ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލި މީހަކު އަލުން ހައްޔަރުކޮށްފިއެވެ.
ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ / ގ. ތަބުރުގެ، މުހައްމަދު ބިޝާރު އިސްމާއީލް (41އ) އެވެ. އޭނާ އަލުން ހައްޔަރުކޮށްފައިވާކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް ކުޑަކުއްޖަކާ ގުޅޭ މައްސަލައަކަށްވުމުން އިތުރު މައުލޫމާތު ދީފައެއްނުވެއެވެ.
ފުލުހުން ބިޝާރު އެންމެ ފުރަތަމަ ހައްޔަރުކުރީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. އެ ދުވަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ސައުތު ޕޮލިސް ރީޖަން (ގއ، ގދ، ޏ، ސ) ގައި ހިމެނޭ ރަށެއްގެ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރިއެވެ.
އެ މައްސަލައިގެ ޝަރީއަތް ކުރިމިނަލް ކޯޓަށް ބަދަލުކުރުމާ ގުޅިގެން 26 މެއި 2021 ވަނަ ދުވަހު ކުރިމިނަލް ކޯޓުންވެސް ވަނީ މުހައްމަދު ބިޝާރު އިސްމާއީލް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ނަމަވެސް ދައުވާ ލިބޭ ފަރާތުން ބަންދު މުރާޖާކޮށްދިނުމަށް ކޯޓުގައި އެދުމުން، ޝަރުތުތަކާއެކު އޭނާ ދޫކޮށްލިއެވެ.
މުހައްމަދު ބިޝާރު އިސްމާއީލް ދޫކޮށްލުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން 2021 ޑިސެމްބަރު 23 ވަނަ ދުވަހު ހައިކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިން ކުރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލު ނުވެ ދެމި އޮތް ކަމަށް ހުކުމްކޮށްފައެވެ.
ބިޝާރުއަކީ 2013 ވަނަ އަހަރު ރާއްޖެއަށް ކެނަބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރި މީހެކެވެ. އަދި މަސްތުވާތަކެތި ވިޔަފާރިކޮށްގެން އެ މައްސަލައިގައި ހިމެނޭ ދެމީހުން ހޯދާފައިވާ ކަމަށް ބުނެ ދައުލަތަށް 1.1 މިލިއަން ރުފިޔާ ނަގާފައިވަނިކޮށް، މައްސަލަ ތަހުގީގު ކުރުމުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކުރުމުގައި ފުލުހުން އިހުމާލުވެފައިވުމުން، 2018 ވަނަ އަހަރުގެ މާޗް ގައި ހައި ކޯޓުން ވަނީ އޭނާގެ މައްޗަށް ކުރި ކުރި ހުކުމް ބާތިލުކޮށްފައެވެ. އަދި ދައުލަތައް ނެގި 1.1 މިލިއަން ރުފިޔާވެސް އެދެމީހުންނަށް ދައުލަތުން އަނބުރާ ވަނީ ދައްކާފައެވެ
ޚަބަރު
ޚަބަރު
ޚަބަރު