ޚަބަރު

"އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވަން ދިމާވާ ގާނޫނީ ހުރަސްތައް ނައްތާލަނީ

މުހައްމަދު އިޝާން

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކުރީގެ ރައީސް ޔާމީން އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް ގާނޫނީ ހުރަސްތަކެއް ހުރިނަމަ، އެ ހުރަހެއް ނައްތާލަން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމިޓީން ނިންމައިފިއެވެ.

އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވުމަށް ދިމާވާ ގާނޫނީ ހުރަސްތައް ބަލައި އެފަދަ ހުރަހެއްވާނަމަ އެކަމެއް ނައްތާލުމަށް ނުވަތަ ހައްލުކުރުމަށް 241 ކޮމިޓީއަށް ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.

ނަޝީދުގެ އެ ހުށަހެޅުއްވުމުން ދިރާސާކުރުމަށްފަހު 241 ކޮމިޓީން މިއަދު ވަނީ އެކަމުގެ ރިޕޯޓު އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ވަނީ އިންޑިއާ އައުޓް ކެޕްމޭން ހުއްޓުވުމަށް ދިމާވާ 24 ކަމެއް ފާހަގަކޮށްފައެވެ. އެ މައްސަލަ ދިރާސާކުރުމަށް ސަލާމަތީ ހިދުމަތްތައް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އޭގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ވެރިންނާއި ހޯމް މިނިސްޓްރީގެ ވެރިން ވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން އެ ހުރިހާ ތަނަކަށް ދިމާވެދާނެ އަދި ދިމާވަމުންދާ ނޭދެވޭ ކަންތައްތަކުގެ މައުލޫމާތު އެއްކުރުމަށްފަހު ތައްޔާރުކުރި ރިޕޯޓުގައި ބަޔާންކޮށްފައި ވަނީ ޔާމީން އިސްވެ ހުންނަވައި ކުރިއަށްގެންދާ އެ ކެމްޕޭނަކީ ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި ރާއްޖެ އާއި އިންޑިއާ އާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި ރާއްޖޭގެ ތަރައްގީއަށާއި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ކުރަމުން އަންނަ މުހިންމު މަސައްކަތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގަމުންގެންދާ ކަމެއް ކަމަށެވެ.

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ދެ ގައުމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާ ކަމަށާއި އެގޮތުން ރާއްޖޭގެ އިގުތިސޯދީ ރައްކާތެރިކަމާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

ދިވެހިން އެންމެ ގިނައިންދާ އިންޑިއާގެ ކޮޗިން އެއާޕޯޓުގައި ތިބޭ އިމިގްރޭޝަން އޮފިސަރުން، ދިވެހިންނަށް ނިސްބަތްކޮށް "އިންޑިއާ އައުޓް ޕީޕަލް ކަމިން" ކިޔާ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އިންޑިއާގެ ޓެކްސީ ޑްރައިވަރަކު އިންޑިއާގައި "މޯލްޑިވްސް އައުޓް" ގެ ނަމުގައި ކެމްޕޭނެއް ފަށައިފިނަމަ، އިންޑިއާގައި ތިބި ދިވެހިން ކަންތައްކުރާނީ ކޮންގޮތަކަށްތޯ ސުވާލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް 241 ކޮމިޓީއަށް ހުށަހަޅައިފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

އެކަންތައްތަކަށް ބެލުމަށްފަހު 241 ކޮމިޓީގެ ރިޕޯޓުގައި ވަނީ އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވަން ހުށަހެޅުންތަކެއް ހުށަހަޅައިފައެވެ.

އެގޮތުން ފުރަތަމަ ހުށަހެޅުމަކީ ގާނޫނާއި ގަވާއިދާ ހިލާފުނުވާހެން އިންޑިއާ އައުޓް ހުއްޓުވުމަށް ދައުލަތުގެ ކަމާގުޅޭ ހުރިހާ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރުމެވެ. ދެވަނަ ހުށަހެޅުމަކީ އިންޑިއާ އައުޓް ކެމްޕޭނު ހުއްޓުވުމަށް ގާނޫނާއި ގަވާއިދުގެ ސަބަބުން ހުރަހެއް ދިމާވާނަމަ ހުރަހެއް ދިމާވާ މާއްދާ މަޖިލީހަށް ހުށަހަޅައިގެން އިސްލާހުކުރުމެވެ.

އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވުމަށް ގޮވާލައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ވެސް ނެރުއްވައިފައެވެ. އެ ގަރާރުގައިވާ ގޮތުން އެ ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެކެވެ. އެހެންވެ އެ ކެމްޕޭން ހުއްޓުވައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގަރާރުގައި ވަނީ އަންގަވައިފައެވެ.

އެ ގަރާރުގެ ދަށުން ފުލުހުން ވަނީ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި "އިންޑިއާ އައުޓް" ބެނާއެއް ނަގައިފައެވެ. އަދި އެ ޝިއާރުގެ ދަށުން ކުރާ މުޒާހަރާތައް ރޫޅާލައި ބައެއް މީހުން ދަނީ ހައްޔަރުވެސް ކުރަމުންނެވެ.

ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިވާ ބެނާ ފުލުހުން ނަގައިފައިވަނީ ގާނޫނާހިލާފަށް ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅައިފައެވެ. ހައި ކޯޓުން ކަނޑައަޅައިފައިވަނީ އެއީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދަށުން ހަރުކޮށްފައިވާ ބެނާއެއް ކަމަށާއި، އެބެނާގެ ސަބަބުން އާންމު ނުރައްކަލެއް، އާންމު އުދަގުލެއް ނުވަތަ ގައުމީ ސަލާމަތައް ހުރި ނުރައްކަލެއް ނެތްކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅައިފައެވެ.