ރޮމެލޫ ލުކާކޫ

އެނބުރި އިންޓައަށް ގޮސް، ލުކާކޫ ހިތްހަމަޖެހިފައި

ޗެލްސީގައި ފްލޮޕް ސީޒަނެއް ހޭދަކުރުމަށްފަހު އަނެއްކާވެސް އެނބުރި އިންޓަ މިލާނަށް ދެވުމުން އުފާކުރާ ކަމަށް ބެލްޖިއަމް ފޯވަޑް ރޮމެލޫ ލޫކާކޫ ބުނެފިއެވެ.

ލުކާކޫ ކުރިއަށް އޮތް ސީޒަނަށް އިންޓައަށް ގޮސްފައިވަނީ އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ޖުމުލަ 6.9 މިލިއަން ޕައުންޑުގެ ލޯނު އެއްބަސްވުމެއްގައި ޗެލްސީން ލުކާކޫ ލޯނަށް ފޮނުވާލާފައި ވަނީ މުސާރަ އެއްކޮށް އިންޓަ މިލާނުން ދައްކާ ގޮތަށެވެ. އިންޓައަށް ދާން ލުކާކޫ ބޭނުންވެފައި ހުރިވަރުން، މުސާރަ ކުޑަކުރަންވެސް އެއްބަސްވެފައިވެއެވެ. އެއީ އިންޓަ މިލާނުގެ ފައިސާގެ ހާލަތު ހުރި ގޮތުން ޗެލްސީން ދެމުން ގެންދިޔަ މުސާރަ ނުދެވޭނެތީއެވެ.

ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރު ސީޒަނުގެ ނިޔަލަށް ލުކާކޫ ކުޅެފައި ވަނީ އިންޓައަށެވެ. އެ ދެ ސީޒަނުގައި އިންޓައަށް ލުކާކޫ ރަނގަޅު ފޯމެއް ދައްކާފައިވާ އިރު، އޭނާ ވަނީ ކުޅުނު 72 މެޗުން 47 ގޯލު ޖަހައިދީފައެވެ. 2021 ވަނަ އަހަރުގެ ސީޒަނުގައި އިޓަލީ ލީގުގެ ޗެމްޕިއަންކަންވެސް ލުކާކޫ ހޯދިއެވެ. އޭގެ ފަހުން މިދިޔަ ސީޒަނަށް ލުކާކޫ ޗެލްސީއަށް ބަދަލުވީ ކްލަބު ރެކޯޑު 97.5 މިލިއަން ޕައުންޑުގެ އަގަކަށެވެ.

ބޮޑު އަގުގައި ޗެލްސީން ލުކާކޫ ގެންދިޔަ ނަމަވެސް އޭނާއަށް ޗެލްސީއަށް އެނބުރި ދިއުން މާކާމިޔާބެއް ނުވިއެވެ. މުބާރާތްތަކުގައި ޖުމުލަ 15 ގޯލު ޖެހުނު އިރު، ލީގުގައި ކާމިޔާބުކުރެވުނީ 26 މެޗުން އަށް ގޯލެވެ.

މިދިޔަ ސީޒަނުގެ މެދު ތެރެއިން ލުކާކޫ ވަނީ އަނބުރާ އިންޓައަށް ދާން ބޭނުންވާ ކަމަށްވެސް ވާހަކަތައް ދައްކައިފައެވެ. ލުކާކޫ އޭރު ބުނީ ޗެލްސީގައި ހިތްހަމަނުޖެހުންތައް އެބަހުރި ކަމަށާއި ހިތް އޮތީ އިންޓަ މިލާނުގައި ކަމަށެވެ. އެ ވާހަކަތަކުގެ ސަބަބުން ޗެލްސީގެ ސަޕޯޓަރުންނާއި ލުކާކޫއާ ދެމެދު ނުތަނަވަސްކަންވެސް އުފެދުނެވެ. އަދި ފަހުން ލުކާކޫ ވަނީ ކްލަބަށް އިހުތިރާމް ކުޑަކޮށް ދެއްކުނު ބައެއް ވާހަކަތަކަށް މައާފަށް އެދޭ ކަމަށްވެސް ބުނެފައެވެ.

ލުކާކޫ އެނބުރި އިންޓައަށް ދިޔަކަން އިއުލާން ކުރުމަށް ޓްވީޓް ކުރި ޕޯސްޓް ގައި ބުނެފައި ވަނީ "އައި އޭމް ބެކް ބޭބީ،" އެވެ. ރަސްމީކޮށް ކްލަބަށް އޭނާ ބުނެފައި ވަނީ އެނބުރި ދިޔުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.