ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އުފަން ރަށް، ޅ. ހިންނަވަރަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަޑައިގަތުމުން މީހުން ފޮނުވައިގެން އެކަމަނާއަށް "ބަވާ" ފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރުޅިވެރިކަމާއެކު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ އީވާ، ހިންނަވަރަށް ވަޑައިގަތުމުން މީހުން ފޮނުވައިގެން "ބަވާ"ފައިވާކަމަށް ބުނާ މައްސަލައެއް އެމްޑީޕީގެ ތެރޭގައި ހޫނުވެފައި ވަނިކޮށެވެ. ނަޝީދަކީ އީވާގެ ބޮޑުބޭބެއެވެ.
އީވާ ހިންނަވަރަށް ވަޑައިގަތީ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ކެމްޕެއިނަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒްގެ ފަހުމީގެ ކެމްޕެއިނަށެވެ.
އެ ދަތުރަށް އިޝާރާތް ކުރައްވާ ނަޝީދު މިއަދު ވިދާޅުވީ ހިންނަވަރަށް އީވާ އަބްދުﷲ ވަޑައިގަތުމުން މީހުން ފޮނުވައިގެން "ބަވާ"ފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހް ގަލޮޅަށް ވަޑައިގަތުމުން އެހެން ހައްދަވަންވީތޯ ސުވާލު ކުރެއްވިއެވެ.
"ހިންނަވަރަށް އީވާ ދިޔާމަ، މީހުން ފޮނުވައިގެން ބެވީ، ދެން އިބޫ އަށް ގަލޮޅުން އެހެން ހަދަންވީތާ،" ނަޝީދު ވިދާޅުވިއެވެ.
އީވާ އަކީ ގަލޮޅު އުތުރު ދާއިރާގެ މެންބަރެވެ. އަދި ގަލޮޅަކީ ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ އަވަށެވެ.
އެމްޑީޕީގެ ވަޓްސްއެފް ގްރޫޕުގައި މިދިހަ ހަފުތާއިން ފެށިގެން މެންބަރުން ދަނީ އެކަކު އަނެކަކަށް ރުޅިވެރިކަމުގެ ބަސްތައް އަމާޒުކުރަމުންނެވެ. އެ ގްރޫޕުގައި ނަޝީދަށް ވަފާތެރި މެންބަރުންނާއި ރައީސް ސޯލިހަށް ވަފާތެރި މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރެއެވެ.
ސަރުކާރުގެ ސިޔާސަތަށާއި ސަރުކާރަށް ތާއިދުކުރާ މަޖިލީހުގެ މެމްބަރުންނަށް ވެސް ނަޝީދު ވަނީ މީގެ ކުރިން ފާޑު ވިދާޅުވެފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު މެއި 16 ގައި ބާއްވާއިރު އެމްޑީޕީ ވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ.
ޗެއާޕާސަންގެ އިންތިހާބަށް ނަޝީދުގެ ތާއިދާއެކު އިމްތިޔާޒު ވާދަކުރައްވާއިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވާދަކުރައްވަނީ ރައީސް ސޯލިހުގެ ތާއިދާއެކުއެވެ. އިމްތިޔާޒުގެ ޓީމުން ފައްޔާޒުގެ ޓީމަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކާއިރު ބައެއް ފަހަރު ނަޝީދު ވެސް އެ މޭރުމުން ވާހަކަދައްކަވައެވެ.
އެގޮތުން އެމްޑީޕީއަށް ރައްޔިތުންގެ ވޯޓްގެ 50 ޕަސެންޓް ހޯދުންވެސް ދެން ވަރަށް އުނދަގޫ ވާނެ ކަމަށާއި އެ މިންވަރަށް ތާއީދު ހޯދޭވަރަށް ވުރެ މާގިނަ ގޯސްތައް ސަރުކާރުން ހަދާފައިވާ ކަމަށް ނަޝީދު ވަނީ ތުހުމަތުކުރައްވައިފައެވެ. މީގެ އިތުރުން ރައީސް ސޯލިހުގެ ސަރުކާރު "ފެތެމުންދާ" ކަމަށާއި މިވަގުތު އެމްޑީޕީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާއެކީ އެމްޑީޕީ ނުފެތުން ކަމަށެވެ. އަދި މި ސަރުކާރަކީ އެމްޑީޕީ އެކަނި އޮވެ ހިންގާ ސަރުކާރެއް ނޫން ކަމަށާއި އެމްޑީޕީ މެންބަރުން އެދޭ ގޮތް އަދި އެމްޑީޕީގެ ވައުދުތައް ނުފުއްދެނީ ކޯލިޝަން ސަރުކާރަކަށް ވާތީ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އިމްތިޔާޒަށް ތާއިދުކުރައްވާ ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ދައްކާ ވާހަކަތަކަށާއި ފައްޔާޒަށް ކުރާ ތުހުމަތުތަކަށް ފައްޔާޒުގެ ޓީމުން ވެސް ދަނީ ރައްދު ދެމުންނެވެ. ނަމަވެސް ރައީސް ސޯލިހު އިމްތިޔާޒުގެ ޓީމަށް ރައްދު ދިނުމުގެ ގޮތުން އެއްވެސް ވާހަކަފުޅެއް ނުދައްކަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު