ޚަބަރު

އެމްޑީޕީގެ ތިލަފަތް ހަމަކުރަން ޖެހިފައި މިވަނީ ޕީޕީއެމަށް: ރައީސް ޔާމީން

މުހައްމަދު އިޝާން

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ތިލަފަތް ހަމަކުރަން މިހާރު ޖެހިފައިވަނީ އިދިކޮޅު ޕީޕީއެމަށް ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ފަރާތުން ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނުގައި ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިއަދުގެ ޖަލްސާގައި ޔާމީން ވަނީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަފުޅުދައްކަވައިފައެވެ.

"މުޅި އެމްޑީޕީގެ ރަމްޒަކަށް މި އޮންނަނީ ތިލަފަތެއް. އެ ތިލަފަތް މިހާރު ދެ ތިލަފަތް ހުރީމަ އެބަ އެނގޭ މި މީހުން ވިސްނާފައި ކުރި ކަމެއްކަން. އެއް ތިލަފަތުގައި އެ އޮތީ އިބްރާހީމް މުހައްމަދު ސޯލިހު، އަނެއް ތިލަފަތުގައި އެ އޮތީ ރައީސް ނަޝީދު. މި ތިލަފަތް ހަމަކޮށްދޭން މި ޖެހެނީ ޕީޕީއެމުން ނުކުމެ. އެމްޑީޕީ ކެންޑިޑޭޓުންނަށް ވެސް ހީވޭ މި ހުންނެވި އަބްދުއްރަހީމާއި ރައީސް ޔާމީން ތާއިދުކުރަނީ އެމްޑީޕީގެ ވަކި މީހަކު ޗެއާޕަސަންކަމަށް އަންނަންށޭ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، އެމްޑީޕީ ވެރިކަމަށް އައީ ތިލަފަތުގެ މީޒާން ދައްކައިގެން ކަމަށާއި ޝަރުއީ ދާއިރާއަށް ފުރިހަމަ މިނިވަންކަން ގެންނާނެ ކަމަށް ބުނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަން އެގޮތަށް ނުކުރާ ކަމަށާއި އޭގެ ބަދަލުގައި ފެންނަނީ މުޅި ހަށިގަނޑު އެ ދާއިރާއަށް ވައްދައިގެން ނުފޫޒު ފޯރުވަމުންދާ މަންޒަރު ކަމަށެވެ. އަދި އަދުލުގެ ނިޒާމުން ފަނޑިޔާރުންނަށް އެއްވެސް ކަމެއް ނިންމުމުގެ ފުރުސަތު މި ސަރުކާރުން ނުދެއްވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ކޯޓުތަކުގެ ނިންމުންތަކަށް ފާޑުކިޔެން ޖެހޭނެކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކުރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން ހުކުމްކުރެއްވީ، އެ ހުކުމް ކުރެއްވުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ލިބޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. އަދި ފަނޑިޔާރު ރަޝީދު ސުޕްރީމް ކޯޓަށް އައްޔަންކުރީ ތަޖުރިބާތަކެއް ނޫނީ އެހެން ގޮތަކުން އޭނާ މޮޅުވެގެން ނޫން ކަމަށާއި، ސަރުކާރާ ގުޅުންހުރި ބޭފުޅުންގެ ނުފޫޒުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ރައީސް ނަޝީދު މަގާމުން ވަކިވި އިރު، އޭގެ އަނެއް ދުވަހު މަގާމުގައި ހުންނެވިނަމަ، މުޅި ދިވެހިރާއްޖޭގެ ފަނޑިޔާރު ގޭގެ ތިބި ހުރިހާ ފަނޑިޔާރުން ބަދަލުކުރަން އޮތީ ނިންމާފައި. މިއީ ހަގީގަތް، ހުރިހާ ފަނޑިޔާރުން، އެމީހުން ބުނާ ގޮތަކަށް އަމަލުކުރާނެ ފަނޑިޔާރުން ލާން އޮތީ ނިންމާފައި. މިއަދު ވެސް އަޅުގަނޑުގެ ހިތާމައަކީ އެމީހުންގެ ބާރު ޖުޑިޝަރީ ތެރެއަށް، އަތް އެކަންޏެއް ނޫން، ފައި އެކަންޏެއް ވެސް ނޫން، މުޅި ހަށިގަނޑާއި ހުރިހާ ތަނެއް ބާނާފައި ވަނީ. މިވަރުގެ ބައެއް މިއީ،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިހާރު ސަރުކާރު ތެރޭގައި ދެކެވޭ ވާހަކައަކީ މިއީ އެމްޑީޕީ ސަރުކާރެެއް ނޫން ކަމާއި މިއީ ކޯލިޝަން ސަރުކާރެއް ކަމަށް އެމްޑީޕީގެ ބޭފުޅުން ބުނަމުންދާ ވާހަކަ ކަމަށެވެ. އެމްޑީޕީގެ އިސް ސަފުގެ ބޭފުޅުން އެގޮތަށް ގަބޫލުކުރައްވާނަމަ އެންމެ ރަނގަޅުވާނީ ވެރިކަންކުރުން ކޯލިޝަނާ ހަވާލުކޮށް އެމްޑީޕީން ފެއަށް ޖެހިލުން ކަމަށާއި އަދި ސަރުކާރުގެ ނާގާބިލުކަން ކޯލިޝަން ޕާޓީތަކާ އެމްޑީޕީން ގުޅުވަނީ ހުރިހާ ބާރުވެރިކަމެއް ހޯދައިގެން ތިބެވެސް ރައްޔިތުންނަށް ކަމެއް ނުކޮށްދެވުމުން ކަމަށް ޔާމީން ވިދާޅުވިއެވެ.

"އެއީ ރައްޔިތުންނަށް ގަބޫލުކުރެވޭ ފަދަ ތަރައްގީއެއް، ނޫނީ ރައްޔިތުން ގަބޫލުކުރާ ފަދަ މަސައްކަތެއް ނުކުރެވޭކަން އެނގުނީމަ ދެން ނުކުމެ އެކަކު އަނެކަކާ، މިއީ އަހަރެމެން ކުރާ ކަމެއް ނޫނޭ، ދެން އެކިއެކި ފާޓީތަކުން މަގާމުގެ ބޭނުމުގައި އައިސް ތިބެ ދައްކާ ވާހަކަ. އެހެންނޫންތޯ ވާނީ ކޯލިޝަން ސަރުކާރެއްގައި އިބްރާހީމް މުހައްމަދު ސޯލިހުގެ ފުރިހަމަ ބާރެއް ނެތް، އެއްވެސް މީހަކަށް ނެތް، އިންޑިއާ ސަފީރަށް މިތާ ފުރިހަމަ ބާރު އޮތީ. އެހެންވީމާ މި ހާލުގައި އޮތް ސަރުކާރެއް މިއީ،" ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ، އެމަނިކުފާނު އިސްވެ ހުންނަވައިގެން ކުރިއަށްގެންދަވާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް ރައީސް ސޯލިހު ނެރުއްވި ގާރާރަކީ ތަންފީޒު ކޮށްގެންވާނެ ގަރާރެއް ނޫން ކަމަށެވެ.