ބާސެލޯނާއަށް ކުޅެމުންދާ ޕޮލެންޑްގެ ފޯވަޑް، ރޮބާޓް ލެވަންޑޯސްކީ، އެ ކްލަބު ދޫކޮށްލަން ނިންމާފައިވާކަމަށް އިއުލާނު ކޮށްފިއެވެ.

އުމުރުން 37 އަހަރުގެ ފޯވަޑް ލެވަންޑޯސްކީ ބާސާއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާ އިރު، އޭނާ ބުނީ "ބާސާއަށް ދިޔަ މިޝަން ފުރިހަމަކުރެވިއްޖެ،" ކަމަށެވެ. އާދީ މިހާރު ބާސާ އޮތީ ހައްގު މަގާމުގައި ކަމަށާއި، ހަތަރު އަހަރު ދުވަހު ކްލަބުގައި ހޭދަކުރީ އުފާވެރި ދުވަސްތަކެއް ކަމަށް ލެވަންޑޯސްކީ ބުނެފައިވެއެވެ.

ލެވަންޑޯސްކީ 2022 ވަނަ އަހަރު ބަޔާން މިއުނިކުން ބާސާއަށް ބަދަލުވެ، މިހާތަނަށް 191 މެޗުން 119 ގޯލް ޖަހައިދީފައިވެއެވެ. އަދި އެ ކްލަބަށް ތިން ލީގު ތަށްޓާއި މިދިޔަ އަހަރުގެ ކޮޕާ ޑެލް ރޭ ކާމިޔާބު ކޮށްދިނުމުގައިވެސް އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މި ސީޒަނުގައި ލެވަންޑޯސްކީ އަނިޔާގެ މައްސަލަތަކެއްގައި އުޅެފައިވާ އިރު، ފެށީ އެންމެ 15 މެޗުގައެވެ. ތަށި ޔަގީންކުރުމަށް ރެއާލް މެޑްރިޑް ބަލިކުރި މެޗުގައި ބަދަލެއްގެ ގޮތުން ލެވަންޑޯސްކީ ކުޅެން ނުކުމެފައިވެއެވެ. ލެވަންޑޯސްކީ ބާސާއަށް ކުޅޭ ފަހު މެޗަކަށްވާނީ އަމިއްލަ ދަނޑުގައި މާދަމާ ރޭ ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ލެވަންޑޯސްކީ ބުނީ ބާސާގައި ހޭދަކުރި ދުވަސްތަކަކީ ޗެލެންޖިން ދުވަސްތަކެއް ނަމަވެސް، އެ ކްލަބަށް ދިޔަ ޓާގެޓް ހާސިލްވި ކަމަށެވެ. އެއީ ތަށި ހޯދުން ކަމަށާއި، އެކަން ފުރިހަމަ ވި ކަމަށްވެސް ބުންޏެވެ.

ލެވަންޑޯސްކީގެ ކުރިމަގާމެދު އަދި އެއްވެސް އެއްޗެއް ހާމަކޮށްފައި ނުވާ އިރު، އެމެރިކާ ލީގުގެ ކްލަބަކާ މިދިޔަ ސީޒަނުގެ ތެރެއިން ވާހަކަ ދައްކާފައިވާ ކަމަށް ނޫސްތައް ބުނެއެވެ.