ރެއާލް މެޑްރިޑް

ލިވަޕޫލާއި ޕީއެސްޖީއަށް ނޫނެކޭ ބުނެ، އަރަމުން އަންނަ ތަރި ޗުއަމެނީ ރެއާލްއަށް!

ޔޫރަޕުގެ ބޮޑެތި ގިނަ ކްލަބުތަކަކުން ލޯ އަޅަމުންދާ ފްރާންސްގެ ޒުވާން މިޑްފީލްޑަރު އޮރެލިއަން ޗުއަމެނީ ރެއާލް މެޑްރިޑަށް ދާން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އިތުބާރު ހުރި ރިޕޯޓުތަކުން ބުނެފިއެވެ.

ފްރާންސްގެ ގައުމީ ޓީމުގެ ޑިފެންސިވް މިޑްފީލްޑަރަކަށްވެސް މިހާރު ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ ޗުއަމެނީއަކީ މިހާރު ޔޫރަޕުގެ ގިނަ ކްލަބުތަކުން ގެންދަން މަސައްކަތް ކުރާ ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި ފްރާންސް ލީގުގެ މޮނާކޯއަށް މޮޅު ކުޅުމެއް ދެއްކި ޗުއަމެނީ ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރި ކްލަބުތަކަކީ ފްރާންސްގެ ޕީއެސްޖީއާއި ރެއާލްގެ އިތުރުން ލިވަޕޫލެވެ.

އިތުބާރު ނޫސްތަކުން ބުނެފައިވާ ގޮތުގައި ރެއާލުން ޗުއަމެނީއާއެކު މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. ރެއާލަށް ދާން ޗުއަމެނީ އެއްބަސްވި އެންމެ ބޮޑު ސަބަބަކީ އެ ކްލަބުގެ ކޯޗު ކާލޯ އެންޗެލޯޓީ ކުރި ފޯނު ކޯލެއްގެ ސަބަބުން ކަމަށްވެސް ނޫސްތަކުން ބުނެއެވެ. އެ ފޯނު ކޯލުގައި، ރެއާލްގެ ކުރިމަގަށް ޗުއަމެނީގެ މުހިއްމުކަން އެންޗެލޯޓީ ފާހަގަކުރި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނި ގޮތުގައި ޗުއަމެނީ ރެއާލަށް އާނއެކޭ ބުނީ ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕުވެސް އޭނާއާ ސީދާ ގުޅައި ވާހަކަތައް ދައްކަމުން ދަނިކޮށެވެ.

ޗުއަމެނީ ކެރިއަރު ފެށީ ފްރާންސް ކްލަބު ބޯޑޯގެ ޒުވާން ޓީމުގެ ތެރެއިންނެވެ. 2020 ވަނަ އަހަރު މޮނާކޯއިން އޭނާ ގެންގޮސްފައިވާ އިރު، މިދިޔަ ސީޒަނުގައި ވިދާލިއެވެ. އެ ވިދުމާއެކު ބޮޑެތި ކްލަބުތަކަށް ޗުއަމެނީ ގެންދަން މަސައްކަތް ކޮށްފައިވާ އިރު، ރެއާލުން އެއްބަސްވި އަގެއް ކަމަށް ކަނޑައަޅާފައިވަނީ 80 މިލިއަން ޔޫރޯއެވެ. އެ އަގު، ބޯނަސްތަކާއެކު 100 މިލިއަން ޔޫރޯއަށް އަރާނެ ކަމަށްވެސް ބެލެވެއެވެ.

ރެއާލުން އާ ޖީލެއް ބިނާކުރުމަށް ތައްޔާރުވަމުން އަންނަ އިރު، މިވަގުތު ދުނިޔޭގައި ތިބި ޒުވާން އެންމެ ހުނަރުވެރި ކުޅުންތެރިންވެސް ތިބީ އެ ކްލަބުގައެވެ. އޭގެ ތެރޭގައި ފްރާންސްގެ އެޑުއާޑޯ ކަމަވިންގާއާއި ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާ ފާހަގަކޮށްލެވެއެވެ.