ޕްރި ސީޒަންގައި މެންޗެސްޓާ ސިޓީ ޖާޒީގައި އާލިން ހާލަންޑް ކުޅުނު ފުރަތަމަ މެޗުގައި އޭނާގެ ގޯލުން ބަޔާން މިއުނިކް ބަލިކޮށްފިއެވެ.
އެމެރިކާގެ ވިސްކޮންސިންގައި ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ސިޓީން ބަޔާން ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ސިޓީގެ ހަމައެކަނި ގޯލު އެޓީމަށް ޖަހައިދިނީ ކުރިއަށް އޮތް ސީޒަނަށް އެޓީމަށް 51.2 މިލިއަން ޕައުންޑަށް ގެންދިޔަ ހާލަންޑެވެ. ނޯވޭގެ ފޯވަޑް ހާލަންޑް ސިޓީއަށް ބަދަލުވީ ޑޯޓުމަންޑުންނެވެ.
ރޭގެ މެޗަކީ ހާލަންޑް ސިޓީ ޖާޒީގައި ފުރަތަމަ ފެނިލުމެވެ. ރޭގެ މެޗުގައި ހާލަންޑް ގޯލު ޖެހީ 12 ވަނަ މިނެޓުގައެވެ. ރޭގެ މެޗަށްފަހު އުމުރުން 22 އަހަރުގެ ހާލަންޑާ ގުޅޭ ގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ ހާލަންޑަށް ސިޓީގެ ކުޅުމަށް އެޖެސްޓްވުމަށް އަދިވެސް ވަގުތު ބޭނުންވާ ކަމަށެވެ. ގާޑިއޯލާ ބުނީ ހާލަންޑަކީ މުހިއްމު ގޯލުތައް ޖަހާނެ ކުޅުންތެރިއަކަށް ވާނެ ކަމަށާއި، ހާލަންޑާއެކު ކާމިޔާބީތައް ހޯދަން ތައްޔާރު ކަމަށެވެ.
ޓީމުތަކުގެ އިތުރު އެކުވެރިކަމުގެ މެޗުތަކަށް ބަލާއިރު، ރޭ ވަނީ ބާސެލޯނާ އާއި ރެއާލް މެޑްރިޑުންވެސް އެމެރިކާގެ ލަސް ވޭގަސްގައި އެކުވެރިކަމުގެ އެލް ކްލެސިކޯއެއް ކުޅެފައެވެ. އެ މެޗު 1-0 އިން ކާމިޔާބުކުރީ ބާސާއިންނެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ ބާސާއަށް ލީޑްސްއިން ގެންދިޔަ ވިންގް ރަފީނިއާ އެވެ.
ބްރެޒިލް ވިންގް ރަފީނިއާ ލީޑްސްއިން ބާސާއަށް ބަދަލުވީ 55 މިލިއަން ޕައުންޑްގެ އަގެއްގައެވެ. ޕްރީ ސީޒަން މެޗުތަކުގައި އޭނާގެ ފަރާތުން ވަނީ ދެ ގޯލެއް ފެނިގެން ގޮސްފައެވެ. މެޗުގައި ރަފީނިއާ ޖެހި ގޯލު ފެނިގެން ދިޔައީ 27 ވަނަ މިނެޓުގައެވެ. ރޭގެ މެޗުގައި ބާސާއަށް އަލަށް ގެންދިޔަ ރޮބާޓް ލެވަންޑޯސްކީވެސް ފެނިގެން ގޮސްފައިވެއެވެ.
ރޭގެ މެޗުގައި ރެއާލްގެ ފަރާތުން އެކަށީގެންވާ ހަމަލާއެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގައި އެޓީމުގެ ކެޕްޓަން ކަރިމް ބެންޒެމާވެސް ފެނިގެން ގޮސްފައެއް ނުވެއެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ