ޔޫއެފާ ނޭޝަންސް ލީގު

ޑެންމާކުން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށްފި، ނެދަލޭންޑްސް ކައިރީ ބެލްޖިއަމްއަށް ލަދުވެތި ބައްޔެއް

ޔޫއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ގްރޫޕް އެކެއްގައި އެންމެފަހުގެ ޗެމްޕިއަން ފްރާންސުން ކުޅުނު މެޗުގައި ޑެންމާކު އަތްދަށުވި އިރު، ގްރޫޕް ހަތަރެއްގައި ނެދަލޭންޑްސް އަތުން ބެލްޖިއަމް ބޮޑު ބައްޔެއް ވެއްޖެއެވެ.

ނޭޝަންސް ލީގުގެ ޑިވިޝަން އޭގައި ރޭ ކުޅެފައި ވަނީ ޖުމުލަ ތިން މެޗެވެ. އެއީ ފްރާންސާއި ޑެންމާކު ވާދަކުރި މެޗާއި އެ ގްރޫޕުގައި ކްރޮއޭޝިއާއާއި އޮސްޓްރިއާ ވާދަކުރި މެޗު އަދި ގްރޫޕް ހަތަރެއްގައި ބެލްޖިއަމްއިން ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗެވެ. ފްރާންސުން ކުޅުނު މެޗުގައި ޑެންމާކު ކައިރީ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގެ ބޮޑު ބައެއްގައި ހުރި ރާފް ރަންގްނިކްގެ އިރުޝާދުގެ ދަށުން އޮސްޓްރިއާއިން ކުޅުނު ފުރަތަމަ މެޗުގައި ރޭ ކްރޮއޭޝިއާ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ބެލްޖިއަމްއިން ކުޅުނު މެޗުގައި ނެދަލޭންޑްސް ކައިރީ ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.

ދުނިޔޭގެ ޗެމްޕިއަން ފްރާންސުން އަމިއްލަ ދަނޑުގައި ކުޅުނު މެޗު ވަރުގަދަކޮށް ފެށީ އެގައުމުންނެވެ. ރަނގަޅު ހަމަލާތަކަކާއެކު ފުރަތަމަ ހާފުގައިވެސް ފްރާންސުން ނުރައްކާ ކޮށްފައިވާ އިރު، ގޯލެއް ނުޖެހި ނިންމާލަން ޖެހުންވީ މާޔޫސް ކަމަކަށެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭއަށް އަނިޔާވެ، ދެވަނަ ހާފަށް އޭނާގެ ބަދަލުގައި ކްރިސްޓޮފާ އެންކުންކޫ ވަނީ ކުޅެން ނުކުމެފައެވެ.

ދެވަނަ ހާފު ފެށިގެން ކަރިމް ބެންޒެމާ ޖެހި ޖާދުވީ ގޯލާއެކު ފްރާންސް ލީޑު ނެގިއެވެ. އެންކުންކޫއާއެކު ވަންޓޫ ޕާހެއް ޖަހައި، ބެންޒެމާ ގޯލު ޖެހީ އޭރިއާ ތެރެއިން ޑެންމާކުގެ ތިން ޑިފެންޑަރުން ހިތްގައިމުކޮށް ނައްޓާލުމަށްފަހު ތިރިތިރީން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. އެ ގޯލާއެކު ފްރާންސުން ހަމަޖެހިލިތަނާ ފަހަތަށް ކުޅެމުންދިޔަ ރަފޭލް ވަރާންއަށް އަނިޔާވެ ބާލަން ޖެހުނެވެ. ބަދަލުގައި ނުކުތީ ވިލިއަމް ސަލީބާއެވެ.

އެ ބަދަލުގެ ބޭނުން ހިފުމަށް ޑެންމާކުން އެޓޭކިން ބަދަލުތަކެއް ކޮށް، ނަތީޖާ އަނބުރާލީ ބެންޗުން އެރި އަންދްރޭއާ ކޯނޭލިއަސް ޖެހި ދެ ގޯލުންނެވެ.

ނެދަލޭންޑްސްއިން ބެލްޖިއަމް ކޮޅަށް ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު މެމްފިސް ޑިޕޭ ޖެހި އިރު، އަނެއް ގޯލުތައް ޖެހީ ޓޮޓެންހަމްއިން އަޔެކްސްއަށް ބަދަލުވާން ތައްޔާރުވެފައިވާ ސްޓީވަން ބާގްވިންއާއި އިންޓަ މިލާންގެ ޑެންޒިލް ޑަމްފްރީސްއެވެ. މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމްގެ ރެކޯޑު ގޯލު ޖެހުންތެރިޔާ ރޮމެލޫ ލޫކާކޫއަށް އަނިޔާވެ، އޭނާގެ ބަދަލުގައި ލެއާންޑްރޯ ޓްރޮސާޑު ކުޅެން ނެރެފައިވެއެވެ.

ބެލްޖިއަމްގެ ހަމައެކަނި ގޯލު މެޗުގައި ޖެހީ މިޗީ ބަޓްސްޝުއާއީއެވެ. އެ ގޯލު ފެނުނީ ފަހު މިނެޓުގައެވެ.

ނޭޝަންސް ލީގުގެ އެންމެ ވަރުގަދަ ޑިވިޝަން، ޑިވިޝަން އޭގައި މިރޭވެސް ދެ މެޗު އޮންނާނެއެވެ. އެއީ ހަންގޭރީއާއި އިންގްލެންޑް ވާދަކުރާ މެޗާއި، އިޓަލީއާއި ޖަރުމަނުގެ ކުރިމަތިލުމެވެ. އެ ދެމެޗަކީވެސް ޑިވިޝަން އޭގެ ގްރޫޕް ތިނެއްގެ ދެ މެޗެވެ.