މަޖިލީހުގެ ރައީސް

ގުޅިފަޅުން ބާޑި ނުދެނީ ކީއްވެތޯ، މަޖިލިސް ރައީސް ސުވާލު ކުރައްވައިފި

އިބްރާހިމް ޒަކީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅުގެ ދަށުން، މާލޭ ރައްޔިތުންނަށް 2000 ގޯތި ދޫކުރަން ނިންމަވާފައިވާ ގުޅިފަޅުން ބާޑި ދޭން ހިޔާލު ނުކުރައްވަނީ ކީއްވެގެންތޯ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސުވާލު ކުރައްވައިފިއެވެ.

މަޖިލިސް ރައީސް މި ސުވާލު ކުރެއްވީ، ރައީސް ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް މާލެ ސަރަހައްދުން 5000 ގޯތި ދޫ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާބެހޭގޮތުން، މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންއެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ދެއްވި މައުލޫމާތުތަކާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ލިޔުމުން ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި، މިނިސްޓަރު އަސްލަމް ވިދާޅުވީ، މާލޭ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ 5000 ގޯތީގެ ތެރެއިން ގުޅިފަޅުން ދޫކުރަން ހަމަޖެހިފައިވާ 2000 ގޯއްޗާބެހޭގޮތުން ލޭންޑްޔޫސްޕްލޭން ހަދައި ބިން ހިއްކުމުގެ މަސައްކަތުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ލޯނު އެގްރިމެންޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ، މިނިސްޓަރު ދެއްވި މައުލޫމާތުތަކަށް ބަލާއިރު ގުޅިފަޅުގެ މަސައްކަތް އިންތިހާއަށް ލަސްވެގެންދާތަން ފެންނަ ކަމަށެވެ. އެހެންކަމުން އެތަނުން ބާޑީ ދިނުމަށް މިނިސްޓަރު ހިޔާލު ކުރައްވަންތޯ، އެމަނިކުފާނު ސުވާލު ކުރެއްވިއެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި އޮތީ ލިޔުމުން ޖަވާބު ދެއްވުން ކަމަށްވާތީ، މަޖިލިސް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މަޖިލިސް ތަޅުމަށް މިނިސްޓަރު ވަޑައެއް ނުގަންނަވައެވެ.

"197 ގެ ތެރޭގައި މާލޭ ފަޅުން ގޯތި ދީފަ އެބަހުރި ބާޑި ދީފަ، އަދި މާލޭގެ އިތުރުން އަޅުގަނޑަށް މައުލޫމާތު ލިބިފަ އޮތް ގޮތުގައި ހިންނަވަރާއި ތުޅާދޫ އާއި މިރަށްރަށުން ވެސް އެބަހުރޭ ބާޑި ދީފަ، ގުޅިފަޅުގެ މަސައްކަތް އިންތިހާއަށް ލަސްވެގެންދާތަން ދެންމެ މިނިސްޓަރު އެ ވިދާޅުވެ ދެއްވި މައުލޫމާތުން އެބަ ފެނޭ، އެހެންވީމަ ހިތަށް އެބަ ވަދޭ މިނިސްޓަރު ބާޑި ދެއްވަން ހިޔާލު ކުރައްވަންތޯ،"

ގުޅިފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ 2000 ގޯތީގެ އިތުރުން ގިރާވަރު ފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ 2000 ގޯއްޗާއި، ހުޅުމާލޭން ދޫކުރުމަށް ހަމަޖެހިފައިވާ 1000 ގޯތި ދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މައުލޫމާތުވެސް މިނިސްޓަރު އަަސްލަމް މިއަދު ވަނީ މަޖިލީހާ ހިއްސާ ކުރައްވައިފައެވެ.

މިނިސްޓަރު ދެއްވި ޖަވާބުގައި ވިދާޅުވީ، ގިރާވަރު ފަޅުން 2000 ގޯތި ދޫކުރަން ބޭނުންވާ ބިންހިއްކުމަށްޓަކައި ކުރަންޖެހޭ ޕްލޭންތައް ކުރަމުން އަންނަ ކަމަށެވެ. އަދި އެޕްރޮޖެކްޓަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ހުޅުމާލޭން ދޫކުރަން ހަމަޖެހިފައިވާ، 1000 ގޯތި ދޭނެ ސަރަހައްދުތައް ކަނޑައަޅައި ޗާޓް ތައްޔާރު ކުރެވިފައިވާ ކަމަށާއި، އެ ސަރަހައްދުގެ މަގުތައް ހެދުމާއި ފެނާއި ނަރުދަމާގެ މަސައްތަކާއި، އެ ސަރަހައްދަށް ކަރަންޓާއި ފެން ލުމަށް އެޗްޑީސީ އާއި އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯއާއެކު މަޝްވަރާކޮށް، އެކަންތައް ކުރިއށްގެންދިއުމާބެހޭ ތާވަލެއް ހުށަހެޅުމަށް ވިދާޅުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހުޅުމާލެއިން ގޯދި ދޫކުރާނެ އުސޫލު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެކަމަށްޓަކައި ކަނޑައަޅާ އުސޫލާ އެއްގޮތަށް ގޯތި ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުޅުވާލެވޭނެ ކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އަންނަ ޖޫންމަހުގެ ތެރޭގައި އެ މަސައްކަތްތައް ނިމޭނެކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.