ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ޔަގީން ކޮށްފައިވާ ބާސެލޯނާއިން ރޭ ކުޅުނު މެޗުގައި ޑެޕޯޓިވޯ އަލާވޭސް ކައިރިން ބަލިވެއްޖެއެވެ.

މިދިޔަ ހަފުތާ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު އެލް ކްލެސިކޯ ކާމިޔާބުކޮށް ބާސާއިން އަނެއްކާވެސް ލީގު ތަށި ޔަގީން ކޮށްފައިވާ އިރު، ރޭ އަލާވޭސް އަތްދަށުވީ 1-0 ގެ ނަތީޖާއަކުންނެވެ. ބާސާއިން މިފަހަރު މަސައްކަތް ކުރީ 100 ޕޮއިންޓް ހަމަކޮށްގެން ލީގު ނިންމާލަން ނަމަވެސް، ރޭ ބަލިވުމާއެކު ދެން އެ ޓާގެޓް ހާސިލެއް ނުވާނެއެވެ.

މިހާރު ބާސާއަށް 36 މެޗުން 91 ޕޮއިންޓް ލިބިފައިވާ އިރު، ބާކީ އޮތް ދެމެޗުން މޮޅުވެގެންވެސް ދެން ހަމަކުރެވޭނީ 87 ޕޮއިންޓެވެ. މިހާތަނަށް 100 ޕޮއިންޓާއެކު ލީގު ނަގާފައިވާ ޓީމުތަކުގެ ތެރޭގައި ބާސާ ހިމެނެއެވެ. 2011-12 ވަނަ އަހަރުގެ ސީޒަނުގައި ރެއާލުން 100 ޕޮއިންޓް ހަމަކުރި އިރު، ދެން ޖެހިގެން އައި ސީޒަނުގައި ބާސާއިންވެސް ވަނީ އެކަން ހާސިލް ކޮށްފައެވެ.

ރޭ ކުޅުނު މެޗުގެ ކުރީކޮޅުގައިވެސް ބޮޑަށް ނުރައްކާކުރީ އަލާވޭސްއިންނެވެ. އަބްޑޭ ރެބާޗް ކުރީކޮޅުގައި އުފެއްދި ހަމަލާ ނާކާމިޔާބުވި އިރު، އިބްރާހީމް ޑިއަބާޓޭ ފޮނުވާލި ބޯޅަ މަތަކުރީ ބާސާ ކީޕަރު ވޯޝެކް ޝެޒްނީއެވެ.

މެޗުގެ 21 ވަނަ މިނެޓުގައި އަލާވޭސްއިން ބާސާ ކޮޅަށް ގޯލްވެސް ޖެހިއެވެ. ކޯނަރަކުން ތަނަވަސްކުރި ފުރުސަތުގައި ޑިއަބާޓޭ އެގޯލް ޖެހީ ބާސާގެ ޑިފެންޑަރު މާކް ބާނަލް ކައިރިން ސަލާމަތްވެ، ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

ބާސާއިން ފަހުން ފެރާން ޓޮރޭސްއާއި ޕެޑްރީ އަދި ޖުއާއޯ ކާންސެލޯ ބެންޗުން ނެރުނު ނަމަވެސް އެޓީމަށް ގޯލެއް ނުޖެހި ތިން ޕޮއިންޓް ގެއްލިގެން ދިޔައެވެ.

އަލާވޭސްއިން ވަނީ ރޭގެ މެޗުން މޮޅުވެ، 15 ވަނައަށް ޖެހިލައިފައެވެ. އެއީ 40 ޕޮއިންޓާއެކުގައެވެ.