ރޮމެލޫ ލުކާކޫ، އަނިޔާގެ ސަބަބުން ވޯލްޑް ކަޕްގައި ނުފެނިދާނެކަމަށް ކުރިން ބިރުހީވެފައި އޮތް ނަމަވެސް، މިހާރު އޭނާ އެނބުރި ކުޅުމަށް އަންނަ ފުރިހަމައަށް ތައްޔާރު ކަމަށް ނަޕޯލީން ބުނެފިއެވެ.

ލުކާކޫގެ އަނިޔާ އޮތީ ބޮޑު މައްސަލަގަނޑަކަށް ވެފައެވެ. އުމުރުން 32 އަހަރުގެ ލުކާކޫ، މިދިޔަ މާޗް މަހުގެ އިންޓަނޭޝަނަލް ބްރޭކަށްފަހު އަލުން އަނބުރާ ކްލަބުގެ ތަމްރީނުތަކަށް ނުކުމެފައެއް ނުވެއެވެ. އެފަހަރު ބެލްޖިއަމްގެ މެޗުތަކުގައިވެސް ލުކާކު ފެނިގެން ގޮސްފައިނުވާ އިރު، ގައުމުގައި މަޑުކުރީ ގައުމީ ޓީމުގެ ހާއްސަ ތެރަޕިސްޓަކާއެކު ރިކަވަރީއަށް މަސައްކަތް ކުރުމަށެވެ.

އެގޮތަށް ލުކާކޫ ކަން ކުރީ ނަޕޯލީގެ އެއްވެސް މީހަކަށް އެނގުމެއް ނެތި ކަމަށް ނޫސްތައް ބުނެއެވެ. ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ، ކްލަބަށް އެނބުރި އައިސް ރިޕޯޓް ކުރަން ޖެހޭނެ ކަމަށާއި، އަދަބު ދޭން ނިންމި ފަސޭހައިން ވާހަކަ ދެކެވެން އޮތް ކަމެއްގައި ލުކާކޫ ހަބަރެެއް ނުވުމުން ކަމަށެވެ.

ނަޕޯލީން ވަނީ އެފަހަރު ލުކާކޫގެ މުސާރައިން 20 ޕަސެންޓް އުނިކޮށްފައެވެ. އެހެން ނަމަވެސް ފަހުން ކޯޗުގެ ހުއްދައާއެކު ލުކާކޫއަށް ރިކަވާ ވާން ވަގުތު ދޭން ނިންމާފައިވެއެވެ.

ނަޕޯލީން ބުނީ ލުކާކޫ މިހާރު ފިޓްވެފައިވާ ކަމަށާއި، އަންނަ ހަފުތާ އެނބުރި އަންނަން ތައްޔާރަށް ހުރި ކަމަށެވެ. ފިޓްނެސްއާ ގުޅިގެން ލުކާކޫ ބުނީ، އެއްވެސް ހާލެއްގައި ނަޕޯލީއަށް ކުޅެން ބޭނުން ނުވެގެން ނޫޅޭ ކަމަށާއި، ބޭނުންވީ ވޯލްޑް ކަޕާ ދިމާކޮށް ރަނގަޅަށް ފިޓްވުމަށް ކަމަށެވެ.

ލުކާކޫއަކީ ބެލްޖިއަމްގެ ތާރީހުގައިވެސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ 124 މެޗުން 89 ގޯލް ޖަހައިދީފައެވެ.