ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ޒޯން ޗެމްޕިއަންކަން ކ. ގާފަރުގެ އިތުރުން އދ. މާމިގިލި އަދި ގދ. ވާދޫން ހޯދައިންފިއެވެ.

މުބާރާތުގެ ތިން ޒޯނެއްގެ ފަހު މެޗުތައް ރޭ ކުޅެފައިވާ އިރު، ރޭގެ މެޗުތައް ފެނުނީ ފޯރިގަދަ ކޮށެވެ. ތިން ޒޯނުގައިވެސް، ކޮންމެ ޒޯނަކުން ހަތަރު ޓީމު ކުޅުނީ ލީގު ބުރެކެވެ. ކޮންމެ ގްރޫޕެއްގެވެސް ލީގުގެ ބުރުގެ ފަހު ދެމެޗު އެއް ގަޑިއެއްގެ ރޭ ކުރިއަށް ގެންގޮސްފައިވާ އިރު، ފުރަތަމަ ކުޅުނީ ޒޯން ތިނެއްގެ ދެމެޗެވެ. އެ ދެމެޗަށް ނުކުތް އިރު ހަތަރު ޓީމަށްވެސް ގަދަ 16 ގެ ފުރުސަތު، އަދި ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތުވެސް އޮތެވެ.

ކ. ގާފަރަށް ޒޯން ތިނެއްގެ ޗެމްޕިއަންކަން ޔަގީންވީ އެޓީމުން ކުޅުނު ގްރޫޕްގެ ފަހު މެޗުގައި 0-0 އިން އއ. މަތިވެރިއާ އެއްވަރު ވެގެންނެވެ. އެ ގްރޫޕުގައި ދެން ކުޅުނު އަނެއް މެޗުގައި ކ. ކާށިދޫން ޅ. ހިންނަވަރު ބަލިކުރީ 5-1 ގެ ނަތީޖާއަކުން ނަމަވެސް އެއްވަނައިގައި އޮތް ގާފަރާއި ދެވަނައިގައި އޮތް މަތިވެރިއަށް ފަސް ޕޮއިންޓް ލިބުމުން ކާށިދޫ ކެޓީއެވެ.

ޒޯން ތިނެއްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ތިން ކުޅުންތެރިއަކަށް ލިބިފައިވެއެވެ. އެއީ ކ. ގާފަރުގެ އަލީ މާއިސް (މައްޓު) އާއި އެ ރަށުގެ ގައިސާން އަބޫބަކަރު އަދި އއ. މަތިވެރީގެ މުހައްމަދު އިމްރާން (ކުޑަ އިންމަ)އެވެ. އެ ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކ. ގާފަރުގެ މައްޓު އެވެ.

ރޭގެ މެޗުގައި ކާށިދޫގެ ގޯލުތައް ޖަހައިދިނީ އަހުމަދު ނާސިހާއި، އަހުމަދު ނިސާހްގެ އިތުރުން އަބްދުﷲ ސުޒައިރު އަދި ޝައްފާން ހަލީމެވެ. ހިންނަވަރުގެ ހަމައެކަނި ގޯލު ޖަހައިދިނީ އިބްރާހީމް ނިހާން އުސްމާނެވެ.

ޒޯން ހަތަރެއްގެ ޗެމްޕިއަންކަން މާމިގިލިން ހޯދީ ގްރޫޕުގައި ކުޅުނު ފަހު މެޗުގައި 9-4 އިން މ. މުލައް ބަލިކޮށްގެންނެވެ. އެ ގްރޫޕުގައި ދެން ކުޅުނު އަނެއް މެޗުގައި އދ. އޮމަދޫ ކައިރީ މ. ދިއްގަރު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މާމިގިލިން ރޭ ކުޅުނު މެޗުގެ ގޯލުތައް އެޓީމަށް ޖަހައިދިނީ ހައިޝަމް އަރީފްގެ އިތުރުން މޫސޫ ހަސަންފުޅާއި އުނައިޒް ގާސިމް، ހިޝާމް ސަލީމް (ކޮކީ) އަދި އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ. މެޗުގައި މުލަކުގެ ގޯލުތައް ޖަހައިދިނީ އަހުމަދު ރަޝީދާއި އާދަމް ޝަމީމެވެ. އެ ދެކުޅުންތެރިންވެސް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ.

ދިއްގަރުން ގަދަ 16 ޔަގީންކުރި މެޗުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ސާގިބާއި ނޫހު މަސްއޫދު އަދި އަލީ މާޖިދެވެ. މެޗުގައި އޮމަދޫގެ ހަމައެކަނި ގޯލު ޖަހައިދިނީ އަބްދުﷲ އަޖުރަމްއެވެ. އޮމަދޫއާއި ދިއްގަރު ވާދަކުރި މެޗުގެ ތެރެއިން ކުޅުންތެރިއަކަށް ސީރިއަސް އަނިޔާއެއްވެ، މެޗު މެދުކަނޑާލަން ޖެހިފައިވެއެވެ. އޮމަދޫގެ ކުޅުންތެރިޔާއަށް އަނިޔާވީ ދަނޑުގެ އަރިމަތިން ކަހާލައިގެން ގޮސް އިސްތިހާރު ބޯޑެއްގައި ޖެހިގެންނެވެ. އޭނާއަށް އަނިޔާވުމުން އެމްބިއުލަންސްގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ.

އެ ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ މާމިގިލީގެ ހައިޝަމްއެވެ.

ޒޯން ހައެއްގެ ފަހު ދެމެޗުވެސް ފެނުނީ ފޯރިގަދަ ކޮށެވެ. އެ ޒޯނުގެ ޗެމްޕިއަންކަން ގދ. ވާދޫން ހޯދީ ކުޅުނު ފަހު މެޗުގައި 2-1 އިން ގއ. މާމެންދޫ ކައިރީ މޮޅުވެގެންނެވެ. މެޗުގައި ވާދޫގެ ގޯލުތައް ނަޝާތު އަހުމަދު (ނައްޓު) އާއި މުސައްނިފް މުހައްމަދު (މުއްސަ) ޖަހައިދިން އިރު، މާމެންދޫގެ ހަމައެކަނި ގޯލު ޖަހައިދިނީ އަހުސަމް ހަސަން ދީދީއެވެ.

އެ ޒޯނުގެ ފަހު މެޗުގައި 2019 ވަނަ އަހަރު މުބާރާތުގެ ސެމީގައި ކުޅުނ ލ. ގަމާއި ގއ. ކޮނޑޭ ވާދަކުރި މެޗު، ކޮނޑޭއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ ކޮނޑޭއިންވެސް ގަދަ 16 ޔަގީން ކޮށްފައިވާ އިރު، އެޓީމުގެ ގޯލުތައް މެޗުގައި ފެނިގެން ދިޔައީ އިނާން އަހުމަދު (ބަޓޫކް) އަދި ޝިފާޒް އާދިލް (ތުއްތު)ގެ ފަރާތުންނެވެ. ގަމުގެ ހަމައެކަނި ގޯލު ޖެހީ ހަސަން ފަވާޒެވެ.

މެޗަށްފަހު ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފައިވާ އިރު، ގަމުގެ އޮފިޝަލުންނާއި ކުޅުންތެރިން ވަނީ ރެފްރީއަށް ވަރަށް ބޮޑަށް ޝަކުވާކޮށްފައެވެ. އަދި ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ރެފްރީއަށް ހުރަސް އަޅައި، ރެފްރީއަށް އިންޒާރުތައް ދިންތަންވެސް ފެނިގެން ގޮސްފައިވެއެވެ.

ޒޯން ހައެއްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ތުއްތު ހޮވުނު އިރު، އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުހައްމަދު އިޔާދު އަލީއެވެ.

ޖުމުލަ 91 ޓީމާއެކު ފެށި މުބާރާތުގެ ޒޯން ބުރުގައި ޓީމުތައް ވާދަކުރާނީ އަށް ޒޯނަކަށެވެ. ކޮންމެ ޒޯނަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމު ފައިނަލް ބުރަށް ދާނެއެވެ. ޒޯން ބުރުގެ މެޗުތައް ނިމޭނީ މިރޭއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.

20:15 ތ. އޮމަދޫ - ދ. ކުޑަހުވަދޫ (ޒޯން 5)

20:15 ފ. ބިލެއްދޫ - ތ. ތިމަރަފުށި (ޒޯން 5)

21:15 ވިލިމާލެ - ހުޅުމާލެ (ޒޯން 8)

21:15 ހެންވޭރު - މާފަންނު (ޒޯން 8)

22:15 ށ. ކަނޑިތީމް - ހއ. އިހަވަންދޫ (ޒޯން އެކެއްގެ ފައިނަލް)

22:15 ނ. ކުޑަފަރި - ރ. ދުވާފަރު