ރޮމެލޫ ލުކާކޫއަށް އަދި ގޯލެއް ޖެހިފައި ނުވި ނަމަވެސް، މިހާތަނަށް އޭނާ އަންނަނީ މި މުބާރާތުގައި ތަފާތު ވަރުގަދަ ކުޅުމެއް ދައްކަމުން ކަމަށް ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑި ބްރޭނާ ބުނެފިއެވެ.

ބެލްޖިއަމުން މިފަހަރުގެ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި އޮތްނަމަވެސް، ރޭ ނުކުމެ، ކޮލޯން ދަނޑުގައި ރުމޭނިއާ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ ނަތީޖާއާއެކު ދެ މެޗުން ތިން ޕޮއިންޓާއެކު ބެލްޖިއަމަށް އުންމީދު ލިބުނު އިރު، ރުމޭނިއާއަށްވެސް އަދި ފުރުސަތެއް ހަންޏެއް ނުވެއެވެ.

ބެލްޖިއަމުން ރޭ ދެ ގޯލު ޖެހި އިރު، ފުރަތަމަ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ގައުމީ ޓީމުގެ ރެކޯޑު ގޯލު ޖެހުންތެރިޔާ ރޮމެލޫ ލުކާކޫ އެވެ. އެ ގޯލު ޖެހީ ޔޫރޯ ޓީލަމަންސް އެވެ. އަނެއް ގޯލު ކީޕަރު ސައްޕެއް ހޯދައިގެން ޖެހީ ޑި ބްރޭނާ އެވެ.

ބެލްޖިއަމުން މިހާތަނަށް ޔޫރޯގައި ކުޅުނު ދެމެޗުގައިވެސް ލުކާކޫ އަތުން ގިނަ ފުރުސަތުތަކެއް ގެއްލިގެން ގޮސްފައިވެއެވެ. ފުރަތަމަ މެޗުގައި ދެ ބޯޅައެއް ގޯލު ތެރެއަށް ލުކާކޫ ވައްދާލި ނަމަވެސް، ރެފްރީގެ ނިންމުމާ ހެދި އޭނާއަށް ގޯލެއް ލިބޭ ގޮތެއް ނުވިއެވެ. އެ މެޗުގައި ފުރަތަމަ ގޯލު އެތެރެއަށް ވައްދާލި ބޯޅައިގައި ލުކާކޫ ހުރީ އޮފްސައިޑް މަގާމެއްގައި އަދި އަނެއް ގޯލަށް ފުރުސަތު ތަނަވަސްކުރުމުގައި ބެލްޖިއަމް ކުޅުންތެރިޔާ އަތުގައި ޖެހުނު ކަމަށް ވަނީ ނިންމާފައިފައެވެ.

ރޭގެ މެޗުގެވެސް 63 ވަނަ މިނެޓުގައި ޑި ބްރޭނާ ދިން ރީތި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ރުމޭނިއާގެ ގޯލުގެ ތިރީ ކަނަކަށް ލުކާކޫ ބޯޅަ އަމާޒުކޮށްލި ނަމަވެސް، ވީއޭއާރުގެ އެހީގައި ރެފްރީ ނިންމީ އޭނާ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ. އެ ބޯޅައަށް މަސައްކަތް ކުރި އިރު، އޮފްސައިޑް މަގާމެއްގައި އޮތީ ލުކާކޫގެ ކަކުލެވެ.

"ރޮމެލޫ މެޗުގައި ވަރަށް ވަރަށް ކުޅުނު. އޭނާ އެއީ ވަރަށް އަމިއްލަ އެދުން ކުޑަ ކުޅުންތެރިއެއް. ޔޫރީ ޖެހި ގޯލުގައިވެސް އެކަން ފެންނާނެ. އެހެން ގޯލު ނުޖެހި ބަދުނަސީބުކޮށް ދިޔަ ނަމަވެސް، އަހަންނަށް އެނގޭ ލުކާކޫއަށް އަދި މިއީ ކާމިޔާބު މުބާރާތެއްކަން،" ޑި ބްރޭނާ ބުންޏެވެ.

ރޭގެ މެޗަށްފަހު ކޯޗު ޑޮމެނިކޯ ޓެޑެސްކޯ ބުނީ ގޯލު ޖަހަން ފުރުސަތުތައް ލިބި، ބޭކާރުވުމަކީ ދެރައެއް ކަމަށެވެ. ރޭގެ މެޗުގައި ތިނެއް، ހަތަރެއް ނޫނީ ފަސް ގޯލު ޖަހަންވެސް ފުރުސަތު ލިބުމަކީ މާޔޫސްވާ ކަމެއް ނަމަވެސް، ކެތްތެރިކަމާއެކު ކުޅެ، އެ ފުރުސަތުތައް ގޯލަށް ބަދަލުކުރެވޭނެ ކަމަށްވެސް ޓެޑެސްކޯ ބުންޏެވެ.

ބެލްޖިއަމުން ދެން އެ ގްރޫޕްގައި ނުކުންނަން ޖެހޭނީ ޔުކްރެއިނާ ދެކޮޅަށެވެ. އެމެޗުން މޮޅުވެ، ގަދަ 16 އަށް ދިޔުމަށް ފުރުސަތު އެބައޮތެވެ.