އިނގިރޭސި ޕްރިމިއާ ލީގަށް ވާދަކުރާ އާސެނަލާއި މެންޗެސްޓާ ސިޓީން މިރޭ ކުޅުނު މެޗު 2-2 އިން އެއްވަރުވި އިރު، ލިވަޕޫލުން އެވަޓަންއާ ދެކޮޅަށް ކުޅުނު މާސީ ސައިޑް ޑާބީ މެޗުވެސް 1-1 އިން އެއްވަރު ވެގެން ނިމިއްޖެއެވެ.

އާސެނަލާއި ސިޓީން މިރޭ މެޗަށް ނުކުތް އިރު، އެއީ ތާވަލުގެ އެއްވަނައާއި ދެވަނައިގެ ކުރިމަތިލުމެކެވެ. އާސެނަލުން މިރޭ ހޯދި ޕޮއިންޓާއެކު 12 މެޗުން 29 ޕޮއިންޓް ހޯދައިގެން އެއްވަނައިގައި ލީޑު ދަމަހައްޓާފައިވާ އިރު، ސިޓީ މިވަގުތު ދެވަނައިގައި އޮތީ 12 މެޗުން 23 ޕޮއިންޓާއެކުގައެވެ. ލިވަޕޫލުން ޕޮއިންޓަކާއެކު ހަތަރު ވަނައިގައި އޮތް އިރު، އެޓީމަށް 12 މެޗުން ލިބިފައި ވަނީ 22 ޕޮއިންޓެވެ. އެވަޓަން މިވަގުތު 10 ވަނައިގައި އޮތީ 12 މެޗުން 17 ޕޮއިންޓާއެކުގައެވެ.

އާސެނަލާއި ސިޓީގެ ވާދަވެރިކަން މިދިޔަ ދެތިން ސީޒަނުގައިވެސް ބޮޑުވެފައިވާ އިރު، މިރޭ އާސެނަލް ދަނޑުގައި ރަނގަޅަށް ފެށީ ސިޓީންނެވެ. އެޓީމުގެ އެޓޭކް ލައިނުން އާސެނަލްގެ ފަހަތަށް ރަނގަޅަށް ޕްރެސް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ކުރީކޮޅުގައިވެސް ދެތިން ފުރުސަތެއް ހޯދިއެވެ.

ސިޓީގެ ޕްރެޝަރުގެ ނަތީޖާއެއްގެ ގޮތުން، 23 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ. އަރިމަތިން ޖޮސްކޯ ގްވާޑިއޯލް އާސެނަލްގެ ޖޫރިއެން ޓިމްބާ ކައިރިން ނައްޓާލުމަށްފަހު ނަގައިދިން ބޯޅަ ގޯލް ތެރެއަށް ވައްދާލީ އާލިން ހާލަންޑެވެ. އެ ގޯލާއެކު ސިޓީން ލީޑު ނެގި ނަމަވެސް، އާސެނަލުން ދިޔައީ މަޑުމަޑުން މެޗުތެރެއަށް ވަންނަމުންނެވެ.

މެޗުގެ 40 ވަނަ މިނެޓުގައި އާސެނަލް އެއްވަރުވެސް ކުރިއެވެ. އަރިމަތިން ނަގައިދިން ހުރަހެއްގައި މިކޭލް މެރީނޯ އޭރިއާ ތެރެއިން ބޮލުން ޖައްސާލި ބޯޅަ ގޯލަށް ވައްދާލީ ކައި ހަވާޓްސްއެވެ.

ދެވަނަ ހާފަށް ނުކުމެވެސް ރަނގަޅަށް ފެށީ ސިޓީންނެވެ. އާސެނަލް ކުރިއަށް ޖެހި ހަމަލާއަކަށް މަސައްކަތް ކުރަނިކޮށް، އައްޔޫބް ބުއާދީ ބޯޅަ ހޯދައިގެން ކުރިއަށް ގޮސް، އެންޒޯ ފެނާންޑޭޒްއަށް ޖައްސާލި ބޯޅައިގައި، މެޗުގެ 48 ވަނަ މިނެޓު ސިޓީން އަނެއްކާވެސް ލީޑު ނެގިއެވެ.

އޭގެފަހުން އިތުރު ދެ ފުރުސަތެއް ލިބި ބޭކާރުވި އިރު، ބަދަލުތަކާއެކު ކުރި މަސައްކަތުން އާސެނަލް އަނެއްކާވެސް އެއްވަރުކުރިއެވެ. އެއީ ކޯނަރެއްގައެވެ. އާސެނަލްގެ ކޯނަރަށް ސިޓީ ކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ މަސައްކަތް ކުރި ނަމަވެސް އޭނާ އަތުގައި ނުޖެހި ދިޔުމުން ގޯލަށް ވަނީ ޓިމްބާ ފައިގައި ޖެހިފައެވެ. އެ ބޯޅައަށް ޑޮނަރޫމާ މަސައްކަތް ކުރި ވަގުތު، ގެބްރިއަލް މަގަލެޔަސް ޑޮނަރޫމާއަށް ފައުލްކުރިތޯ ވީއޭއާރް ބެލިއެވެ. ރެފްރީ ނިންމީ ގެބްރިއަލް ޖެހުނު ނަމަވެސް ފައުލެއް ނުކުރާ ކަމަށެވެ.

ފޯރިގަދަ ކުރިމަތިލުން ނިމެން ދަނިކޮށް، އެންމެ ފަހުވަގުތުގައި އަނެއްކާވެސް ވީއޭއާރްގެ ބޭނުންކުރަން ރެފްރީއަށް ޖެހުނެވެ. އެއީ ސިޓީގެ ކޯނަރެއްގައި ގްވާޑިއޯލް އޭރިއާ ތެރެއިން ބޮލުން ޖެހި ބޯޅަ، އާސެނަލްގެ ގޯލް ކުރިމަތީގައި ހުރި ވިކްޓޯ ޔޯކެރޭޝަން އަތުގައި ޖެހުމުންނެވެ. ޔޯކެރޭޝްގެ އަތް މައްޗަށް އުފުލިފައި އޮތް ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ ބޯޅަ ޖެހުނު ވަގުތު އޭނާގެ އަތް އޮތީ ނެޗުރަލް ޕޮސިޝަނެއްގައި ކަމަށެވެ.

އެ ނިންމުމަށް މެޗަށްފަހުވެސް ސިޓީގެ ކުޅުންތެރިން ވަނީ ރެފްރީއަށް ޝަކުވާ ކޮށްފައެވެ.

ލިވަޕޫލުން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ފަސްވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލީޑު ނަގައިފައެވެ. އެއީ ފޯމުގައި ތިބި ދެ ކުޅުންތެރިންގެ ތަފާތަކުންނެވެ. ފްލޯރިއަން ވާޓްސް ތަނަވަސްކޮށްދިން ފުރުސަތުގައި ގޯލް ޖަހައިދިނީ ޑޮމިނިކް ޝޮބޮސްލާއީއެވެ.

ހާފު ނިމުމުގެ ކުރިން އެވަޓަން ހަމަހަމަކުރިއެވެ. އެ ގޯލަކީ ޖެރަމީ ފްރިމްޕޮންގް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.