ގިނަ އަދަދެއްގެ ދިވެހިން ސިއްހީ ކަންކަމަށް ދަތުރުކުރާ އިންޑިއާގެ ކޮޗިން އެއާޕޯޓުގެ ބައެއް އޮފިސަރުން ދިވެހިންނަށް ނިސްބަތްކޮށް "އިންޑިއާ އައުޓް ޕީޕަލްއާ ކަމިން" ފަދަ ބަސްތަކުން މުއާމަލާތް ކުރާކަމަށް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމިޓީން ތައްޔާރުކުރި ރިޕޯޓެއްގައި ބުނެފިއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވުމަށް ދިމާވާ ގާނޫނީ ހުރަސްތައް ބަލައި އެފަދަ ހުރަހެއް ވާނަމަ އެކަމެއް ނައްތައިލުމަށް ނުވަތަ ހައްލުކުރުމަށް 241 ކޮމިޓީއަށް ހުށަހަޅުއްވައިފައެވެ.
މަޖިލިސް ރައީސްގެ އެ ހުށަހެޅުއްވުން ދިރާސާކުރުމަށްފަހު 241 ކޮމިޓީން އިއްޔެ ވަނީ އެކަމުގެ ރިޕޯޓު އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ވަނީ އެ ކެމްޕޭނުގެ ސަބަބުން އިންޑިއާގައި ދަތުރުކުރާ ދިވެހިންނާއި އެގައުމުގެ އުޅެމުން އަންނަ ދިވެހިންނަށް ދިމާވެފައިވާ ބައެއް ހާދިސާތައް ހިމަނައިފައެވެ.
"އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި ހިންގަމުންދާ ހަރަކާތްތަކާ ގުޅިގެން ކޮޗިން އެއާޕޯޓުގެ އިމިގްރޭޝަން ކައުންޓަރުގައި ތިބި ފަރާތްތަކަކުން ދިވެހިންނަށް ނިސްބަތްކޮށް އިންޑިއާ އައުޓް ޕީޕަލް ކަމިން ފަދަ ބަސްތަކުން މުހާތަބު ކުރިކަމަށާއި އަދި އިންޑިއާއަށް ކުރި ދަތުރެއްގައި އެރުނު ޓެކްސީއެއްގެ ޑްރައިވަރަކު ރާއްޖޭގައި ހިންގާ އިންޑިއާ އައުޓް ހަރަކާތްތަކައް ނިސްބަތްކޮށް، އިންޑިއާއިން މޯލްޑިވްސް އައުޓްގެ ނަމުގައި ހަރަކާތްތަކެއް ފަށައިފިނަމަ ހަދާނީ ކިހިނެއްތޯ ބުނެ ސުވާލު އުފައްދާފައިވާކަމަށް އާންމު ފަރާތްތަކުން ކޮމިޓީއާ މައުލޫމާތު ހިއްސާކޮށްފައިވާ" ކަމަށް ރިޕޯޓުގައި ބުންޏެވެ.
އެ ރިޕޯޓުގައި ވަނީ އިންޑިއާ އައުޓް ކެޕްމޭން ހުއްޓުވުމަށް ދިމާވާ 24 ކަމެއް ފާހަގަކޮށްފައެވެ. އެ މައްސަލަ ދިރާސާކުރުމަށް ސަލާމަތީ ހިދުމަތްތައް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އޭގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ ވެރިންނާއި ހޯމް މިނިސްޓްރީގެ ވެރިން ވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
އެ ހުރިހާ ތަނަކުން އިންޑިއާ އައުޓް ކެމްޕޭނުން ދިމާވެދާނެ އަދި ދިމާވަމުންދާ ނޭދެވޭ ކަންތައްތަކުގެ މައުލޫމާތު އެއްކުރުމަށްފަހު ތައްޔާރުކުރި ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، ރައީސް ޔާމީން އިސްވެ ހުންނަވައި ކުރިއަށްގެންދާ އެކެމްޕޭނަކީ، ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި، ރާއްޖެއާއި އިންޑިއާއާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި ރާއްޖޭގެ ތަރައްގީއަށާއި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ކުރަމުން އަންނަ މުހިންމު މަސައްކަތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގަމުންގެންދާ ކަމެއް ކަމަށެވެ.
އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ދެ ގައުމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާކަމަށާއި އެގޮތުން ރާއްޖޭގެ އިގުތިސޯދީ ރައްކާތެރިކަމާއި އިޖްތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.
241 ކޮމިޓީގެ ރިޕޯޓުގައި ވަނީ އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވަން އެޅެން ހުރި ފިޔަވަޅުތައް ބަޔާންކޮށްފައެވެ.
އެގޮތުން ފުރަތަމަ ހުށަހެޅުމަކީ ގާނޫނާއި ގަވާއިދާ ހިލާފު ނުވާހެން އިންޑިއާ އައުޓް ހުއްޓުވުމަށް ދައުލަތުގެ ކަމާގުޅޭ ހުރިހާ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރުމެވެ. ދެވަނަ ހުށަހެޅުމަކީ އިންޑިއާ އައުޓް ކެމްޕޭނު ހުއްޓުވުމަށް ގާނޫނާއި ގަވާއިދުގެ ސަބަބުން ހުރަހެއް ދިމާވާނަމަ ހުރަހެއް ދިމާވާ މާއްދާ މަޖިލީހަށް ހުށަހަޅައިގެން އިސްލާހުކުރުމެވެ.
އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވުމަށް ގޮވާލައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ވެސް ނެރުއްވައިފައެވެ. އެ ގަރާރުގައިވާ ގޮތުން އެ ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެކެވެ. އެހެންވެ އެ ކެމްޕޭން ހުއްޓުވައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގަރާރުގައި ވަނީ އަންގަވައިފައެވެ.
އެ ގަރާރުގެ ދަށުން ފުލުހުން ވަނީ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި "އިންޑިއާ އައުޓް" ބެނާއެއް ނަގައިފައެވެ. އަދި އެ ޝިއާރުގެ ދަށުން ކުރާ މުޒާހަރާތައް ރޫޅާލައި ބައެއް މީހުން ދަނީ ހައްޔަރުވެސް ކުރަމުންނެވެ.
ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިވާ ބެނާ ފުލުހުން ނަގައިފައިވަނީ ގާނޫނާހިލާފަށް ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅައިފައެވެ. ހައި ކޯޓުން ކަނޑައަޅައިފައިވަނީ އެއީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދަށުން ހަރުކޮށްފައިވާ ބެނާއެއް ކަމަށާއި، އެބެނާގެ ސަބަބުން އާންމު ނުރައްކަލެއް، އާންމު އުނދަގުލެއް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅައިފައެވެ.