ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫގެ ގައްދޫ ރެކްރިއޭޝަން ކްލަބުން މިއަދު އަމިއްލަ ދަނޑުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކައިރިން ބަލިވެއްޖެއެވެ.

މިއަދު ގައްދޫ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާއިން 7-0 އިން މޮޅުވެ، މިވަގުތަށް އެޓީމު ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. އެއީ އަށް މެޗުން 19 ޕޮއިންޓާއެކު، ފައިދާ 17 ގޯލުންނެވެ. ވިކްޓްރީ ސްޕޯޓްސް ކްލަބު ދެވަނައިގައި އޮތީ ހަތް މެޗުން 19 ޕޮއިންޓާއެކުގައެވެ. އެޓީމާއި މާޒިޔާގެ ފަރަގަކީ ފައިދާ ގޯލްގެ ފަރަގެވެ. ވިކްޓްރީގެ ފައިދާ ގޯލްގެ އަދަދަކީ 13 އެވެ.

ގައްދުއަށް މިހާތަނަށް ލީގުގައި އަދި ޕޮއިންޓެއް ހޯދިފައެއް ނުވެއެވެ. އެޓީމަށް އަށް މެޗު ކުޅުނު އިރު ޕޮއިންޓެއް ލިބިފައި ނުވުމާއެކު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.

މެޗު ފެށިގެން ފުރަތަމަ މިނެޓުން ފެށިގެންވެސް މާޒިޔާ ފެނުނީ ނުރައްކާތެރިކޮށެވެ. އެޓީމުގެ އެޓޭކް މާބޮޑަށްވެސް ރަނގަޅަށް ފެނިގެން ދިޔަ އިރު، ކުރީކޮޅުގައި އަހުމަދު އައިހަމް (ފަތޯ) އާއި ކޯޖޯ ޗަބެލް ގޮމޭޒްގެ ނުރައްކާ ފެނުނެވެ. މެޗުގެ 11 ވަނަ މިނެޓުގައި ގޮމޭޒް މާޒިޔާއަށް ލީޑު ނަގައިދިން އިރު، އޭގެ ދެމިނެޓެއްހާއިރު ފަހުން މުހައްމަދު އިލާން އިމްރާން ވަނީ ދެވަނަ ގޯލް ޖަހައިދީފައެވެ. އެއީ ކޯނަރެއްގައި ހުރަސްވި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެންނެވެ.

މާޒިޔާއިން ދެން މެޗުގައި ޖެހި އަނެއް ހުރިހާ ގޯލެއްވެސް ޖެހީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފް ފެށިތަނުން އިތުރު ކޯނަރެއްގައި އިލާން ބޮލުން އޭނާގެ ދެވަނަ ގޯލް ކާމިޔާބު ކޮށްފައިވާ އިރު، އޭގެފަހުން ފަތޯ ވަނީ މާޒިޔާގެ ހަތަރު ވަނަ ގޯލް ޖަހައިފައެވެ. ފަތޯ އޭރިއާ ބޭރުން އަރިމަތިން ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސީދާ ދުރު ކަނަށެވެ.

މެޗުގެ 60 ވަނަ މިނެޓުގައި އިލާން އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އިރު، 72 ވަނަ މިނެޓުގައި އަބްދުﷲ ލޫތު އިބްރާހީމް (ސާނޭ) ގޯލް ޖެހީވެސް އިލާން ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. މާޒިޔާގެ ހަވަނަ ގޯލްވެސް ފަތޯ ޖެހި އިރު، މެޗުގެ 84 ވަނަ މިނިޓްގައި މާޒިޔާގެ ހަތްވަނަ ގޯލް ޖެހީ ފަތޯގެ ޖެހުމަކުން، ސަމޫހު އަލީ (ސަމުއްޓެ) އެވެ.