ބެލްޖިއަމްގެ ފޯވަޑް ރޮމެލޫ ލުކާކޫ ވިއްކާލަން ޗެލްސީން ނަޕޯލީއާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އިތުބާރު ނޫސްތައް ބުނެފިއެވެ.
ބެލްޖިއަންގެ އުމުރުން 31 އަހަރުގެ ފޯވަޑް ވިއްކާލަން ޗެލްސީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، އެ ޓީމުން އެންމެ ގަދަޔަށް މަޝްވަރާ ކުރި އެއް ކްލަބަކީ އިޓަލީގެ ނަޕޯލީއެވެ. ނޫސްތަކުން ބުނެފައި ވަނީ މިދިޔަ ދެ ދުވަހެއްގެ ތެރޭގައި ޗެލްސީން ނަޕޯލީއާ ކުރި މަޝްވަރާތައް ކާމިޔާބު ކަމަށާއި 30 މިލިއަން ޕައުންޑްގެ އަގަކަށް ދެ ޓީމުން ވެސް އެއްބަސްވެފައިވާ ކަމަށެވެ. އެ ދެ ކްލަބުން އެއްބަސްވެފައިވާ ގޮތުގައި، ލުކާކޫ އިތުރު ކްލަބަކަށް ވިއްކާލާނަމަ، އެ ޑީލްއިންވެސް ޗެލްސީއަށް ފައިސާ ލިބޭނެއެވެ.
ނަޕޯލީއާ މި ސީޒަނަށް ހަވާލުވި ކޯޗު، އެންޓޯނިއޯ ކޮންޓޭއަށް ސީޒަންގެ ފެށުން އުނދަގޫކޮށް ގޮސްފައިވާ އިރު، ފުރަތަމަ މެޗަށްފަހު އޭނާ ވަނީ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފައެވެ. އޭގެ އިތުރުން ކޮންޓޭ ބުނީ އިތުރު ކުޅުންތެރިން ޓީމަށް ގެންނަން ބޭނުންވާ ކަމަށެވެ. ލުކާކޫ ވަނީ މީގެ ކުރިން ކޮންޓޭގެ ކޯޗުކަމުގައި 2019 ވަނަ އަހަރުން 2021 ވަނަ އަހަރު އިންޓަ މިލާނަށް ކުޅެފައެވެ. އެހެންކަމުން ލުކާކޫގެ ޓްރާންސްފާއަށް ކޮންޓޭ ހިތްހަމަ ޖެހޭނެ ކަމަށް ބެލެވެއެވެ.
އޭގެ ކުރިންވެސް ލުކާކޫ ޗެލްސީއަށް ކުޅެފައިވާ އިރު، އަލުން ލުކާކޫ 97.5 ގެ އަގެއްގައި ޗެލްސީ ގުޅުނީ 2021 ވަނަ އަހަރުއެވެ. އެ ޓްރާންސްފާއާ އެކު ލުކާކޫއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާ އިރު، އޭނާ މިދިޔަ ދެ ސީޒަނުގައި ވެސް ހޭދަކުރީ އިޓަލީ ލީގުގައެވެ. އެއީ ފުރަތަމަ ސީޒަން އިންޓާގައި އަދި މިދިޔަ ސީޒަން ރޯމާގައެވެ.
ލުކާކޫ 2022 ވަނަ އަހަރު މޭ މަހަށްފަހު ޗެލްސީއަށް ކުޅެފައެއް ނުވެއެވެ. ޗެލްސީން މި ހިނގާ ޓްރާންސްފާ ސީޒަނުގައި އެކަނިވެސް 11 ވަރަކަށް ކުޅުންތެރިން ޓީމަށް ގެންގޮސްފައިވާ އިރު، އެޓީމުގެ ސްކޮޑުގެ ޖުމުލަ ސައިޒް ވަނީ 40 އަށްވުރެ މައްޗަށް އަރާފައެވެ. އެހެންކަމުން މިވަގުތު ޗެލްސީން މަސައްކަތް ކުރަމުން ދަނީ ސްކޮޑު ސައިޒް ކުޑަކޮށް، ކުޅުންތެރިން ވިއްކުމަށެވެ.
ރޮމެލޫ ލުކާކޫ
ރޮމެލޫ ލުކާކޫ