އޭޝިއާގެ ފުޓްބޯޅަ ކޮންފެޑެރޭޝަން ނުވަތަ އޭއެފްސީއަށް ނިސްބަތްވާ ހަ ގައުމެއް މިފަހަރުގެ ވޯލްޑްކަޕުން ފެނިގެންދާނެއެވެ. ވޯލްޑްކަޕުގެ ތާރީޚުގައި މިފަހަރު ނޫނީ މި އަދަދަށް އޭޝިއާ ތަމްސީލެއް ނުވެއެވެ. އޭޝިއާގެ ހަ ގައުމެއް ގަތަރު ވޯލްޑްކަޕުން ފެނިގެންދާއިރު އޭޝިޔާއަށްވުރެ ގިނަ ގައުމު ތަމްސީލުކުރާ ހަމައެކަނި ކޮންފެޑެރޭޝަނަކީ ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔުއޭފާއެވެ. ޔުއޭފާއަށް ނިސްބަތްވާ ޖުމްލަ ތޭރަ ޓީމެއް މިފަހަރު ފެނިގެންދާނެއެވެ. އޭޝިޔާގެ ހަ ގައުމުގެ ތެރެއިން ފަސްގައުމެއް މިފަހަރުގެ ވޯލްޑްކަޕުގައި ކުޅެނީ ކޮލިފައިން މެޗުތަކެއް ކުޅެގެން ޖާގަ ހޯދައިގެންނެވެ. ގަތަރަށް ޖާގަލިބިފައިވަނީ މުބާރާތް ބާއްވާ ގައުމުގެ ގޮތުގައެވެ. ރިކޯޑް އަދަދަކަށް އޭޝިޔާގެ ގައުމުތައް ވޯލްޑްކަޕުގައި މިފަހަރު ކުޅޭއިރު އޭޝިޔާއަށް ކިހައިވަރެއްގެ ކާމިޔާބީއެއް ހޯދިދާނެބާވައެވެ؟

ދެކުނު ކޮރެޔާ މަޝްހޫރުވެފައި އޮންނަނީ ޓައެގެއުކް ފަހުލަވާނުންގެ ނަމުންނެވެ. އޭޝިޔާގެ ޓައިގަރުންނޭވެސް ކިޔައެވެ. އޭޝިޔާގެ އެންމެ ކާމިޔާބު ޓީމެވެ. މިއީ ވިދިވިދިގެން ވޯލްޑްކަޕުގައި ކުޅޭ ދިހަ ވަނަ ފަހަރެވެ. ޖުމްލަ އެގާރަވަނަ ފަހަރެވެ. ދެކުނު ކޮރެޔާ ވަނީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ސެމީފައިނަލުގައިވެސް ކުޅެފައެވެ. ދެކުނު ކޮރެޔާ ހިމެނެނީ ގްރޫޕް އެޗްގައެވެ. ދެން ތިބީ އުރުގުއާއީ އާއި ޕޯޗުގަލްއާއި ގާނާއެވެ. ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން މިއަހަރު ކުޅުނު މެޗުތަކަށް ބަލާއިރު ބްރެޒިލް އަތުން ފަހެއް އެކަކުން ބަލިވެފައިވެއެވެ. ޗިލީއަތުން ދޭއް ސުމަކުން، މިސްރު އަތުން ހަތަރެއް އެކަކުން މޮޅުވެފައިވެއެވެ. ޕެރަގުއާއީއާ ވާދަކޮށް ދޭއްދޭކުން އެއްވަރުވެފައިވެއެވެ. މި ނަތީޖާތަކަށް ބެލީމާ ދެކުނު ކޮރެޔާއަށް ގްރޫޕް ފިޔަވަހި ކަޑައްތު ކުރެވިދާނޭ ކަމަށް ގަބޫލުކުރެވެއެވެ.

ޖަޕާނު މަޝްހޫރުވެފައި އޮންނަނީ ސަމުރާއި ބްލޫގެ ނަމުންނެވެ. ޖަޕާނު ބަހުން ސަމުރާއިގެ މާނަޔަކީ ފަހުލަވާނެވެ. ހިތްވަރުގަދަ އަސްވާރެވެ. ޖަޕާނުގެ ފުޓްބޯޅައިގައި އެންމެ ފާހަގަކުރެވޭ އެއްކަމަކީ ޖަޕާނު ކޮޅަށް ފަނަރަ ގޯލްޖަހައި ބަލިކޮށްފައިވާ ފިލިޕީންސް ކޮޅަށް އޭގެ ފަންސާސް އަހަރު ފަހުން ޖަޕާނުންވެސް ފަނަރަ ގޯލް ވައްދާލައި ބަލިކުރި ބަލިކުރުމެވެ. މިފަހަރަކީ ވޯލްޑްކަޕުގައި ޖަޕާނުގެ ހަތްވަނަ ފަހަރެވެ. ހިމެނެނީ ގްރޫޕް އީގައެވެ. ދެންތިބީ ޖަރުމަނާއި ސްޕޭނާއި ކޮސްޓަރީކާއެވެ. އެހެންވީމާ ގްރޫޕް ފިޔަވަހި ކަޑައްތުކުރުން ފަސޭހައެއް ނުވާނެއެވެ. ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން މިއަހަރު ކުޅުނު މެޗުތަކަށް ބަލާއިރު ބްރެޒިލް އަތުން އެކެއް ސުމަކުން ބަލިވެފައިވެއެވެ. ޓިއުނީޝިއާ އަތުން ތިނެއް ސުމަކުން ބަލިވެފައިވެއެވެ. ޕެރަގުއާއީ އާއި ގާނާއަތުން އެކެއް ސުމަކުން މޮޅުވެފައިވެއެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އޮސްޓްރޭލިޔާގެ ޓީމު މަޝްހޫރުވެފައި އޮންނަނީ ސޮކަރޫސްގެ ނަމުންނެވެ. މިއީ އޮސްޓްރޭލިޔާއަށް ޚާއްސަ ޖަނަވާރެއް ކަމަށްވާ ކެންގަރޫއަށް ނިސްބަތްކޮށްފައި ކިޔާ ނަމެކެވެ. އޮސްޓްރޭލިޔާއަކީ ހަގީގަތުގައި އޭޝިއާގެ ގައުމެއް ނޫނެވެ. އެކަމަކު 2006 ވަނަ އަހަރުން ފެށިގެން އޭޝިއާގެ ފުޓްބޯޅަ ކޮންފެޑެރޭޝަން، އޭއެފްސީގެ މެންބަރެއްގެ ގޮތުން އެއީ މިހާރު އޭޝިޔާގެ ފުޓްބޯޅަ އާއިލާގެ މެންބަރެކެވެ. މިއީ ވޯލްޑްކަޕުގައި އޮސްޓްރޭލިޔާ ކުޅޭ ހަވަނަ ފަހަރެވެ. ކޮލިފައިވީ އޭޝިޔާގެ ފަސްވަނަ ޓީމުގެ ގޮތުގައި ޕްލޭއޮފްގެ ދެ މެޗެއް ކުޅެގެން ޔޫއޭއީ އާއި ޕެރޫ ބަލިކޮށްފައެވެ. މިފަހަރު އޮސްޓްރޭލިޔާ ހިމެނެނީ ގްރޫޕް ޑީގައެވެ. ދެން ތިބީ ފްރާންސާއި ޑެންމާކާއި ޓިއުނީޝިޔާއެވެ. އެހެންވީމާ ގްރޫޕް ފިޔަވަހި ކަޑައްތުކުރުމުގައި އޮތީ ހަނި މަގެކެވެ. ދަތި މަގެކެވެ.

އީރާނުގެ ފުޓްބޯޅަ ޓީމަށް ވަރަށް ގިނަ ނަންނަން ކިޔައެވެ. އެންމެ އާއްމު ނަމަކީ ޓީމް މެއްލީއެވެ. ފަހަކަށް އައިސް ގިނައިން ކިޔައި އުޅެނީ ދަ ޗީތާސް، މިހެންނެވެ. ޗީތާއަކީ އީރާނުގެ ޖަންގަލިތަކުގައި ދިރިއުޅޭ ވަރަށް ދުވެލިބާރު މިނިކާ ޖަނަވާރެކެވެ. މިއީ ވޯލްޑްކަޕުގައި ކުޅޭ ހަވަނަ ފަހަރެވެ. މީގެ ކުރިން ކުޅެފައިވާ އެއްވެސް ފަހަރަކު ގްރޫޕް ފިޔަވަހި ފަހަނަޅައި ނުދެވެއެވެ. މިފަހަރު ހިމެނެނީ ގްރޫޕް ބީގައެވެ. މިއީ ސިޔާސީ ގޮތުން އީރާނަށް ވަރަށް ވާދަވެރިކަން ބޮޑު ގްރޫޕެކެވެ. ދެންތިބީ އިންގްލެންޑާއި އެމެރިކާޔާއި ވޭލްސްއެވެ. މިތަނުން ވޭލްސްއަކީވެސް އިނގިރޭސިވިލާތެވެ. އެހެންވީމާ އީރާނަށް ބާރުބޮޑުވަނީއެވެ. ވޯލްޑްކަޕަށް ކޮލިފައިވީފަހުން އީރާނުން އެކުވެރިކަމުގެ މާގިނަ މެޗުތަކެއް ނުކުޅެއެވެ. ޖޫންމަހުގެ ތެރޭގައި އަލްޖީރިޔާއާ ވާދަކޮށް ދޭއްއެކަކުން ބަލިވެފައިވެއެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ސައޫދީ އަރަބިޔާ ބޮޑަށް މަޝްހޫރުވެފައި އޮންނަނީ ދަ ފޮލްކަންސްގެ ނަމުންނެވެ. ފޮލްކަންއަކީ ބާޒު އާއިލާއަށް ނިސްބަތްވާ ދޫންޏެކެވެ. އަލްއަޚުދާރޭވެސް ކިޔައެވެ. އެއީ ގައުމީ ކުލަކަމަށްވާ ފެއްސަށް ނިސްބަތްކޮށްފައި ކިޔާ ނަމެކެވެ. މިއީ ވޯލްޑްކަޕުގައި ސައޫދީ އަރަބިޔާ ކުޅޭ ހަވަނަ ފަހަރެވެ. އެންމެ ފުރަތަމަ ކުޅުނީ 1994 ގެ ވޯލްޑްކަޕުގައެވެ. އެފަހަރު ދެވަނަ ބުރަށް ދިޔައެވެ. އޭގެފަހުން ގްރޫޕް ފިޔަވައި ކަޑައްތުކުރެވޭ ތަނެއް ނާދެއެވެ. މިފަހަރު ހިމެނެނީ ގްރޫޕް ސީގައެވެ. ދެންތިބީ އާޖެންޓީނާ އާއި މެކްސިކޯ އާއި ޕޮލެންޑެވެ. އެހެންވީމާ މިއީ ސައޫދީންނަށް ވަރަށްވެސް އުނދަގޫ ގްރޫޕެކެވެ. ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން ޖޫންމަހު ކުޅުނު މެޗުތަކުގައި ކޮލަމްބިޔާ އާއި ވެނެޒުއެލާ އަތުންވެސް ވަނީ ބަލިވެފައެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ގަތަރު މަޝްހޫރުވެފައި އޮންނަނީ ދަ މެރޫންގެ ނަމުންނެވެ. މިއީ ގަތަރުގެ ގައުމީ ކުލަޔަށް ނިސްބަތްކޮށްފައި ކިޔާ ނަމެކެވެ. މީގެ ކުރިން ގަތަރު ދުވަހަކުވެސް ވޯލްޑްކަޕުގައި ކުޅެފައެއް ނުވެއެވެ. މިފަހަރު މިކުޅެނީ މުޅިން އަލަށެވެ. ކޮލިފައިވީ ނުކުޅެ އޮޓޮމެޓިކުންނެވެ. މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުންނެވެ. ގަތަރު ހިމެނެނީ ގްރޫޕް އޭގައެވެ. ދެންތިބީ ހޮލެންޑާއި ސެނެގޯލާއި އިކުއެޑޯރެވެ. މި ގްރޫޕުގައި މިތިބީ ތަފާތު ހަތަރު ކޮންފެޑެރޭޝަނަކަށް ނިސްބަތްވާ ހަތަރު ޓީމެވެ. މިތަނުން އެންމެ ތަޖުރިބާމަދު އެންމެ ބަލިކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޓީމަކީ ގަތަރެވެ. އެކަމަކު ގަތަރަށް ހޯމް އެޑްވާންޓޭޖް އެބައޮތެވެ. ވޯލްޑްކަޕަށް ތައްޔާރުވުމަށްޓަކައި އެކުވެރިކަމުގެ މެޗުތަކެއް ގަތަރުން ކުޅޭތީއެއްވެސް ނުފެނެއެވެ. ތައްޔާރުވުންތައް އަދި ގެންދަނީ ސިއްރިޔާތުގައެވެ.