ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، ކ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިރޭ އޮރެންޖް އިންޒާރު ނެރެފިއެވެ.
މިރޭ 22:30 އާ ހަމައަށް ނެރެފައިވާ މި އިންޒާރުގައިވާ ގޮތުން، މި ސަރަހައްދަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ފުރުސަތު ބޮޑެވެ. މި އެލާޓް ނެރުނުއިރުވެސް މާލެ ހިމެނޭހެން މި ސަރަހައްދަށް ދަނީ މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހެމުންނެވެ. އަދި ވާރޭ ހުއްޓާނުލައި ވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެ، އާންމު ދަތުރުފަތުރަށް ބުރޫއަރާފައެވެ.
މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި މި ދުވަސްވަރު މޫސުން ގޯސްވެފައިވަނީ، ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ އިތުރުން އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުންނެވެ.
މި ކޮޅިގަނޑުތަކާ ގުޅިގެން ރާއްޖޭގެ ހުޅަނގު ފަރާތުން އުފެދޭ ވިއްސާރަ ވިލާތައް ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ އަރަމުންނެވެ.
އެހެންކަމުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
އަދި މީގެއިތުރުން ކުރިއަށް އޮތް ތިން ދުވަހު ހާއްސަކޮށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގައި ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ކަނޑުތައް ގަދަވެ، މޫސުން އިތުރަށް ގޯސްވަމުންދާތީ، ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާ
މޫސުމާބެހޭ ގައުމީ އިދާރާ
މޫސުމާބެހޭ ގައުމީ އިދާރާ
މޫސުމާބެހޭ ގައުމީ އިދާރާ
ކޮމެންޓް