ފައިނޭންޝަލް އުސޫލުތަކުން ބޭރުގައި ހިންގާފައިވާނ 115 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެ، އެ ކްލަބުގެ ވާހަކަތައް މީޑިއާގައި ގިނަވެފައިވީ ނަމަވެސް، އޭގެ އަސަރު ކުޅުންތެރިންނަށް ނުކުރާ ކަމަށް ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.
ސިޓީން މިދިޔަ ސީޒަން ހުސް އަތާ ނިންމާލި ނަމަވެސް، އޭގެ ކުރިން ހަތް ސީޒަނުގެ ތެރެއިން ހަ ސީޒަނުގެ ލީގު ނެގިއެވެ. އަދި 2022-23 ވަނަ އަހަރު ސިޓީން ޗެމްޕިއަންސް ލީގުވެސް ހޯދާފައިވާ އިރު، އެ ކްލަބުން ފައިނޭންޝަލް އުސޫލުތަކާ ހިލާފުވި މައްސަލަތައް އޮތުމުން، އެކަމަށް ފިޔަވަޅު ނޭޅި ކާމިޔާބީތައް ހޯދާތީ ފާޑުކިޔުން އަމާޒުވެފައިވެއެވެ.
ސިޓީގެ 115 މައްސަލައެއް މިނިވަން ކޮމިޝަނުން ބަލަން ފެށީ 2023 ވަނަ އަހަރު ފެބްރުއަރީ މަހުއެވެ. އެ މައްސަލަތަކަކީ 2009 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދެމެދު ސިޓީން ހިންގާފައިވާ މުއާމަލާތްތަކުގެ މައްސަލަތަކެކެވެ.
މިނިވަން ކޮމިޝަނާ ހަވާލާދީ ޕްރިމިއާ ލީގުން ނެރުނު ސްޓޭޓްމެންޓްގައި ބުނެފައި ވަނީ މައްސަލަތައް ސާބިތުވުމުގެ އިތުރުން އެ މައްސަލަ ތަހުގީގުކުރުމަށް ސިޓީން އެއްބާރުލުން ނުދޭކަންވެސް ސާބިތުވެފައިވާ ކަމަށެވެ. ކޮމިޝަނުން ރަސްމީކޮށް ބުނެފައިވަނީ ސިޓީން އެތައް ވަގު އެއްބަސްވުންތަކެއް ހަދައި، ސްޕޮންސަރުންނާއި ޕާޓްނަރުންގެ ފަރާތުން ލިބޭ އާމްދަނީއާއި ކްލަބުން ކުރި ހަރަދުތަކުގެ ތަފްސީލުތައްވެސް ބޮޑުކޮށް އޮޅުވާލާފައިވާ ކަމަށެވެ.
"ތެދަށް ބުނަންޏާ ކުޅުންތެރިންގެ އެއްވެސް ހާސްކަމެއް ނެތް. މިހާރު ތާވަލުގެ އެއްވަނައިގައި އޮތުމުން ކުޅުންތެރިން ތިބީ ކުޅެން ކެތް މަދުވެފައި. އެއީ ދަނޑުމަތީގެ ކަމެއް ނޫންކަން އަހަރެމެންނަށް އެނގޭ. އެހެންވީމަ އަހަރެމެންގެ ކޮންޓްރޯލްގައި އޮންނަ ކަންކަމެއް ނޫން އެއީ. މިތިބީ ހުސް ޕްރޮފެޝަނަލް ކުޅުންތެރިން. އެހެން އިވޭ އަޑުތަކުގެ އަސަރަކަށް އަހަރެމެން މާބޮޑު ސަމާލުކަމެއް ނުދެން،" ސިޓީގެ ކުޅުންތެރިންނާ ގުޅޭ ގޮތުން މަރެސްކާ ބުންޏެވެ.
އިންޓަނޭޝަނަލް ބްރޭކަށްފަހު ސިޓީން އަލުން ފުލް ސްކޮޑާއެކު ފަރިތަކުރުންތަކަށް ނުކުމެފައިވާ އިރު، އެ ޓީމުގެ މައްސަލަތައް ހާމަވެގެން ދިޔަތާ އަދި ދެ ހަފުތާވެސް ނުވެއެވެ.
މަރެސްކާ ބުނީ ސިޓީގައި އޭނާވެސް ހުރީ ހަމަޖެހިގެން ކަމަށާއި، މައްސަލަތައް އެއީ ދަނޑުމަތީގެ ކުޅުމަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށެވެ.
މަރެސްކާ އެހެން ބުނެފައިވާ އިރު، ސިޓީގެ ތަރި އާލިން ހާލަންޑްވެސް ބުނީ މައްސަލަތަކާ ނުވިސްނާ ކަމަށެވެ. އަދި ސިޓީއާ ދޭތެރޭ އޭނާ ވިސްނާ ނަމަވެސް، އެ މައްސަލަތަކުގެ ސަބަބުން ފޯކަސް ނުގެއްލޭނެ ކަމަށް އޭނާ ބުންޏެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
ކޮމެންޓް