ދާދިފަހުން ބޭއްވި ރެއާލް މެޑްރިޑްގެ އިންތިހާބަށް ކެމްޕޭނު ކުރަމުން ދިޔައިރު، ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވީ ވައުދާ އެއްގޮތަށް އެކްލަބުގެ ކޯޗުކަމަށް ޖޯސޭ މޮރީނިއޯ އަނބުރާ ގެނެސްފިއެވެ.

މޮރީނިއޯ، 63، ރެއާލާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ރަސްމީކޮށް އިއުލާނުކުރީ ރޭގައެވެ. އެހެން ނަމަވެސް މީގެ ކުރިންވެސް އެކަން އޮތީ މާކުރިން ނިންމައިފައެވެ. އެއީ އެތައް އަހަރަކަށްފަހު ރެއާލްގައި ބޭއްވި ވާދަވެރި އިންތިހާބުގެ ކުރިންނެވެ.

މީގެ ކުރިންވެސް ރެއާލަށް ކޯޗުކަން ކޮށްދީފައިވާ މޮރީނިއޯ އަލުން އެ ކްލަބާ ހަވާލުވެފައި ވަނީ 13 އަހަރަށްފަހުއެވެ. މޮރީނިއޯ އަލުން ގެންދިޔުމަކީ ސަޕޯޓަރުން ބޭނުންވާ ނިންމުމެއްކަން ރައީސް ޕެރޭޒް ފާހަގަކުރައްވާފައިވާ އިރު، އޭނާ ކެމްޕޭނުގައި ވެވަޑައިގަތް އެއް ވައުދަކީ ހޮވުމާއެކު މޮރީނިއޯ ހަވާލުވާނެ ކަމަށް ވީ ވައުދެކެވެ. އޭގެ އިތުރުން ތަރިންތަކެއް ގެންދަން ބިޑް ކުރާނެކަމުގެ ޔަގީންކަންވެސް އޮތީ ދެއްވައިފައެވެ.

ރެއާލް މެޑްރިޑްގެ އެންމެފަހު ދެ ސީޒަންވެސް ހުސް އަތާ ނިންމާލަން ޖެހިފައިވުމާއެކު މޮރީނިއޯ ހަވާލުވެފައި ވަނީ ޕްރެޝަރު ބޮޑު ވަޒީފާއަކާއެވެ. މޮރީނިއޯ މިދިޔަ ސީޒަނުގައިވެސް ހުރީ އޭނާގެ އުފަން ގައުމު ކަމަށްވާ ޕޯޗުގަލް ލީގުގެ ބެންފިކާގެ ކޯޗުކަމުގައެވެ. އެއީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ހެދި ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. މޮރީނިއޯ ރެއާލަށް ސޮއިކުރީ އެ އެއްބަސްވުން އުވާލައިފައެވެ. ރެއާލުން ވަނީ އެ ކްލަބަށް 15 މިލިއަން ޕައުންޑް ދައްކައިފައެވެ.

ފަހުގެ ތާރީހެއްގައި ފެނުނު އެންމެ ކާމިޔާބު އެއް ކޯޗު މޮރީނިއޯ ވަނީ މީގެ ކުރިން 2010 އިން 2013 އަށް ރެއާލަށް ކޯޗުކަން ކޮށްދީފައެވެ. އެފަހަރު ލީގު ތަށްޓެއްގެ އިތުރުން ސުޕަ ކަޕާއި ކޮޕާ ޑެލް ރޭ ކާމިޔާބުކުރިއެވެ.

މޮރީނިއޯ ވަނީ މީގެ ކުރިން ޗެލްސީއާއި ޕޯޓޯގެ އިތުރުން ޓޮޓެންހަމްއާއި ގަލަޓަސަރާއި، މެންޗެސްޓާ ޔުނައިޓެޑަށްވެސް ކޯޗުކަން ކޮށްދީފައެވެ. ޕޯޓޯގައި މޮރީނިއޯ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިރު، ޗެލްސީއާއެކު ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޔުނައިޓެޑާއެކު ޔޫރޮޕާ ލީގުވެސް މޮރީނިއޯ ކާމިޔާބުކުރިއެވެ.