ފައިނޭންޝަލް އުސޫލުތަކުން ބޭރުގައި ހިންގާފައިވާ 115 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާ ނަމަވެސް، މިދިޔަ އަހަރުތަކުގައި ހޯދި ކާމިޔާބީތަކަކީ މަކަރުން ހޯދި ކާމިޔާބީތަކެއް ނޫން ކަމަށް ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.

ސިޓީން މިދިޔަ ސީޒަން ހުސް އަތާ ނިންމާލި ނަމަވެސް، އޭގެ ކުރިން ހަތް ސީޒަނުގެ ތެރެއިން ހަ ސީޒަނުގެ ލީގު ނެގިއެވެ. އަދި 2022-23 ވަނަ އަހަރު ސިޓީން ޗެމްޕިއަންސް ލީގުވެސް ހޯދާފައިވާ އިރު، އެ ކްލަބުން ފައިނޭންޝަލް އުސޫލުތަކާ ހިލާފުވި މައްސަލަތައް އޮތުމުން، އެކަމަށް ފިޔަވަޅު ނޭޅި ކާމިޔާބީތައް ހޯދާތީ ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ސިޓީގެ 115 މައްސަލައެއް މިނިވަން ކޮމިޝަނުން ބަލަން ފެށީ 2023 ވަނަ އަހަރު ފެބްރުއަރީ މަހުއެވެ. އެ މައްސަލަތަކަކީ 2009 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދެމެދު ސިޓީން ހިންގާފައިވާ މުއާމަލާތްތަކުގެ މައްސަލަތަކެކެވެ.

މިނިވަން ކޮމިޝަނާ ހަވާލާދީ ޕްރިމިއާ ލީގުން ނެރުނު ސްޓޭޓްމެންޓްގައި ބުނެފައި ވަނީ ސިޓީން އެތައް ވަގު އެއްބަސްވުންތަކެއް ހަދައި، ސްޕޮންސަރުންނާއި ޕާޓްނަރުންގެ ފަރާތުން ލިބޭ އާމްދަނީއާއި ކްލަބުން ކުރި ހަރަދުތަކުގެ ތަފްސީލުތައްވެސް ބޮޑުކޮށް އޮޅުވާލާފައިވާ ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 900 މިލިއަން ޕައުންޑްގެ މުއާމަލާތްތައް އެ ކްލަބުން ވަނީ އޮޅުވާލައިފައެވެ. އެއީ އެހެން ކްލަބުތަކަށްވުރެ އިތުރަށް ހަރަދުކޮށް ސްކޮޑު ވަރުގަދަ ކުރުމަށް ލިބުނު ބޮޑު މާލީ މަންފާއެކެވެ.

"އަހަރެން އެންމެފަހުން ސިޓީގައި މަސައްކަތްކުރި 2022-23 ވަނަ އަހަރު ސީޒަނަކީ ޓްރެބަލް ކާމިޔާބުކުރި ސީޒަން. އަހަންނަށް އެނގޭ ކުޅުންތެރިން ލި އެފޮޓް. ކުރި މަސައްކަތް. އޭރު ހުރި ކޯޗު ޕެޕްވެސް އެކަމަށް ކުރި މަސައްކަތް. އެހެންވީމަ އަހަންނަށް އެނގޭ އެކަހަލަ ކާމިޔާބީއެއް ހޯދަން ކުރަން ޖެހޭ މަސައްކަތް. އަހަންނަށް ޝައްކެއް ނެތް އެ ކާމިޔާބީތަކަކަށް. ސިޓީގެ ކާމިޔާބީތަކަކީ މަކަރެއް ނޫން،" ކުރިން ސިޓީގެ އެސިސްޓެންޓް ކޯޗަކަށް މަސައްކަތް ކުރި މަރެސްކާ ބުންޏެވެ.

މަރެސްކާ ބުނީ ސިޓީއަށް ދެވުމުން އެކަމާ ދެރަ ނުވާ ކަމަށާއި، އެ ކްލަބުގެ ވެރިންނަށް ފުރިހަމައަށް އިތުބާރު ކުރާ ކަމަށެވެ. އަދި އެ ނޫން ކްލަބެއްގައި ހުންނަން ބޭނުން ނުވާ ކަމަށްވެސް މަރެސްކާ ބުންޏެވެ.

މީގެ ކުރިން މައްސަލަ ފެންމަތިވެގެން އައި އިރު، 2022 ވަނަ އަހަރު ޕެޕް ގާޑިއޯލާ ބުނީ މަކަރު ހަދައި އޮޅުވާލިކަން ސާބިތުވެއްޖެނަމަ ކްލަބު ދޫކޮށްލާނެ ކަމަށެވެ. މަރެސްކާ ކުރެން އެ ސުވާލު އެހުމުން އޭނާ ބުނީ މިހާރު މައްސަލަ އޮތީ އިސްތިއުނާފު ކޮށްފައި ކަމަށާއި، މިއީ އަދި އެ ވާހަކަތައް ދައްކަން ޖެހޭ ވަގުތު ނޫން ކަމަށެވެ.