއްގެ ތެރެއިންނެވެ. ދޯނިން ފެނުނު ތަކެތީގެ ތެރޭގައި ހިމެނެނީ މެޓައެމްފިޓަމިން އާއި ހެރޮއިން ކަމަށް ފުލުހުން ބުނެފައިވެއެވެ.