ޚަބަރު

އައްޑޫ ޖިންސީ ގޯނާ މައްސަލަ: ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން އައިމިނަތުދިޔެ ދޫކޮށްލައިފި

މުހައްމަދު އިޝާން

އައްޑޫ ސިޓީގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި، ހައްޔަރުކުރި 59 އަހަރުގެ އަންހެންމީހާ (އައިމިނަތުދިޔެ) ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އައްޑޫ ސިޓީ ހިތަދޫގައި އުމުރުން ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި އާމިނަތުދިޔެގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ކަމަށެވެ.

"މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާ ވަޒަންކުރުމަށްފަހު، ޖިނާއީ ދައުވާއެއް ކޮށްގެން ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާކަމަށް ބަޔާންކޮށް މިއަދު ޕީޖީ އޮފީހުން މައްސަލަ ވަނީ އަނބުރާ ފޮނުއްވާލާފައި،" ފުލުހުން ބުންޏެވެ.

ޕީޖީން އެ މައްސަލަ އަނބުރާ ފޮނުވާލުމުން އެ މައްސަލައިގެ ތުހުމަތަށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އަމިނަތުދިޔެ މިރޭ ބަންދުން ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ ތަހުގީގަށް ލިބުނު ހުރިހާ މައުލޫމާތެއްގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދުމަށް އެ މައްސަލައިގެ ތަހުގީގުގައި މަސައްކަތްކޮށްފައި ވާނެ ކަމަށާއި ނަމަވެސް އެމައްސަލައިގައި ހައްޔަރުކުރި މީހާ ފިޔަވައި އިތުރު މީހެއް ނުވަތަ ބައެއްގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް އެކަށީގެންވާ ހެއްކެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ސްކޫލުގައި ކިޔަވަމުންދާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށްބުނާ މައްސަލައެއްގައި، މިދިޔަ މަހުގެ 25 ވަނަ ދުވަހު އައްޑޫ ސީޓީ ހިތަދޫން ހައްޔަރުކުރި މީހާއަކީ ޝަރަފުއްދީން ސްކޫލުގެ މަސައްކަތު މީހެކެވެ. އުމުރުން 59 އަހަރުގެ އެ އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރު ނެރެފައެވެ.

މެޖިސްޓްރޭޓް ކޯޓުގެ އެ ނިންމުން އާމިނަތުދިޔެގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުން އިއްޔެ ހުކުމްކުރީ އާމިނަތުދިޔެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށެވެ.

ޖީންސީ ގޯނާކުރުމުގެ މައްސަލައިގައި އަމިނަތުދިޔެ ވަނީ ފްރޭމްކޮށްފައި ކަމަށް އެމީހާގެ އާއިލާ މީހުންނާއި އިތުރު ބައެއް މީހުން ބުނެ ވަނީ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގައި މުޒާހަރާވެސް ކޮށްފައެވެ.

އާމިނަތުދިޔެގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށްވެސް ވަނީ ހުށަހަޅައިފައެވެ. އަދި އެ ކޮމިޓީން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. މީގެ އިތުރުން އެ މައްސަލައިގައި އަންހެންމީހާ ދޫކޮށްލުމަށް އެދި ގިނަ ބަޔަކު ޕެޓިޝަނެއްގައި ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅިއެވެ.