އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑުން ގާތުން ފާރަލަމުންދާ ފްރޭންކް ޑި ޔޯންގް ބޭނުންވަނީ ބާސެލޯނާގައި މަޑުކުރަން ކަމަށް ކްލަބުގެ ރައީސް ޖޯއާން ލަޕޯޓާ ވިދާޅުވެއްޖެއެވެ.
ލަޕޯޓާ ވަނީ ބާސާގެ ޓްރާންސްފާތަކާ ގުޅޭ ގޮތުން އިއްޔެ މީޑިއާއާ ވާހަކަދައްކައިފައެވެ. އެގޮތުން ކްލަބާއެކު އެއްބަސްވުމަކަށް ގޮސްފައިވާ ޑިފެންޑަރު އަންދްރޭއާސް ކްރިސްޓިއަންސަން އާއި ފްރޭންކް ކެސޭ މި ހަފުތާ ތެރޭގައި އިއުލާންކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ޗެލްސީ އާއި ބާސާއިން ހޯދަން މަސައްކަތްކުރާ ރަފީނިއާ އާއި ގުޅޭ ގޮތުންވެސް ލަޕޯޓާ އިއްޔެ ވާހަކަ ދެއްކިއެވެ. އޭނާ ވިދާޅުވީ ރަފީނިއާ ދާން ބޭނުންވަނީ ބާސާއަށް ނަމަވެސް ލީޑްސްއިން ބޭނުން ވަނީ ޗެލްސީގެ އެއްބަސްވުމުގައި ރަފީނިއާ ވިއްކާލުމަށް ކަމަށެވެ. ބާސާއިން ރަފީނިއާ ހޯދަން އިތުރު މަސައްކަތެއް ކުރާނެކަމުގެ އިޝާރާތެއްވެސް ލަޕޯޓާ ވަނީ ދީފައެވެ.
ޔުނައިޓެޑްގެ އާ ކޯޗު އެރިކް ޓެން ހާގު ބޭނުންވެ، ޔުނައިޓެޑަށް ގެންދަން މަސައްކަތް ކުރާ ނެދަލޭންޑްސްގެ ފްރޭންކް ޑި ޔޯންގް ހޯދަން ފުރަތަމަ ކުރި ބިޑަށް ބާސާއިން ވަނީ އިންކާރުކޮށްފައެވެ. ދެ ކްލަބުގެ ދެމެދުގައި ސީދާ މަޝްވަރާތައް ހިނގަމުންދާ އިރު، ޔުނައިޓެޑުން ދަނީ ބާސާގެ ފައިސާގެ ހާލަތު ބޭނުން ހިފަމުންނެވެ.
ބާސާއަށް ދިމާވެފައިވާ ފައިސާގެ ހާލަތާ ހެދި ކްލަބަށް ކުޅުންތެރިން ރަޖިސްޓްރީކުރަންވެސް އުނދަގޫތަކާ ކުރިމަތިވެފައިވާ އިރު، ކްލަބު މެނޭޖުކުރަމުން ދަނީވެސް ގިނަ ކުޅުންތެރިންތަކެއްގެ މުސާރަތައް ކުޑަކޮށްގެންނެވެ. މުސާރަ ކުޑަކުރުމުގައި ބައެއް ކުޅުންތެރިންގެ ހިތްހަމަނުޖެހުންތައް ހުރިއިރު، ބެލެވޭ ގޮތުގައި ޑި ޔޯންގްވެސް ބާސާ ދޫކޮށްލަން ބޭނުން ވަނީ މުސާރައިގެ ބައެއް ނުތަނަވަސްވުން ތަކެއް ހުރުމުންނެވެ.
"ވަރަށް ގިނަ ކްލަބުތަކަކުން ޑި ޔޯންގް އެބަ ބޭނުންވޭ. ހަމައެކަނި ޔުނައިޓެޑަކުންވެސް ނޫން ޑި ޔޯންގް ބޭނުން ވަނީ. އެކަމަކު އޭނާ ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ބާސާގެ ނެތް. ޑި ޔޯންގް ބޭނުން ވަނީ މަޑުކުރަން. ނަމަވެސް މުސާރައިގެ މައްސަލަތަކެއް އެބަހުރި. އެކަންކަން ހައްލު ކުރުމަށް ބަލާނެ،" ބާސާގެ ރައީސް ލަޕޯޓާ ވިދާޅުވިއެވެ.
ޑި ޔޯންގަކީ ޔުނައިޓެޑްގެ ކޯޗު ޓެން ހާގުގެ އިރުޝާދުގެ ދަށުން އަޔެކްސްގައި ދުވަސްތަކެއް ހޭދަކުރި މިޑްފީލްޑަރެކެވެ. ބާސާއަށް ބަދަލުވެ ފުރަތަމަ ސީޒަނުގައި އެންމެ ރަނގަޅު ފޯމު ނުދެއްކުނު ނަމަވެސް، މިދިޔަ ސީޒަނުގައި ބާސާ ކޯޗު ކަމާ ޒަވީ ހެނާންޑޭޒް ހަވާލުވި ފަހުން ޑި ޔޯންގް ފެނުނީ ރަނގަޅު ފޯމެއްގައި ކުޅެން ފެށިތަނެވެ.