ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބައްޓަންކުރުމަށްޓަކައި އިލެކްޓްރިކް ވޯޓަރ ޓެކްސީ ތައާރަފުކުރުމަށް 100 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ތުރުކީގެ ސްޓޭޓް މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މަޝްރޫއަކީ އެމެރިކާގެ މެރިޓައިމް ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ "ނޭވިއަރ" އާއި އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) ގެ "ޖޭއައިއެޗް ގްލޯބަލް އިންވެސްޓްމަންޓް" ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖެއަށް 100 އިލެކްޓްރިކް ވޯޓަރ ޓެކްސީ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ގެންނަން ހަމަޖެހިފައިވަނީ ނޭވިއަރ އެން30 މަރުކާގެ ފަސް އުޅަނދެވެ. މި އުޅަނދުތައް މިއަހަރުގެ ތެރޭގައި ރާއްޖެ ގެނެސް ބޭނުންކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ބާކީ 95 އުޅަނދު ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ގެންނާނެއެވެ.

ނޭވިއަރގެ ފައުންޑާ، އަދި ސީއީއޯ ސަމްޕްރިތީ ބަޓަޗާރިޔާ ވިދާޅުވިގޮތުގައި، ރާއްޖެއަކީ ކަނޑުދަތުރުފަތުރަށް ބަރޯސާވެފައިވާ ގައުމަކަށް ވުމުން، މިއީ ތިމާވެއްޓާ ރައްޓެހި، އަޑުމަޑު އަދި ޒަމާނީ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް އެންމެ އެކަށީގެންވާ މަންޒިލެވެ. އަދި މިއީ ހަމައެކަނި އުޅަނދުތަކެއް ގެނައުން ނޫން ކަމަށާއި، މިއީ ފެނުމަތީގައި ގާއިމުކުރެވޭ ފުރަތަމަ ދެމެހެއްޓެނިވި ލަގްޒަރީ ދަތުރުފަތުރުގެ ވިއުގަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޖޭއައިއެޗް ގްލޯބަލް އިންވެސްޓްމަންޓްގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވި ގޮތުގައި، މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ގައުމުގެ ގޮތުގައި ރާއްޖެ އޮތުމާއެކު، މިއީ ކަނޑުދަތުރުފަތުރުގެ މުސްތަގުބަލު ބައްޓަންކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

މި މަޝްރޫއުގައި ބޭނުންކުރާ ނޭވިއަރ އެން30 އުޅަނދުތަކަކީ ހައިޑްރޯފޮއިލް ޓެކްނޮލޮޖީ ބޭނުންކޮށްގެން ފެނުން މައްޗަށް އުފުލިގެން ދުއްވާ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ. މި އުޅަނދުތަކުގައި އެއްފަހަރު ޗާޖުކޮށްގެން 75 ނޯޓިކަލް މޭލަށް ދަތުރުކުރެވޭއިރު، ހައިބްރިޑް ނިޒާމު ބޭނުންކޮށްގެން 150 ނޯޓިކަލް މޭލަށް ދަތުރުކުރެވޭނެއެވެ. މީގެ އިތުރުން، މި އުޅަނދުތަކުގައި އޭސީކޮށްފައިވާ ކެބިންތަކާއި، ލައުންޖް ސީޓިން އަދި ސްޓާލިންކް އިންޓަނެޓްގެ ހިދުމަތް ލިބެން ހުންނާނެއެވެ.

މި މަޝްރޫއަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ކާބަން ނިއުޓްރަލް ގައުމަކަށް ވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް އެހީތެރިވެދޭނެ މުހިންމު މަޝްރޫއެއް ކަމަށް ދެ ކުންފުނިންވެސް ފާހަގަކޮށްފައިވެއެވެ. މި ނިޒާމުގެ ދަށުން އެއާޕޯޓުތަކާއި، ރިސޯޓުތަކާއި، ޕްރައިވެޓް ވިލާތަކުގެ އިތުރުން މީހުން ދިރިއުޅޭ ރަށްތައް ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ.