ބެލްޖިއަމްގެ ރަން ޖީލަށް ނިމުން އަންނަ ވާހަކައަކީ ޔޫރޯ 2024 ފެށުމުގެ ކުރިންވެސް އެންމެ ބޮޑަށް ދެކެވެމުން އައި ވާހަކައެވެ. އެޓީމުގައި ތިބި ސުޕަ ސްޓާރުންގެ އުމުރު މަތިވެ، ގައުމުގެ ފުޓުބޯޅަ ދަށަށް ދާ މަންޒަރު ފެންނަ ކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. އެ ފާހަގަ ކުރި ކުރުމަށް އިތުރު ޕްރެޝަރަކަށްވީ ފުރަތަމަ މެޗުގައި ސްލޮވާކިއާ އަތުން 1-0 އިން ބަލިވުމުންނެވެ.

ހަގީގަތުގައި ބެލްޖިއަމް އެމެޗުގައި ކުޅުނެވެ. ފުރުސަތުތައް ވެސް ތަނަވަސް ކުރިއެވެ. ދެ ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލި ނަމަވެސް، އެ ދެ ފަހަރު ވެސް ރެފްރީގެ ނިންމުން ދިޔައީ އިދިކޮޅަށެވެ. ރޮމެލޫ ލުކާކޫ ފުރަތަމަ ބޯޅަ ގޯލައް ވައްދާލީ އޮފްސައިޑް މަގާމެއްގައި އޮވެފައެވެ. ދެވަނަ ފަހަރަށް ލުކޫކާ ބޯޅަ ގޯލަށް ވައްދާލި އިރު، އެ ބޯޅަ ހުރަސް ކުރަން އުޅުމުގެ ތެރޭގައި ލޮއިސް އޮޕެންޑާ އަތުގައި ބޯޅައިން ޖެހިގެން ރެފްރީ ވީއޭއާރް ބަލައި ބެލްޖިއަމަށް ގޯލެއް ނުދިނެވެ.

އޭގެ އިތުރުންވެސް ލުކާކޫ އަތުން މުޅިން ހުސް، ތިން ފުރުސަތެއް މެޗުގައި ގެއްލިގެން ދިޔައެވެ. އަދި ބެލްޖިއަމްގެ އެހެން ބައެއް ހަމަލާތައް ވެސް ބަދުނަސީބުން ނާކާމިޔާބުވެގެން ދިޔައެވެ. އެހެން ނަމަވެސް، ގިނަ ޕަންޑިތުން ފާހަގަ ކުރި ގޮތުގައި ލޫކާކޫގެ މޫވްމަންޓާއި ސްޕީޑް މިހާރު ވަރަށް ބޮޑަށް ދަށް ވެއްޖެއެވެ. އެގައުމުގެ ރެކޯޑު ގޯލު ޖެހުންތެރިޔާއަށް ބަރޯސާ ވެވެން ނެތް ކަމަށްވެސް ބައެއް ނޫސްތަކުން ބުނެފައިވެއެވެ.

މިރޭ ބެލްޖިއަމުން ރުމޭނިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އިއްޔެ ބޭއްވި ޕްރި މެޗު ޕްރެސްގައި ކޯޗު ޑޮމެނިކޯ ޓެޑެސްކޯ ވަނީ ގައުމީ ޓީމަށް މިހާތަނަށް 85 ގޯލު ޖަހައިދީފައިވާ ލުކާކޫ ދިފާއުކޮށްފައެވެ.

"ލުކާކޫ އަކީ ގޯލު ޖަހަން ފަރިތަ ފޯވަޑެއް. އެހެންވިޔަސް ގަބޫލުކުރަން ފުރަތަމަ މެޗުގައި ލުކާކޫއަށް އެއަށްވުރެ ރަނގަޅު ކުރެވެން ޖެހޭ ކަމަށް. އެހެންވިޔަސް، ސަޕޯޓަރުން އުންމީދުކޮށްގެން ނުވާނެ ލުކާކޫއަށް ވެސް ލިބޭ ހަ ފުރުސަތުން ހަ ގޯލު ޖަހަން ޖެހޭނެ ކަމަކަށް. ލުކާކޫ އެނބުރި އަންނާނެ. އޭނާ ހުރީ ވަރަށް ރަނގަޅު ރޫހެއްގައި،" ޓެޑެސްކޯ ޕްރި މެޗު ޕްރެސްގައި ބުންޏެވެ.

ފަހަކަށް އައިސް ބެލްޖިއަމަށް ބޮޑެތި މުބާރާތްތަކުގައި އުނދަގޫތަކާ ދިމާވެފައިވެއެވެ. 2022 ވަނަ އަހަރު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން އެޓީމު ކެޓި އިރު، އެންމެފަހުން ދެ ޔޫރޯގައިވެސް ދެވުނީ ކުއާޓާ ފައިނަލާ ހަމައަށެވެ. މިރޭ ބަލިވެއްޖެނަމަ، ބެލްޖިއަމް ކެޓުމުގެ ފުރުސަތު މިފަހަރުވެސް އޮތީ ބޮޑުކޮށެވެ.

"އަހަރެމެން މިރޭގެ މެޗުން ބަލިވާނެ ކަމަކަށް ނުވެސް ވިސްނާނަން. އަހަރެމެންގެ މެންޓާލިޓީގައި އަބަދުވެސް އޮންނާނީ މޮޅުވުން. އަހަރެމެން ގްރޫޕް ސްޓޭޖުން ސަލާމަތްވެއްޖެ ނަމަ، އަހަރެމެންނަށް ރަނގަޅު ފޯމެއްގައި ކުރިއަށް ދެވޭނެކަމުގެ އުންމީދު ބޮޑު،" ޓެޑެސްކޯ ޕްރި މެޗު ޕްރެސްގައި އިތުރަށް ބުންޏެވެ.

ބެލްޖިއަމާއި ރުމޭނިއާ ވާދަކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 12:00 ގައެވެ.