ޓްރާންސްފާ މާކެޓް

ޗެލްސީން ސްޓާލިން ގެންދިއުމާ ގާތަށް، ޔުނައިޓެޑުން ޑި ޔޯންގް ހޯދުމުގައި ކުރިއެރުން

ޗެލްސީން ރަހީމް ސްޓާލިން ހޯދުމަށް ދެވަނަ ބިޑެއް ކުރުމަށް ތައްޔާރުވަމުންދާ އިރު، ބާސެލޯނާގެ ފްރޭންކް ޑި ޔޮންގް ހޯދުމާ ގާތަށް މެންޗެސްޓާ ޔުނައިޓެޑުން ޖެހިލައިފިއެވެ.

ޗެލްސީން އާ ސީޒަނަށް ތައްޔާރުވަނީ ކްލަބުގެ އާ ވެރިންނާއެކުގައެވެ. މިދިޔަ ސީޒަނުގެ ތެރެއިން ރަޝިއާއާއި ޔޫކްރެއިން ފެށި ހަނގުރާމައިގެ ސަބަބުން، ޗެލްސީގެ އޭރުގެ ވެރިޔާ ރޯމަން އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން ފިއްތުންތައް ކުރިމަތިކޮށް ފިޔަވަޅު އެޅުމުން ޗެލްސީގެ ހިންގުމަށް ހުރަސްތަކެއް ކުރިމަތިވިއެވެ. އެ ފިޔަވަޅުތަކާ އެކު އަބްރަމޮވިޗް ނިންމީ ކްލަބު ވިއްކާލާށެވެ. ކްލަބު ވިއްކާލުމުގެ ކަންކަން ނިމުނީ ސީޒަން ނިމުނުތަނާ ހެންނެވެ. މިހާރު ޗެލްސީއަކީ ޓޮޑް ބޯލީ އިސްވެ، އުފައްދާފައިވާ ވިޔަފާރި ގްރޫޕެއްގެ ކްލަބެކެވެ.

ކްލަބުގެ ޗެއާމަނަކީވެސް ބޯލީއެވެ. އަދި ވަގުތީ ޓެކްނިކަލް ޑިރެކްޓަރެއްގެ ހައިސިއްޔަތުން ޓްރާންސްފާގެ މަޝްވަރާތައްވެސް ކުރަނީ އޭނާއެވެ.

ޗެލްސީން ވަނީ ސްޓާލިން ގެންދަން މަޝްވަރާތައް ކުރަމުން ގޮސް، އިއްޔެ ފުރަތަމަ ބިޑުކޮށްފައެވެ. އެ ބިޑު ސިޓީން ރިޖެކްޓްކޮށްފައިވާ އިރު، މަޝްވަރާގެ މަތިން އާ ބިޑެއް ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

ސްޓާލިން ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ ސީޒަނުގެ ނިޔަލަށެވެ. އުމުރުން 27 އަހަރުގެ ފޯވަޑް ސްޓާލިން މިދިޔަ ސީޒަނުގައި ސިޓީ ޖާޒީގައި 30 މެޗު ކުޅެފައިވާ އިރު، އޭނާ ވަނީ 13 ގޯލު ޖަހައިފައެވެ.

ސީޒަނުގައި ސްޓާލިން 30 މެޗު ސިޓީއަށް ކުޅުނު ނަމަވެސް މުހިންމު ބައެއް މެޗުތަކުގައި އިންނަން ޖެހުނީ ބެންޗުގައެވެ. އެގޮތުން ސިޓީން ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު ދެ ލެގުވެސް ހިމެނެއެވެ. އޭގެ އިތުރުން ސިޓީން ލީގު ޔަގީން ކުރުމަށް ލީގުގެ ފަހު މެޗުގައި އެސްޓޮންވިލާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ސްޓާލިން އިނީ ބެންޗުގައެވެ.

ޔުނައިޓެޑުން އެރިކް ޓެން ހާގާއެކު އާ ސީޒަނަށް އިއްޔެ ފަރިތަކުރުންތައް ފަށާފައިވާ އިރު، އެ ޓީމުން ވަނީ ބާސާގެ ޑި ޔޯންގް ހޯދުމުގެ ރޭހުގައިވެސް އިއްޔެ ކުރިއެރުންތަކެއް ހޯދައިފައެވެ. އެގޮތުން އަނގަބަހުން ބާސާއަށް ހުށަހެޅި 65 މިލިއަން ޔޫރޯގެ އަގު އެ ކްލަބުން އިންކާރުކުރުމުން ޔުނައިޓެޑުން މިހާރު މަސައްކަތް ކުރަމުންދަނީ ބާސާއިން އެދޭ އަގު ކަމަށްވާ 85 މިލިއަން ޔޫރޯގެ އަގު ހަމަކޮށް ބިޑު ހުށަހެޅުމަށެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ޔުނައިޓެޑްގެ އާ ބިޑު ގަބޫލުކުރަން ބާސާ އޮތީ ތައްޔާރަށެވެ.

ޑި ޔޯންގަކީ ޔުނައިޓެޑްގެ ކޯޗު ޓެން ހާގުގެ އިރުޝާދުގެ ދަށުން އަޔެކްސްގައި ދުވަސްތަކެއް ހޭދަކުރި މިޑްފީލްޑަރެކެވެ. ބާސާއަށް ބަދަލުވެ ފުރަތަމަ ސީޒަނުގައި އެންމެ ރަނގަޅު ފޯމު ނުދެއްކުނު ނަމަވެސް، މިދިޔަ ސީޒަނުގައި ބާސާ ކޯޗު ކަމާ ޒަވީ ހެނާންޑޭޒް ހަވާލުވި ފަހުން ޑި ޔޯންގް ފެނުނީ ރަނގަޅު ފޯމެއްގައި ކުޅެން ފެށިތަނެވެ.