ރާއްޖޭގެ ސްޕްރީމް ކޯޓާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ހުޅުޖެހުމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ޕޯސްޓެއްކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
އެ ތިން އިމާރާތުގައި ހުޅުޖަހަން ގޮވާލައި ޕޯސްޓްކޮށްފައިވަނީ އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނެންޓް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ ހަސަން ޒިހާންއެވެ.
އިއްޔެ ހައްޔަރުކުރި ޒިހާން 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރީޓް ކޯޓަށް މިއަދު ހާޒިރުކުރުމުންނެވެ.
އިނގިރޭސި ބަހުން އޭނާގެ ފޭސްބުކް އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ ސްޕްރީމް ކޯޓާއި ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލިސް އިމާރާތުގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހިންނަށް ނުލިބެނީ ކީއްވެތޯ ސުވާލުކޮށްފައެވެ.
"ރޯކޮށްލައިފިއްޔާ މަޖާވާނެ،" އޭނާގެ ސްޓޭޓަސްގައިވެއެވެ.
ނަމަވެސް، އެ ސްޓޭޓަސް ޖެހިތާ ގަޑިއިރެއް ފަހުން އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކޮށްލައިފައެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ އެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓަކަށް މަސައްކަތްކުރި ޒިހާން އެތަނުން ވަކިކުރީ މިދިޔަ ސަރުކާރުގެ ފަހުކޮޅުއެވެ. އަދި މި ސަރުކާރުގައި އޭނާއަށް ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދީފައެވެ. ނަމަވެސް ފަހުން ވަނީ އެ މަގާމުން ވަކިކޮށްފައެވެ. އޭގެ ފަހުން އޭނާ އަންނަނީ މި ސަރުކާރަށް ފާޑު ކިޔަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް