ވޯލްޑް ކަޕަށް އެންމެ ތިން މަހަށްވެފައި ވަނިކޮށް، މޮރޮކޯގެ ކާމިޔާބު ކޯޗު ވަލީދު ރެގްރަގީ މަގާމު ދޫކޮށްލައިފިއެވެ.

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންވެސް ރެގްރަގީ މަގާމު ދޫކޮށްލަން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެހެން ނަމަވެސް ނިންމުން އޭނާ ޔަގީން ކޮށްދިނީ ރޭ ބޭއްވި ޕްރެސްގައެވެ.

ރެގްރަގީ ރޭގެ ޕްރެސްގައި ބުނީ މޮރޮކޯ ގައުމީ ޓީމު ދޫކޮށްލަނީ ޓީމަށް އާ ވިސްނުމަކާއި އާ ހިޔާލު ބޭނުންވާ ކަމަށް ބުނެއެވެ. އަދި ވޯލްޑް ކަޕަށް މަދު ދުވަސްކޮޅެއް އޮއްވާވެސް ނިންމުން ނިންމީ ޓީމަށް އެންމެ ފައިދާވާނީ އެގޮތަށް ކަމަށް ފެންނާތީ ކަމަށްވެސް އޭނާ ބުންޏެވެ.

ރެގްރަގީއަކީ މޮރޮކޯގެ ތާރީހީ ކޯޗެކެވެ. މޮރޮކޯގެ އިތުރުން އެފްރިކާ ގައުމަކަށްވެސް މީގެ ކުރިން ހޯދިފައި ނުވާ ކާމިޔާބީތައް އޭނާ ވަނީ އެޓީމާއެކު ހޯދައިފައެވެ. އެގޮތުން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް މޮރޮކޯއެކު ދަތުރުކޮށް، ޓީމާއި ކޯޗު ރެގްރަގީ ވަނީ ތާރީހު ލިޔެލައިފައެވެ. އަދި އެންމެފަހުން މިއަހަރު ބޭއްވި އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލަށްވެސް ރެގްރަގީ ވަނީ މޮރޮކޯ ގެންގޮސްދީފައެވެ.

އުމުރުން 50 އަހަރުގެ ރެގްރަގީ މޮރޮކޯއާއެކު ކާމިޔާބީތައް ހޯދި ނަމަވެސް، އޭނާއަށް ފަހަކަށް އައިސް ސަޕޯޓަރުންގެ ނުރުހުން އަމާޒުވިއެވެ. ރެގްރަގީ މޮރޮކޯއާ ހަވާލުވީ 2022 ވަނަ އަހަރުއެވެ.

މިވަގުތަށް މޮރޮކޯ ޓީމުގެ ކޯޗުކަމާ ހަވާލުވެފައި ވަނީ މުހައްމަދު އޮއާބީއެވެ. އެއީ ކުރިން މޮރޮޮކޯ ޒުވާން ޓީމުގައި ހުރި ކޯޗެވެ.