ނިއުކާސަލްއަށް ކުޅެމުންދާ އިންގްލެންޑްގެ އެންތަނީ ގޯޑަން ގެންދަން ބާސެލޯނާއިން އެއްބަސްވުމަކަށް އައިސް ހުރިހާ ކަމެއް ނިންމުމަށްފަހު، އެތުލެޓިކޯ މެޑްރިޑްގެ އާޖެންޓީނާ ފޯވަޑް ޖޫލިއަން އަލްވަރޭޒަށް ރަސްމީކޮށް ބިޑް ކުރަން ތައްޔާރުވެފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

ބާސާއިން ސީޒަން ނިމުމާއެކު ޓްރާންސްފާތަކަށް މަސައްކަތް ކުރަމުންދާ އިރު، އެޓީމުން ގޯޑަން ގެންދަން އެއްބަސްވެފައި ވަނީ 80 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް ކަމަށް ނޫސްތައް ބުނެއެވެ. އެއީ ބޯނަސްގެ އިތުރުން އެހެނިހެން ހަރަދުތައްވެސް ހިމަނައިގެން ކަމަށްވެސް ނޫސްތައް ބުންޏެވެ.

އެވަޓަންގެ އެކަޑެމީން ފެށި ގޯޑަން އެ ކްލަބަށް ކުޅުމަށްފަހު ބޮޑު ޓްރާންސްފާއެއްގައި ނިއުކާސަލްއަށް ބަދަލުވީ 2023 ވަނަ އަހަރު ޖެނުއަރީގައެވެ. އޭގެފަހުން އޭނާއަކީ އެޓީމުގެ އެޓޭކްގައި އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. ގޯޑަން ވަނީ ނިމިދިޔަ ސީޒަނުގައިވެސް 17 ގޯލް ޖަހައި ފަސް އެސިސްޓް ފުރިހަމަ ކޮށްފައެވެ.

ގޯޑަން މިވަގުތު ބާސެލޯނާގައި ހުރި އިރު، އޭނާ ދަނީ އެއްބަސްވުމުގައި ސޮއިކޮށް، ހުރިހާ ކަމެއް ނިންމަން ތައްޔާރުވަމުން ކަމަށް ނޫސްތައް ބުނެފައިވެއެވެ.

ބާސާއިން އިތުރު އެޓޭކަރުންނަށްވެސް މަސައްކަތް ކުރަމުންދާ އިރު އަލްވަރޭޒަށް ފުރަތަމަ ބިޑެއް ކުރަން މިހާރު ނިންމާފައިވާ ކަމަށް ސްޕެއިންގެ އިތުބާރު ނޫސްތަކުން ބުނެއެވެ. އެގޮތުން ބާސާއިން ކުރާ ފުރަތަމަ ބިޑުގައި ބަދަލުކުރާނެ އެއްވެސް ކުޅުންތެރިޔަކު ނުހިމަނާނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ބާސާއިން ހުށަހަޅާ ސީދާ އަގު މީޑިއާތަކުގައި ހާމަކޮށްފައި ނުވާ ނަމަވެސް، އެޓީމުން ހުށަހަޅާނީ ބޮޑު އަގެއް ކަމަށް ބެލެވެއެވެ.

އަލްވަރޭޒް ވަނީ ސީޒަނުގެ ތެރެއިންވެސް އެތުލެޓިކޯ މެޑްރިޑް ދޫކޮށްލާނެކަން ހާމަކޮށްފައެވެ.