ރެއާލް މެޑްރިޑްގެ ރައީސްކަމުގެ ކެމްޕޭނަށް މައިގަނޑު ދެ ކެނޑިޑޭޓުންވެސް ޓްރާންސްފާ ވައުދުތައް ވާން ފަށައިފިއެވެ.
ރެއާލަށް މިދިޔަ ދެ ސީޒަންވެސް ހުސްއަތާ ނިންމާލަން ޖެހިފައިވާ އިރު، ޓީމުތެރޭގައި ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އެކަންކަމާ ގުޅިގެން މިހާރު ހުރި ރައީސް ފްލޮރެންޓީނޯ ޕެރޭޒަށް ޕްރެޝަރު ބޮޑުވެ، އިންތިހާބު އިއުލާނުކުރީ މޭ މަހުގެ ތެރޭގައެވެ. ރެއާލްގެ ރައީސްކަމުގެ އިންތިހާބު އޮންނާނީ މިމަހު ހަތްވަނަ ދުވަހުއެވެ.
ޕެރޭޒް، 2009 ވަނަ އަހަރު ޖޫން މަހުން ފެށިގެން ރެއާލްގެ ރައީސްކަން އަދާކުރަމުންދާ އިރު، މިއީ އޭނާ ރައީސްކަމުގައި ހުންނަވާ ދެވަނަ ފަހަރެވެ. އޭގެ ކުރިން ޕެރޭޒް ވަނީ 2000 ވަނަ އަހަރުން 2006 ވަނަ އަހަރަށް އެ ކްލަބުގެ ރައީސްކަން ކުރައްވައިފައެވެ.
މިފަހަރުގެ އިންތިހާބު ވެގެންދާނީ 20 އަހަރަށްފަހު ދެ ކެނޑިޑޭޓަކު ވާދަކޮށްގެން ރެއާލްގެ ރައީސްކަމަށް އިންތިހާބު ބާއްވާ ފުރަތަމަ ފަހަރެވެ. ޕެރޭޒާ ވާދަކުރަނީ ހަކަތައިގެ ވިޔަފާރިކުރާ އެންރިކޭ ރިކެލްމޭއެވެ.
މީގެ ކުރިންވެސް އިންތިހާބާ ދިމާކޮށް، ކްލަބަށް ޓްރާންސްފާ ވައުދުވުން އެއީ ރެއާލްގައި އާއްމު ކަމެކެވެ. އެގޮތުން ޕެރޭޒް ވަނީ ލުއިސް ފީގޯ ފަދަ ކުޅުންތެރިން ގެންދިޔުމަކީ ކެމްޕޭނު ވައުދަކަށް ހަދައިފައެވެ.
މިފަހަރު ދެ ކެނޑިޑޭޓުންވެސް އެކަހަލަ ގޮތަކަށް ވާހަކަ ދައްކަމުން ގެންދާ އިރު، ޕެރޭޒް ވިދާޅުވެފައި ވަނީ އޭނާ ރައީސް ކަމަށް ހޮވިއްޖެނަމަ، ޖޯސޭ މޮރީނިއޯ ކޯޗުކަމަށް ގެންނަން ތައްޔާރުކޮށްފައިވާ ވާކަމަށެވެ. އެކަމަށް މޮރީނިއޯ ހެކިވާ ވީޑިއޯއެއްވެސް ޕެރޭޒް ވަނީ އާއްމުކޮށްފައެވެ.
ރިކެލްމޭވެސް ހަމަ އެ ބީދައިން ވާހަކަ ދައްކާފައިވާ އިރު، އޭނާ ބުނެފައި ވަނީ އެންމެ ފުރަތަމަ ސޮއިކުރާނެ ކުޅުންތެރިތަކީ މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރު ރޮޑްރީ ކަމަށެވެ. އަދި އޭގެފަހުން އާލިން ހާލަންޑްވެސް ކްލަބަށް ގެންގޮސް، ހީވެސް ނުކުރާކަހަލަ ވަރުގަދަ ކޯޗަކު ގެންދާނެ ކަމަށްވެސް އިއުލާނުކޮށްފައިވެއެވެ.
އޭގެ އިތުރުން ރައުލް ގޮންޒާލޭސްއަކީ އޭނާގެ ވެރިކަމުގައި ސްޕޯޓިން ޑިރެކްޓަރުކަންވެސް އިއުލާނު ކޮށްފައިވެއެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް