މެމްބަރުން ވޯޓު ނަގައިގެން މިދިޔަ 20 އަހަރު ދުވަސް ތެރޭގައި ރެއާލް މެޑްރިޑުން ބޭއްވި ފުރަތަމަ އިންތިހާބު އެންމެފަހުގެ ރައީސް، ފްލޮރެންޓީނޯ ޕެރޭޒް ކާމިޔާބު ކުރައްވައިފިއެވެ.
ރެއާލަށް މިދިޔަ ދެ ސީޒަންވެސް ހުސްއަތާ ނިންމާލަން ޖެހިފައިވާ އިރު، ނިމިދިޔަ ސީޒަނުގައި ޓީމުތެރޭގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އެކަންކަމާ ގުޅިގެން އޭރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒަށް ޕްރެޝަރު ބޮޑުވެ، އިންތިހާބު އިއުލާނުކުރީ މޭ މަހުގެ ތެރޭގައެވެ.
ޕެރޭޒް، 2009 ވަނަ އަހަރު ޖޫން މަހުން ފެށިގެން ރެއާލްގެ ރައީސްކަން އަދާކުރަމުން ގޮސްފައިވާ އިރު، އޭނާއަކީ އެ ކްލަބުގެ ރައީސްކަން އެންމެ ގިނަ ދުވަސްވަންދެން ކުރެއްވި މީހާވެސް މެއެވެ. ޕެރޭޒް ފުރަތަމަ ވަނީ 2000 ވަނަ އަހަރުން 2006 ވަނަ އަހަރަށް އެ ކްލަބުގެ ރައީސްކަން ކުރައްވައިފައެވެ. އަދި ފަހުން 2009 އިން މި އިންތިހާބާ ގާތްވަންދެން ހުންނެވީ ރައީސްކަމުގައެވެ.
މިފަހަރުގެ އިންތިހާބު ވެގެންދިޔައީ 20 އަހަރަށްފަހު ދެ ކެނޑިޑޭޓަކު ވާދަކޮށްގެން ރެއާލްގެ ރައީސްކަމަށް އިންތިހާބު ބާއްވާ ފުރަތަމަ ފަހަރެވެ. ޕެރޭޒާ ވާދަކުރަނީ ހަކަތައިގެ ވިޔަފާރިކުރާ އެންރިކޭ ރިކެލްމޭއެވެ. ދެ ކެނޑިޑޭޓުންވެސް މައިގަނޑު ގޮތެއްގައި ޓްރާންސްފާ ވައުދުތައް ވެފައިވާ އިރު، ޕެރޭޒް ވި ފުރަތަމަ ވައުދަކީ ޖޯސޭ މޮރީނިއޯ ކޯޗު ކަމަށް ގެންނަންވި ވައުދެވެ.
އޭގެ އިތުރުން ރެކޯޑު އަގެއްގައި ތަރިން ގެންނާނެ ކަމަށްވެސް ވައުދުވެވަޑައިގަތެވެ. ނޫސްތަކުން ބުނީ ޕެރޭޒް އިންތިހާބު ކާމިޔާބުކުރެއްވީ 60 ޕަސެންޓަށްވުރެ މަތީ އަގުލަބިއްޔަތަކުން ކަމަށެވެ.
"މިއީ ރެއާލާއި ހުރިހާ ސަޕޯޓަރުންނަށް އުފާވެރި ދުވަހެއް. އަހަރެން މޮޅުވެއްޖެ. އަހަރެން މިހުރީ ރެއާލް ދިފާއުކުރަން ތައްޔާރަށް. މިއީ އާއިލާއެއް. އަދި 16 ވަނަ ޗެމްޕިއަންސް ލީގު ތަށްޓަށް ކުރަން ޖެހޭ މަސައްކަތް މި ފެށުނީ،" ޕެރޭޒް ވިދާޅުވިއެވެ.
ޕެރޭޒާ ވާދަކުރި ރިކެލްމޭވެސް މަރުހަބާ ކިޔާފައިވާ އިރު، ޕެރޭޒް މޮޅުވިކަން މޮރީނިއޯވެސް ވަނީ އިއުލާނު ކޮށްފައެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް