ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އެކި ހިސާބުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން މިރޭ އެދިއްޖެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ހުޅަނގު ފަރާތުން އުފެދެމުންދާ ބޯވިއްސާރަ ވިލާތައް މިހާރު ދަނީ އަތޮޅުތަކުގެ މައްޗަށް ފެތުރެމުންނެވެ. އަދި އަރަބި ކަނޑާއި ބޭ އޮފް ބެންގާލް ސަރަހައްދުގައި ކޮޅިގަނޑެއް އުފެދިފައިވާތީ، ކުރިއަށް އޮތް ވަގުތުތަކުގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވިއްސާރަކުރާނެކަމަށް ލަފާކުރެވެއެވެ.

މީގެއިތުރުން ކުރިއަށް އޮތް ދެތިން ދުވަހު ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް އާދަޔާ ހިލާފަށް ގަދަވާނެކަމަށްވެސް މެޓުން ބުންޏެވެ.

އެމްއެންޑީއެފްއިން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން، ދަތުރަށް ފުރުމުގެ ކުރިން ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރުމަށާއި، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ސިފައިން ވަނީ އިރުޝާދު ދީފައެވެ.

ހަމައެއާއެކު، އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމަވެފައިވޭތޯ ޔަގީންކުރުމުގެ ގޮތުން ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ރަނގަޅަށް ހުރިތޯ ބެލުމަށް އެމްއެންޑީއެފުން އެދެއެވެ.

އަދި މުދާ އުފުލާ އުޅަނދުތަކުގައި ކަނޑައެޅިފައިވާ މިންވަރަށް ވުރެ އިތުރަށް މުދާ ނޭރުވުމަށާއި، ފަޅުތެރޭގައި އަޅާފައިވާ އުޅަނދުފަހަރުވެސް ރަނގަޅަށް ބަނދަރުކޮށްފައި ބެހެއްޓުމަށް ސިފައިން ވަނީ އިލްތިމާސްކޮށްފައެވެ.