ޗެލްސީއަށް ކުޅެމުންދާ ސްޕެއިންގެ ޑިފެންޑަރު މާކް ކުކުރޭޔާ ގެންދަން ރެއާލް މެޑްރިޑުން 51.8 މިލިއަން ޕައުންޑްގެ އަގަކަށް އެއްބަސްވެފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.
އުމުރުން 27 އަހަރުގެ ކުކުރޭޔާ މިވަގުތު ހުރީ ސްޕެއިނާއެކު ވޯލްޑް ކަޕަށް ގޮހެވެ. ހަބަރުތައް ބުނެފައި ވަނީ ރެއާލުން ކުކުރޭޔާ ރަސްމީކޮށް އިއުލާނުކުރާނީ ވޯލްޑް ކަޕަށް ފަހު ކަމަށެވެ. މިވަގުތު ސްޕެއިންގެ ވޯލްޑް ކަޕް ސްކޮޑުގައި ރެއާލްގެ ކުޅުންތެރިޔަކު ނުހިމެނެއެވެ.
ކުކުރޭޔާގެ ޓްރާންސްފާ ފީގެ ގޮތުގައި 47.5 ޕައުންޑްގެ އަގަކަށް އެއްބަސްވި އިރު، އޭގެ އިތުރުން 4.3 މިލިއަން ޕައުންޑް ބޯނަސްއެއް ޑީލްގައި ހިމެނޭ ކަމަށްވެސް ނޫސްތައް ބުނެއެވެ.
ރެއާލްގެ ރައީސްކަމުގެ އިތުރު ދައުރަކަށް ފްލޮރެންޓީނޯ ޕެރޭޒް އިންތިހާބުވުމާއެކު، ކެމްޕޭނުގައި ވައުދުވި ގޮތަށް ހަރަދުތައް ކުރަމުން ދެއެވެ. އެގޮތުން ފުރަތަމަ ކަމަކަށް ކޯޗު ކަމަށް ޖޯސޭ މޮރީނިއޯ ގެނެސް، އޭގެ އިތުރުން މިހާރު މެންޗެސްޓާ ސިޓީ ދޫކޮށްލި ބަނާޑޯ ސިލްވާ ގެންދަންވެސް ދަނީ ވާހަކަ ދައްކަމުންނެވެ. އެއާއެކު އިންޓަ މިލާން ޑިފެންޑަރު ޑެންޒިލް ޑަމްފްރީސް ގެންދަން އެއްބަސްވުމަކަށް އައިސް، ލިވަޕޫލްގެ އިބްރާހިމާ ކޮނާޓޭގެ ޑީލްވެސް އޮތީ ނިމުމަކާ ގާތުގައެވެ.
ކުކުރޭޔާ 2022 ވަނަ އަހަރު ބްރައިޓަންއިން ޗެލްސީއާ ގުޅުނީ 63 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭނާގެ އެއްބަސްވުމުގައި އަދި ބާކީ ދެ އަހަރު އޮތް ނަމަވެސް، ސްޕެއިނަށް އެނބުރި ދިޔުމުގެ ވިސްނުން ހުރިކަން މީގެ ކުރިންވެސް ފާހަގަކޮށްފައިވެއެވެ.
ޗެލްސީއަށް މުހިއްމު ރޯލެއް އަދާކުރަމުންދާ ކުކުރޭޔާއަކީ ބާސެލޯނާގެ އެކަޑެމީ، ލަ މަސިއާއިން ނުކުތް ކުޅުންތެރިއެކެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ކޮމެންޓް