އާޖެންޓީނާއާއެކު ވޯލްޑް ކަޕް ހޯދި، އެގައުމުގެ ގައުމީ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ، ގަތަރު ވޯލްޑް ކަޕްގައި ބޭނުންކުރި ހަ ޖާޒީއެއް ނީލަމުގައި ވިއްކާލައި، 6.1 މިލިއަން ޕައުންޑްގެ ފައިސާ ހޯދައިފިއެވެ.
އުމުރުން 36 އަހަރުގެ މެސީ ކެރިއަރުގައި އަލަށް ވޯލްޑް ކަޕެއް ހޯދީ، މިދިޔަ އަހަރު ޑިސެމްބަރު މަހު ގަތަރުގައެވެ. އެ މުބާރާތުގެ ފައިނަލުގައި ފްރާންސް ކައިރިން އާޖެންޓީނާ މޮޅުވީ އިތުރު ވަގުތު ކުޅެގެންނެވެ. ފައިނަލް މެޗުގައި މެސީ ދެ ގޯލު ޖެހި އިރު، ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔަކީވެސް މެސީއެވެ.
މެސީގެ ވޯލްޑް ކަޕް ހަ ޖާޒީއެއް ވިއްކާލަން ނީލަމަށް ލާފައި ވަނީ ނިއު ޔޯކްގައި ސޮތެބީސްގެ އިވެންޓެއްގައެވެ. މެސީގެ ޖާޒީތައް ވަކިވަކިން ނީލަން ކިޔާފައިވާ އިރު، 6.1 މިލިއަން ޕައުންޑަކީ ޖުމުލަ ލިބުނު އަގެވެ.
މެސީ ވިއްކާލި ޖާޒީތަކުގެ ތެރޭގައި ފައިނަލް މެޗުގައި ލީ ޖާޒީއެއްވެސް ހިމެނެއެވެ. ވޯލްޑް ކަޕްގައި އާޖެންޓީނާއިން ހަތް މެޗު ކުޅެފައިވާ އިރު، މެސީ ނީލަން ކިޔާ ޖާޒީތަކުގައި ނުހިމެނެނީ ގްރޫޕް ސްޓޭޖުގައި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ޖާޒީއެވެ. އެ މެޗު ނިންމާލަމުން މެސީ ވަނީ އޮސްޓްރޭލިއާގެ ކަމެރޮން ޑެވްލިންއާ ޖާޒީ ބަދަލުކޮށްފައެވެ.
ފަހަރު ބެލޮންޑިއޯ ހޯދި މެސީގެ ޖާޒީ ވިއްކައިގެން ލިބުނު ފައިސާގެ ބޮޑު ބައެއް ހަދިޔާކުރަން ނިންމާފައި ވަނީ ޔުނިކަސް ޕްރޮޖެކްޓަށެވެ. އެ ޕްރޮޖެކްޓަކީ ސަންޓް ކޯން ޑެ ޑެއޫއިން މެސީ ފައުންޑޭޝަނާ ގުޅިގެން ބާސެލޯނާގެ ކުޑިކުދީންގެ ހޮސްޕިޓަލުގައި ހިންގާ ހާއްސަ ޕްރޮޖެކްޓެކެވެ. އެއީ އުފެދުމުގައި ހުންނަ ބަލިތަކަށް ފަރުވާ ދޭ ހާއްސަ ކުދީންނަށް އެހީދޭން ހިންގާ ޕްރޮޖެކްޓެކެވެ.
ކުޅުންތެރިއެއްގެ ޖާޒީއެއް މިހާތަނަށް ވިކިފައިވާ އެންމެ ބޮޑު އަގަކީ 7.1 މިލިއަން ޕައުންޑަށެވެ. އެއީ މިދިޔަ އަހަރު ޑިއޭގޯ މަރަޑޯނާގެ "ހޭންޑް އޮފް ގޯޑް،" ޖާޒީއެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ