ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑުން ލިވަޕޫލަށް ކުޅުނު ޑިފެންޑަރު އިބްރާހިމާ ކޮނާޓޭއާއި އިންޓަ މިލާނަށް ކުޅެމުންދާ ނެދަލޭންޑްސްގެ ވިންގް ބެކް، ޑެންޒިލް ޑަމްފްރީސް ގެންދަން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 27 އަހަރުގެ ކޮނާޓޭ ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން ނިމިދިޔަ ސީޒަނުގެ ނިޔަލަށް ހަމަވެފައިވާ އިރު، އޭނާ އެއްބަސްވުން އާނުކުރާނެކަން ކްލަބުން ވަނީ ޔަގީން ކޮށްދީފައެވެ. ކޮނާޓޭ ލިވަޕޫލްގައި މަޑުކުރުމަށް މަޝްވަރާ ކުރި ނަމަވެސް، އޭނާއާއެކު ކްލަބަށް އެއްބަސްވުމަކަށް ނާދެވުނީ މުސާރައަށް އެއްބަސް ނުވެވިގެން ކަމަށްވެސް ނޫސްތައް ބުނެއެވެ.

ފްރީ އެޖެންޓެއްގެ ގޮތުގައި ކޮނާޓޭ ގެންދަން ރެއާލުން ތައްޔާރުވެފައިވާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، ކޮނާޓޭއަކީ 2021 ވަނަ އަހަރު ލިވަޕޫލާ ގުޅުނު ޑިފެންޑަރެކެވެ. އޭނާ ވަނީ އެ ކްލަބަށް 183 މެޗު ކުޅެދީ، ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ލީގު ކަޕުވެސް ކާމިޔާބު ކޮށްދީފައެވެ.

ކޮނާޓޭ ލިވަޕޫލާ ގުޅުނީ އާރްބީ ލެއިޕްޒިގުންނެވެ. އެއީ 35 މިލިއަން ޕައުންޑަށެވެ.

އުމުރުން 30 އަހަރުގެ ޑަމްފްރީސްއަކީ އިންޓަ މިލާނާއެކު މި ސީޒަނުގެ ސެރެއާ އޭ ކާމިޔާބު ކުރި އެޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އޭނާ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރު ޖޫން މަހަށް ހަމަވާ އިރު، ހަބަރުތައް ބުނީ ރެއާލުން މަސައްކަތް ކުރަނީ އޭނާގެ ރިލީސް ފީ ދެއްކުމަށް ކަމަށެވެ.

އިންޓައާއެކު ހަދާފައިވާ އެއްބަސްވުމުގައި ވާގޮތުން ޑަމްފްރީސްގެ ރިލީސް ފީއަކީ 20 މިލިއަން ޕައުންޑް ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ. އަދި ރެއާލުން ޑަމްފްރީސް ގެންދާނީ އެ އަގު ދީފައި ކަމަށް ބެލެވެއެވެ.

ޑަންފްރީސް ގެންދަން ރެއާލުން މަސައްކަތް ކުރަމުން ދަނީ އެ ކްލަބުގެ ކެޕްޓަން ޑެނީ ކަވަހާލް ކްލަބު ދޫކޮށްލުމުން އެތަން ފޫބެއްދުމަށެވެ.