އެއް އާއިލާއެއްގެ ހަ ކުދިންނަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލައިފިއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 55 އަހަރުގެ ފިރިހެނެކެވެ. ފުލުހުން އޭނާއަށް ކުރާ ތުހުމަތަކީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުދިންތަކަށް ޖިންސީ ގޯނާކުރިކަމުގެ ކުށުގެ ތުހުމަތެވެ.

ކުރިމިނަލް ކޯޓުން ވަނީ މީގެ ކުރިން އޭނާގެ ބަންދަށް 30 ދުވަސް ޖަހައިފައެވެ. އެ މުއްދަތު ހަމަވާތީ ފުލުހުން މިއަދު ވަނީ އޭނާ ކޯޓަށް ހާޒިރުކޮށްފައެވެ.

ބަންދުމުރާޖާ ކުރުމަށް ބޭއްވި އަޑުއެހުމުގައި ކުރިމިނަލް ކޯޓުން މިއަދު އަމުރުކުރީ ތުހުމަތުކުރެވޭ ފަރާތް ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށެވެ. އެއީ އޭނާގެ ފަރާތުން އަނިޔާ ލިބުނު ކުދިން މިހާރު ބޮޑުވެފައިވުމުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން މައްސަލައާ ގުޅޭ ގޮތުން ދޭ ލިޔުން ބަންދު ރިވިއުގައި އާ ލިޔުމެއްގެ ގޮތުގައި ހުށަހަޅަން ޖެހޭތީ އެކަން އެގޮތަށް ފުލުހުން ކޮށްފައި ނުވުމުންނެވެ.

ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލީ އަނިޔާ ލިބުނު ފަރާތްތަކާ ބައްދަލުނުކުރުމަށާއި ތަހުގީގަށް ހާޒިރުވުމަށާއި ހުއްދަނެތި ދަތުރު ނުކުރުމަށް ޝަރުތުކޮށްފައެވެ.

އެއް އާއިލާއެއްގެ ހަ ކުދިންނަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުކުރެވެނީ އެ އާއިލާގެ މީހަކަށެވެ.